ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް 25 ދަރިވަރުން ހޮވައިފި

މިއަހަރުގެ ދިރާގު ގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް ހޮވުނު ދަރިވަރުން—ފޮޓޯ / ދިރާގު
މިއަހަރުގެ ދިރާގު ގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް ހޮވުނު ދަރިވަރުން—ފޮޓޯ / ދިރާގު

ޒުވާނުން ވަޒީފާއަށް ހޭލުންތެރިކޮށް، ވަޒީފާގެ މާހައުލުގެ ތަޖުރިބާ ދިނުމަށް ކުރިޔަށް ގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން، 25 ޒުވާނަކަށް ދިރާގުން އެޕްރެންޓިސްޝިޕް ހަވާލުކޮށްފިއެވެ.

ދިރާގުގެ އިޖްތިމާއީ ޒިންމާގެ ދަށުން ކޮންމެ އަހަރަކުވެސް 18 އަހަރާއި 24 އަހަރާ ދެމެދުގެ ޒުވާނުންނަށް، ދިރާގުގައި އެޕްރެންޓިސްޝިޕް ފުރިހަމަ ކުރުމުގެ ފުރުސަތު ދެއެވެ. ދިރާގުން 2009 ވަނަ އަހަރުން ފެށިގެން ކުރިޔަށް ގެންދާ މި ޕްރޮގްރާމުގައި މިހާތަނަށް 149 ކުދިން ބައިވެރިވެފައިވާކަމަށް ދިރާގުން ބުނެއެވެ.

މިއަހަރުގެ އެޕްރެންޓިސުންގެ ގޮތުގައި ހޮވުނު 25 ޒުވާނުންނަށް އެންރޯލްމެންޓް ސެޓްފިކޭޓް ހަވާލުކޮށްދިނީ، ދިރާގު ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި، ދިރާގުގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު އިސްމާއިލް ރަޝީދެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގަނީ މާލޭގެ އިތުރުން ރާއްޖޭގެ އަށް ސަރަހައްދުގައި ދިރާގުން ގާއިމުކޮށްފައިވާ އޮޕަރޭޝަން ސެންޓަރުތަކުގައި، އެކި ދާއިރާތަކުންނެވެ. އެ ދާއިރާތަކުގެ ތެރޭގައި ސޭލްސް، މާކެޓިންގް، ޕްރޮކިއުމަންޓްސް، ހިއުމަން ރިސޯސެސް، ފިނޭންސް، އިންފޮމޭޝަން ސިސްޓަމްސް، ނެޓްވޯކްސް އަދި ކަސްޓަމަރ ސޮލިއުޝަންސް ހިމެނެއެވެ.

އެޕްރެންޓިސްޝިޕްގެ ދަށުން އެޕްރެންޓިސުންނަށް އެކި ކޯސްތަކާއި ޓްރޭނިންގްތައް ހިންގެއެވެ. އޭގެ ތެރޭގައި އެތިކްސް، ޓައިމް މެނޭޖްމެންޓް، ކޮމިއުނިކޭޝަންސް ސްކިލްސް، އަދި ޖޮބް އިންޓަވިއު ސްކިލްސް ފަދަ ކަންކަން ހިމެނޭ ގޮތަށް ސޮފްޓް ސްކިލްސް ޑިވެލޮޕްމެންޓް ޓްރޭނިންގްތައް ހިމެނެއެވެ.

މި ރަސްމިއްޔާތުގައި ދިރާގުގެ ސީއީއޯ ވިދާޅުވީ، އެޕްރެންޓިސުންނަށް ލެކްޗާތަކާއި ޓްރޭނިންގްތައް ކުރިޔަށް ގެންދިއުމަށް ދިރާގުގެ މުވައްޒަފުން ވަރަށް ގިނަ ވަގުތު ހޭދަކުރާ ކަމަށާއި، އެ މުވައްޒަފުންނަށް ޝުކުރު އަދާކުރާ ކަމަށެވެ.

އަދި ކުރިޔަށް އޮތް ތަނުގައި އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި، މިހާރަށް ވުރެ ވެސް އިތުރު ބައިތައް ހިމަނައިގެން ކުރިޔަށް ގެންދަން ގަސްދު ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު އެޕްރެންޓިސްޝިޕް ހަވާލުކުރި ޒުވާނުންގެ ތެރެއިން ބައެއް ޒުވާނުން މަސައްކަތް ކުރާނީ، އަތޮޅު ތެރޭގައި ހުންނަ ދިރާގުގެ އޮޕަރޭޝަން ސެންޓަރުތަކުގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.