ބ. މާޅޮހު ސްކޫލުގެ މިދިޔަ އަހަރުގެ ހުރިހާ ގޮތަކުން އެންމެމޮޅު ދަރިވަރަކަށް އެރަށު ބާދަލު، ފާރިއު އަފްރާހު ހޮވައިފި އެވެ.
ފާރިއު ވަނީ އޯ ލެވެލް އިމްތިހާނުގެ ހުރިހާ މާއްދާއަކުން އޭ ފާސް ހޯދައިގެން ގައުމީ ގަދަ ދިހައަކުން އެއް ވަނަ އަށް ވެސް އަރައިފަ އެވެ. އަދި އޭނާ ވަނީ ކޮމާސް އިން މުޅި ރާއްޖެއިން އެއްވަނަ އަދި މުޅި ދުނިޔެއިން 6 ވަނަ ހޯދައިފަ އެވެ.
ފާރިއު އަށް އިނާމު ހަވާލުކޮށްދެއްވީ ހުކުރު ދުވަހުގެ ރޭ މާޅޮހު މަދަރުސާގައި އޮތް މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި އެޑިއުކޭޝަން މިނިސްޓްރީގެ ލީގަލް އޮފިސަރު މުހައްމަދު ހަނީފު އެވެ.
މާޅޮހު މަދަރުސާގެ ޕްރިންސިޕަލް އައްބާސް ހުސައިން ވިދާޅުވީ މިދިޔަ އަހަރުގެ އޯ ލެވެލް އިމްތިހާނުގައި އެ ސްކޫލު ދަރިވަރުން ހޯދި ނަތީޖާ ވަރަށް ރަނގަޅު ކަމަށެވެ. އެގޮތުން ފަސް މާއްދާއިން ފާސްވި ދަރިވަރުންގެ އަދަދު އުޅެނީ 80 ޕަސެންޓުގައި ކަމަށް އޭނާ ވިދާޅުވި އެވެ.