ގޯލްޑަން ފުޓްސަލް: އޭދަފުށި – ތުޅާދޫ މެޗު މިރޭ 8:15 ގައި

ގޯލްޑަން ފުޓްސަލް 2019 ވަނަ މުބާރާތުގައި އޭދަފުށި ކުޅެނީ

މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބާއްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ބ. އަތޮޅު ރައުންޑުގެ ފުރަތަމަ މެޗުގައި މިރޭ އޭދަފުއްޓާ ތުޅާދޫ ވާދަކުރާނެ އެވެ. އޭދަފުއްޓާ ތުޅާދޫގެ އިތުރުން މުބާރާތުގައި ވާދަކުރަނީ ހިތާދޫ އިންނެވެ.

ހުޅުމާލޭގެ ރެހެންދި ސްކޫލް ކައިރިގައި އޮންނަ ފުޓްސަލް ދަނޑުގައި އޭދަފުއްޓާ ތުޅާދޫ ވާދަކުރާ މެޗު ފަށާނީ މިރޭ 8:15 ގަ އެވެ.

މުބާރާތުގައި އޭދަފުށި ތަމްސީލުކުރަނީ ޔުނައިޓެޑް ވީގެ ނަމުގަ އެވެ. މުބާރާތަށް ޔުނައިޓެޑް ވީ އިން ޓީމު އެކުލަވާލީ މުޅި އޭދަފުށި ހިމެނޭހެން އެންމެ ރަނގަޅު ކުޅުންތެރިންނާއެކު އެވެ. އެކަމަކު ގޯލްޑަން ފުޓްސަލްގެ އެންމެ ފަހުގެ ދެ މުބާރާތުގައި އޭދަފުށީ ޓީމުގައި މުހިއްމު ދައުރެއް އަދާކުރި އިޝާން އިބްރާހީމް (ސައްޓު) އާއި ގޯލްކީޕަރު އަބްދުﷲ ނާސިހު އަށް ފުޓްސަލް ގައުމީ ސްކޮޑުން ފުރުސަތު ލިބުމުން މިފަހަރުގެ ގޯލްޑަން ފުޓްސަލް ޓީމުން ނުފެންނާނެ އެވެ. ޔުނައިޓެޑް ވީ އިން ބުނީ މުހިއްމި ދެ ކުޅުންތެރިން ނެތްނަމަވެސް މިފަހަރުގެ މުބާރާތުގައި އޭދަފުށިން ވާދަކުރާނީ ވަރުގަދަ ޓީމެއް ކަމަށެވެ.

މުބާރާތުގައި އޭދަފުށިން މީގެ ކުރިން ވާދަކުރިން 2018 އަދި 2019 ވަނަ އަހަރު އެވެ. ފުރަތަމަ އަހަރުގެ މުބާރާތުގައި ސެމީ ފައިނަލުގައި ޗެމްޕިއަން މާފަންނުއާ ވާދަކޮށް އޭދަފުށި ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ. އެފަހަރު އަތޮޅު ޗެމްޕިއަންކަމާއި ޒޯން ރަނަރަޕްކަން އޭދަފުށިން ހޯދި އެވެ. ޒޯން ބުރުގައި ރ. އަލިފުށި އަތުން ބަލިވި ނަމަވެސް ނ. މާފަރު ބަލިކޮށް ދެ ވަނަ ބުރަށް ދަތުރުކުރި އެވެ. ސެމީ ފައިނަލަށް ކުރި ދަތުރުގައި މ. ދިއްގަރާއި ހދ. ނައިވާދޫ ވަނީ ބަލިކޮށްފަ އެވެ.

2019 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލުގައި އޭދަފުށި ވަނީ ވާދަކޮށްފަ އެވެ. ފައިނަލުގައި ތ. ތިމަރަފުއްޓާ ވާދަކޮށް އޭދަފުށި ބަލިވީ 5-2 އިންނެވެ. އެފަހަރުގެ މުބާރާތުގެ އަތޮޅު ޗެމްޕިއަންކަން އޭދަފުށި ހޯދީ ހިތާދޫ އާއި ތުޅާދޫއާ ވާދަކޮށެވެ. އޭގެފަހުން ޒޯން ބުރުގައި ރ. އިނގުރައިދޫ އާއި ނ. ހޮޅުދޫއާ ވާދަކޮށް ޗެމްޕިއަންކަން ހޯދި އެވެ. ގަދަ 16 ގެ މެޗުގައި ހދ. ނައިވާދޫ އާއި ކުއާޓާ ފައިނަލުގައި ރ. އިނގުރައިދޫ އަތުން މޮޅުވީ ޕެނަލްޓީ ޖަހައިގެންނެވެ. ފައިނަލުގެ ޖާގަ ކަށަވަރުކުރީ ފަހު ވަގުތު ށ. ގޮއިދޫގެ މައްޗަށް ކުރި ހޯދައިގެންނެވެ.
ތުޅާދޫ އިން ވަނީ 2017 ވަނަ އަހަރު ހިތާދޫ ބަލިކޮށް ގޯލްޑަން ފުޓްސަލްގެ އަތޮޅު ޗެމްޕިއަންކަން ހޯދައިފަ އެވެ. އެކަމަކު އޭގެފަހުން ހިތާދޫ އާއި އޭދަފުށީގެ މައްޗަށް ކުރި ހޯދައި ތުޅާދޫ އަށް އަތޮޅު ތައްޓާ ހަމައަށް ދެވޭގޮތެއްނުވި އެވެ. މިއަހަރުގެ މުބާރާތަށް ތުޅާދޫ އިން ވެސް ދުރާލާ ތައްޔާރުވެ ވަރުގަދަ ޓީމެއް ވަނީ އެކުލަވާލާފަ އެވެ.

އަތޮޅު ބުރުގައި މި މަހުގެ ހަތް ވަނަ ދުވަހު ހިތާދޫ އާއި ތުޅާދޫ ވާދަކުރާއިރު ފަހު މެޗުގައި އޭދަފުއްޓާއި ހިތާދޫ ކުޅޭނީ މި މަހުގެ 10 ވަނަ ދުވަހު އެވެ. ޒޯން ބުރަށް ހޮވޭނީ އަތޮޅު ބުރުން ޗެމްޕިއަންކަން ހޯދާ ޓީމަކަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.