“ގުރަހަ އެވޯޑް” އާރިފާ ޔޫސުފަށް

ގުރަހަ އެވޯޑު ލިބުނު އާރިފާ ޔޫސުފަށް އެވޯޑު ހަވާލުކޮށްދެއްވަނީ.—

އަންހެނުން ކުރާ މަސައްކަތާއި ޚިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ބ. އޭދަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން މިއަހަރު ތައާރަފުކުރި ގުރަހަ އެވޯޑު،  އޭދަފުށީ ރޯޝަނީގޭ އާރިފާޔޫސުފަށް ލިބިވަޑައިގެންފި އެވެ.

އަންހެނުންގެ ދުވަސް ފާހަގަކުރުމަށް މިރޭ އޭދަފުށީގައި ބޭއްވި ހަފުލާގައި އާރިފާ ޔޫސުފަށް އެވޯޑް ހަވާލުކޮށްދެއްވީ ވިމެން އެންޓަޕްރިނިއާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ މުއައްސިސް އަދި ރައީސް ޑރ. ޝާއިރާ ސަލީމެވެ.

އޭދަފުށީގައި ތަފާތު އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ އަންހެނުންނަށް “ގުރަހަ އެވޯޑް” ގެ ނަމުގައި އަންހެނުންގެ ކޮމެޓިން އަލަށް ތައާރަފުކުރި މި އެވޯޑް ދެނީ އަންހެނުން ބާރުވެރި ކުރުމަށްޓަކައި ރަށަށް ނުވަތަ އަންހެނުންގެ ތަރައްގީއަށް  އެކި ގޮތްގޮތުން މަސައްކަތްކުރާ އަންހެނުންގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.       

އާރީފާ ޔޫސުފަކީ އޭދަފުށީ މިއަދު މިދެކޭ ތަރައްގީގެ ބާނީ، އަލްމަރުހޫމް ޔޫސުފްކަލޭފާނުގެ ލޮބުވެތި ދަރިކަނބަލެކެވެ. އޭނާ ތައުލީމު ހާސިލް ކުރެއްވީ މާލޭގެ އަމީނިއްޔާ ސްކޫލުންނެވެ. ނަމަވެސް އާރިފާ ބޭނުންފުޅުވާ ހިސާބަށް ތައުލީމުގެ ދުވެލި ކުރިއަށް ނުގެންދެވި އެނބުރި ރަށަށް ވަޑައިގަތީ  އެއީ އޭނާގެ ބައްޕަގެ ނިންމެވުން ކަމަށް ވާތީ އެކަމަށް އިއުތިރާޒް ކުރުމުގެ ހިތްވަރު ނެތުމުންނެވެ.

އުފަން ރަށަށް އެނބުރި އައިސް މަސައްކަތް ކުރެއްވީ މާލެއިން އޭނާ ދުށް ތަރައްގީ އާއި ކުރިއެރުން އޭދަފުއްޓަށް ގެނެސްދެވޭތޯ އެވެ. އަދި ހޭލުންތެރި މުޖްތަމައަކަށް ބޭނުންވާ އަސާސީ ރުކުންތައް ފުރިހަމަ ވެފައިވާ އުފާވެރި އާއިލާ ތަކެއް ދިރިއުޅޭ ރަށަކަށް ހެއްދެވުމަށެވެ.

ދިވެހި ރާއްޖެއަށް އާރިފާ ތައާރަފްވެގެން ދިޔައީ 1978 ވަނަ އަހަރު ރައީސް މައުމޫން ރާއްޖޭގެ ވެރިކަމާ ހަވާލުވެ ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އޭދަފުށިން މާލެއަށް ދިޔަ ވަފްދުގެ މެންބަރެއްގެ ގޮތުންނެވެ.

“އާދެ. ވަފްދުގައި ހިމެނުނު އިއްޒަތް ދެކަނބަލުންގެ ތެރެއިން އެއްބޭފުޅަކީ އާރިފާ. ޚާއްސަ އަނެއްކަމަކީ ވަފްދުގެ ފަރާތުން ރައީސް މައުމޫނަށް ތަހުނިޔާ ކިއުމުގެ ގޮތުން ތައްޔާރު ކޮށްފައިވާ ރިޕޯޓް އޭދަފުށީ ރައްޔިތުން ހުށަހަޅައިދެއްވީ އާރިފާ ކަމަށްވުން،” އާރިފާ އާ ގުޅޭ ގޮތުން މިރޭ ދެއްކި ޕްރެޒެންޓޭޝަން ރިޕޯޓްގައި ބުންޏެވެ.

އޭދަފުށީގެ އަންހެނުން ބާރުވެރި ކުރުވުމުގެ މަސައްކަތް އާރިފާ ފެއްޓެވީ ރައީސް ނާސިރުގެ ވެރިކަމުގެ ފަހުކޮޅު އުމުރުން 25 އަހަރުގައެވެ. އަންހެނުންނަކީ މަސައްކަތްތެރި އަދި ގައުމީ ހިދުމަތުގައި ފިރިހެނުންނާއި އެއްވަރަށް އެއްހަމައެއްގައި މަސައްކަތް ކުރެވިދާނެ ބައެއްކަން ސާބިތު ކޮށްދިނުމުގެ މަސައްކަތަށް އާރިފާ ނުކުތީ އޭދަފުށީ އަންހެނުން ކޮމެޓީގެ ރައީސާގެ މަގާމަށް އިންތިހާބުވުމާ ހަމައިންނެވެ.

އެހިސާބުން ފަސް އެނބުރި ބެލުމެއްނެތި އާރިފާ، ބ.އަތޮޅު އަތޮޅުގެ ތަރައްގީއަށް އުފެދިފައިވާ އަތޮޅު ކޮމިޓީގެ މެންބަރެއްގެ ގޮތުން ފިރިހެނުންނާއި އެއް ވަރަށް އެއް މަސައްކަތްތަކެއް އެއްސަފެއްގައި ހުންނަވައިގެން މަސައކަތްތަކެއް ކުރައްވައި އެކޮމެޓީގެ ގަދަރާއި އިހްތިރާމް ހޯއްދެވި އެވެ. އަދި ލަފާފުރުމުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ ދުވަސް ވަރެއްގައި އެރަށްރަށަށް ވަޑައިގެން އަންހެނުންނަކީ ފުދުންތެރިބަޔަކަށް ހެއްދެވުމަށް ގިނަ ދުވަސް ތަކެއް ވަންދެން މަސައްކަތްތަކެއް ކުރެއްވި އެވެ.   އެންމެ ފާހަގަކުރެވޭ އަގުހުރި މަސައްކަތެއްކަމަށް އާރިފާ ގަބޫލު ކުރައްވަނީ ރާއްޖޭގެ ގައުމީ އަތުމަސައްކަތާއި އަތްތެރި މަސައްކަތުގެ މައުރަޒަށް ތަކެތި ތައްޔާތު ކުރުމުގައި އަންހެނުންގެ ބައިވެރިވުން އިތުރުވުމާއި ކަނބަލުންގެ ރީތި އަދި ކުޅަދާނަ އުފެއްދުންތައް ތައާރަފް ކުރައްވައި އެ ތަކެއްޗަށް ރަން ވަނަތަކެއް ލިބިގެން ދިއުމެވެ.

”ކޮމެޓީ އަށް އިގްތިސާދީ ހަކަތަ ހޯދުމަށް ފުރަތަމަ ކުރި މަސައްކަތަކީ ހެދިކާ ހަދައިގެން ވިއްކުން. މެންބަރުންނަށް ވަކި ބައެއް ނަގާފައި ކޮމެޓީ ހިންގަންވެސް އެއިން ވަކި ވަރެއް ނަގައިގެން މަސައްކަތް ފެށީ. އޭގެ ފަހުން ސޮނެވާފުށީގެ މެނޭޖްމަންޓާއި ވާހަކަ ދައްކަވައިގެން އެރަށް ކުނިކެހުމުގެ މަސައްކަތް އަވަށަކުން 10 މީހުން ނަގައިގެން 30 އަންހެނުންނާއެކު ކުރިއަށް ގެންދިޔައިން. ” އާރިފާ ވިދާޅުވި އެވެ.

ރަށް ކުރިއަރުވާ ކޮމެޓީގައި މަސައްކަތް ކުރައްވަމުން ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ޕީޓީއޭގެ ނައިބު ރައީސްގެ މަގާމުގައި ހުންނަވައިގެން ސްކޫލް ކުދިންނަށް ތިނޯހުގެ މަސައްކަތާއި ސްކޫލް ލައިބްރަރީ އުފެއްދުމަށް ބޭނުންވާ ފޮތް ހޯދައި ދިނުމުގައިވެސް އާރިފާ ވަނީ ބުރަ މަސައްކަތްތަކެއް ކުރައްވައިގެން ބައިވަރު ފޮތް ހޯއްދަވައި ދެއްވާފަ އެވެ. ސްކޫލް ހިންގަވަން އެއިރަކު ތިއްބެވި ވެރިންނާއި ޕްރިންސިޕަލް ބޭނުންފުޅުވި ކޮންމެ ކަމެއްގައި ވަރަށް ބޮޑު އެހީތެރިކަމެއް ވެދެއްވި އެވެ.

ޒަމާނުއްސުރެ އޮންނަ އާދައަކީ ސަރުކާރުގެ ވެރިންނާއި އިއްޒަތްތެރިން ރަށްރަށަށް ވަޑައިގަތުމުން އެބޭފުޅުންނަށް ފަރިއްކޮޅު އެރުވުމމުގެ ބުރަ މަސައްކަތުގައި 1999ވަނަ އަހަރާ ހަމައަށް އާރިފާ އުޅުއްވި އެވެ. އެހެން ނަމަވެސް މިއީ މިކަން ހިނގަން ޖެހޭ ގޮތް ނޫންކަން އަމިއްލަފުޅަށް ވިސްނިގެން އެކަން ބަދަލުކޮށްލެއްވީ އާރިފާ އެވެ.

 “ގާސިމް ކަލޭފާނުގެ އަތޮޅުވެރިކަމުގައި ރަށަށް ޒިޔާރަތް ކުރެއްވި ސަރުކާރުގެ މަތީ ފެންވަރުގެ ބޭފުޅުން ކޮޅަކަށް މި ފަދަ ކެއުން ގަނޑެއް ތައްޔާރުކުރަން ވެގެން ރަށްކުރިއަރުވާ ކޮމެޓީ އާއި އަންހެނުންގެ ކޮމެޓީއާއި ރަށުގެ ވެރިންނާއި އަތޮޅުވެރިޔާ ބައިވެރިވި ޖަލްސާއެއްގައި އަޅުގަނޑު ދެންނެވިން މިކަން މިގޮތަކަށް ނުވާނެއޭ. މިހެން ދެންނެވުމުން އަޅުގަނޑަށް ކޮމިޓީގެ ފަރާތުން ނުރުހުން އަމާޒުވި. ތިޔަފަދަ ވާހަކައެއް ކޮމިޓީގެ ރައީސާއަކަށް ހުންނަވައިގެން ވިދާޅުވާކަށް ނުވާނެއޭ ބައިވެރިއަކު ވިދާޅުވި.”  

ދެންވެސް އާރިފާ ދެންނެވި ”އަޅުގަނޑުމެންގެ ދަރިންނަށް ކައްކައި ކާން ދޭނެ މީހަކު ނުހުންނައިރު މިތަނަށް އައިސް މިހުންނަނީ ބޭފުޅުންނަށް ނުލާހިކު މީރުކޮށް ފަރިއްކޮޅު އަރުވާފަ. އެހެންވީމާ އަޅުގަނޑަކަށް ތިކަމެއް ނުވާނެ އޭ.”

ނަތީޖާއަކަށްވީ އޭގެ ފަހުން އެގޮތަށް ކައްކަން ޖެހޭ ކޮންމެ ކެއްކުމަކަށް ރަނގަޅު އުޖޫރައެއް ހަމަޖެހިގެން ދިއުމެވެ. ކޮމެޓީއަށް އާމްދަނީ ލިބޭނެ އިތުރު މަގެއްވެސް ފަހިވެގެން ދިޔައެވެ. އެ ބަދަލު ގެނައީ އާރިފާގެ ކެރުމާ ހިތްވަރުންނެވެ.

މީގެ އިތުރުން ވެސް އާރިފާ ވަނީ އޭދަފުށީގެ އަންހެން ދަރިން ގެއަށް ގެނެސް މާޖަހަން ދަސްކޮށްދިނުމާއި ފަހަން ދަސްކޮށްދީފަ އެވެ. އަދި ރަށް ކުރިއަރުވާ ކޮމެޓީގެ ރައީސްކަމާއި ޕީޓީއޭގެ ނައިބު ރައީސް ކަމުގައި ހޭދަކުރި އަހަރުތަކުގައި އެކި ވައްތަރުގެ ކާބޯތަކެތި ތައްޔާރު ކުރާނެ ގޮތް  ދަސްކޮށްދިނުމާއި ކޭކު އެޅުމަށް މަޝްހޫރު ”ނަޝީ ކޭކް ގެ ވެރިޔާ ނަޝީދާ، މާލެއިން ގެނެސް ރަށުގައި އެންމެ ފުރަތަމަ  ކޭކު އަޅަން ދަސްކޮށްދޭ ކޯހެއް ހިންގެވިއެވެ.

“މުނިފޫހި ފިލުވުމުގެ ދާއިރާއަށް އަންހެނުން ނެރުމުގެ ގޮތުން މަރުހޫމް ކޮޕީ ރަޝީދުގެ އަތޮޅު ވެރިކަމުގައި ތަމްސީލު ޝޯއެއް ކުޅުނީ އަޅުގަނޑާއި އިތުރު އަންހެނުންތަކެއް ބައިވެރިވެ، ފިރިހެން ކެރެކްޓަރުންގެ ބައިވެސް އަޅުގަނޑުމެން ކުޅުނީ. އަޅުގަނޑު ކުޅުނީ ބައްޕަ އެއްގެ ބައި. މުންޑަކާ އަތްދިގު ގަމީހެއް ލައިގެން. އެޝޯ ބެއްލެވުމަށްފަހު އޭރުގެ މިނިސްޓަރު އިލްޔާސް އިބްރާހީމް އޭގެ ފަހުން އޭދަފުއްޓަށް ވަޑައިގެން ދެވަނަ ފަހަރު އެ ޝޯ ބައްލަވަން ބޭނުން ފުޅުކަމަށް ވިދާޅުވެގެން އެކަމަށް ތައްޔާރުވިން. ކުރުކޮށް ބުނާނަމަ އަންހެނުން ބާރުވެރި ކުރުވުމުގެ މަސައްކަތް އަޅުގަނޑުމެން ހިލޭ ސާބަހަށް ކުރަމުން ގެންދިޔައީ ގައުމީ ކަމެއްގެ ގޮތުގައި ރަށު ލޯބީގައި އާއިލާއަށް ވުރެ ކޮމެޓީއަށް ގިނަ ވަގުތު ދީގެން،” އާރިފާ ވިދާޅުވި އެވެ.  

އާރިފާ ވަނީ އަތޮޅު ކުރިއަރުވާ ކޮމިޓިގެ މެންބަރެއްގެ ގޮތުންނާއި ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ޕީޓީއޭގެ ނައިބު ރައީސާގެ މަގާމުގައި ހުރެގެން ރަށަށް ޚިދުމަތް ކުރެއްވުމުގައި 30 އަހަރަށްވުރެ ގިނަ ދުވަސް  ހޭދަކުރައްވާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.