އަތޮޅުގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ މަގާމް ސޮބީ އަށް

މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ބ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް އޭދަފުށީގެ ހުނަރުވެރި ފުޓްސަލް ތަރި އަހުމަދު އަޝްރަފް ޔޫސުފް (ސޮބީ) ހޯދައިފި އެވެ.

މުބާރާތުގެ ބ. އަތޮޅު ބުރުގެ ކުޅުން ރޭ ނިމުނުއިރު 6-0 އިން ހިތާދޫ ބަލިކޮށް އޭދަފުށި ވަނީ އަތޮޅު ޗެމްޕިއަންކަން ހޯދައިފަ އެވެ.

މިއީ ޖެހިޖެހިގެން އަތޮޅު ޗެމްޕިއަންކަން އޭދަފުށިން ހޯދި ތިން ވަނަ ފަހަރެވެ. 2018، 2019 އަދި މި އަހަރު ވެސް އަތޮޅު ޗެމްޕިއަންކަން އޭދަފުށިން ހޯދިއިރު އެންމެ މޮޅު ކުޅުމެއް ދެއްކި އެއް ކުޅުންތެރިޔަކީ ސޮބީ އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި އޭދަފުށިން 5-1 އިން ތުޅާދޫ ބަލިކުރި މެޗުގައި ސޮބީ ވަނީ ދެ ލަނޑު ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. ރޭ ހިތާދޫ ކޮޅަށް ހަ ލަނޑު ޖެހިއިރު ސޮބީ ވަނީ އެއް ލަނޑު ޖަހައިފަ އެވެ. އަތޮޅު ބުރުގައި ޖެހި ތިން ލަނޑާ އެކު ސޮބީ ވަނީ ބ. އަތޮޅުން އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމް ވެސް ހޯދައިފަ އެވެ.

ސޮބީ ވަނީ 2018 ވަނަ އަހަރު ވެސް ބ. އަތޮޅުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. 2019 ވަނަ އަހަރު އަތޮޅުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އިޝާން އިބްރާހީމް (ސައްޓު) އެވެ. އޭދަފުށި ފުޓްސަލް ޓީމު 2018 ވަނަ އަހަރުގެ ސެމީ ފައިނަލުގައި ވާދަކޮށް، 2019 ވަނަ އަހަރުގެ ފައިނަލުގައި ވަނީ ބަލިވެފަ އެވެ. މި ދެ އަހަރު ވެސް މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ސޮބީ ވަނީ ހިމެނިފަ އެވެ.

އަތޮޅު ޗެމްޕިއަންކަން ހޯދުމުން އޭދަފުށި ދެން ވާދަކުރާނީ ޒޯން ދޭއްގަ އެވެ. މި ޒޯނުގައި ދެން ހިމެނެނީ ރ. ދުވާފަރާއި ނ. ކުޑަފަރީ އެވެ. ފުރަތަމަ މެޗުގައި މި މަހުގެ 15 ވަނަ ދުވަހު ވާދަކުރާނީ އޭދަފުއްޓާއި ދުވާފަރެވެ. މި މަހުގެ 18 ވަނަ ދުވަހު ކުޅޭ މެޗުގައި އޭދަފުށި ނުކުންނާނީ ކުޑަފަރިއާ ދެކޮޅަށެވެ. ޒޯންގެ ފަހު މެޗުގައި ދުވާފަރާއި ކުޑަފަރި ވާދަކުރާ މެޗު އޮންނާނީ މި މަހުގެ 20 ވަނަ ދުވަހު އެވެ.

ޒޯންގެ ތިން ޓީމުގެ ތެރެއިން އެންމެ މޮޅު ދެ ޓީމު މުބާރާތުގެ ފައިނަލް ބުރަށް ހޮވޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.