ސައްޓު އާއި ނާސިހު ފުޓްސަލް ގައުމީ ޓީމުގައި

S އޭދަފުއްޓަށް ނިސްބަތްވާ އިޝާން އިބްރާހީމް (ސައްޓު) އާއި ގޯލްކީޕަރު އަބްދުﷲ ނާސިހު ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުގައި ހިމެނިއްޖެ އެވެ.

މި ދެކުޅުންތެރިން ހިމެނޭ ގައުމީ ފުޓްސަލް ޓީމު ވަނީ ތައިލެންޑުގައި ބާއްވާ އެންއެސްއެފްޑީ އިންވިޓޭޝަނަލް ފުޓްސަލް ކަޕްގައި ވާދަކުރުމަށް މިއަދު އެގައުމަށް ފުރައިފަ އެވެ.

ފުޓްސަލް ގައުމީ ޓީމުގައި ހިމެނުނު ސައްޓު އަކީ ޒުވާން އުމުރުން ފެށިގެން ފުޓްސަލާއި ފުޓްބޯޅައިގައި ވިދަމުން އަންނަ ކުޅުންތެރިއެކެވެ. ރަށު ފުޓްބޯޅައިން ފާހަގަވެ އަތޮޅު މުބާރާތްތަކާއި ޒޯން މުބާރާތްތަކުގައި މޮޅު ކުޅުމެއް ދެއްކުމަށް ފަހު ސައްޓު ވަނީ ފުރަތަމަ ޑިވިޝަނުގައި ޓީސީ ސްޕޯޓްސް ކްލަބާ އެކު ދެ ސީޒަނުގައި ކުޅެފަ އެވެ.

2018 ވަނަ އަހަރު ޓީސީ ސްޕޯޓްސް ކްލަބާ އެކު ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށް ޖެހިގެން އައި ސީޒަނުގައި ވެސް ސައްޓު ފެނުނީ ޓީސީންނެވެ. ޓީސީން ސައްޓު ގެންދިޔައީ ދިވެހި ޕްރިމިއާ ލީގުގައި 2017 ވަނަ އަހަރު ށ. މިލަންދޫ ޓީމުގައި ދެއްކި މޮޅު ކުޅުން ފާހަގަވުމުންނެވެ.

ޓީސީ އަށް ކުޅުމަށް ފަހު ވަޒީފާގެ ގޮތުން ސައްޓު ވަނީ ފުރަތަމަ ޑިވިޝަން ދޫކޮށް ރަށަށް ބަދަލުވެފަ އެވެ. އޭދަފުށީ ބޭންކް މެނޭޖަރެއްގެ ވަޒީފާ އަދާކުރަމުން އަންނަ ސައްޓު އަކީ ޔުނައިޓެޑް ބީއެމްއެލްއާ އެކު ކްލަބް މޯލްޑިވްސް ފުޓްސަލް މުބާރާތް ދެ ފަހަރު ކާމިޔާބުކޮށްފައިވާ ކުޅުންތެރިއެކެވެ.

ގައުމީ ސްކޮޑުގައި ހިމެނުނު ނާސިހު އަކީ އަބަދުވެސް ފުޓްސަލްގައި ފާހަގަކޮށްލެވޭ ކީޕަރެކެވެ. ފުޓްސަލަށް ހުސްވި ނަމަވެސް ދެ ވަނަ ޑިވިޝަނުގައި ވާދަކުރާ ޓީމުތަކަށް ވެސް ނާސިހު ވަނީ ކުޅެފަ އެވެ. މީގެ އިތުރުން އަތޮޅުތެރޭގައި އޮންނަ ފުޓްސަލްގެ ބޮޑެތި މުބާރާތްތަކުގައި ވާދަކޮށް ނާސިހު ވަނީ ކާމިޔާބީތައް ހޯދައިފަ އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި 2018 ވަނަ އަހަރާއި 2019 ވަނަ އަހަރު އޭދަފުށީ ޓީމުގެ ގޯލު ބެލެހެއްޓީ ނާސިހު އެވެ. އެކަމަކު ގައުމީ ސްކޮޑަށް ނެގުމުން މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް މުބާރާތުގެ އޭދަފުށީ ޓީމުގައި ނާސިހު އާއި ސައްޓު ވެސް ނުހިމެނެ އެވެ. އިންވިޓޭޝަނަލް މުބާރާތް ތައިލެންޑުގައި ކުރިއަށްދާނީ މި މަހުގެ 15 އިން 20 އަށެވެ. މިއީ އަންނަ މަހު އޮންނަ އޭއެފްސީ ފުޓްސަލް ކަޕްގެ ކޮލިފައިންގެ ކުރިން ތަޖުރިބާ ހޯދުމަށް ރާއްޖޭގެ ފުޓްސަލް ޓީމު ވާދަކުރާ މުބާރާތެކެވެ. ހަ ޓީމު ވާދަކުރާ ތައިލެންޑް މުބާރާތުގައި ރާއްޖެ ހިމެނޭ ގްރޫޕުގައި އޮތީ އޮމާން އާއި ތައިލެންޑެވެ.

ފުރަތަމަ މެޗުގައި މި މަހުގެ 15 ވަނަ ދުވަހު ތައިލެންޑާ ދެކޮޅަށް ކުޅޭއިރު ދެ ވަނަ މެޗުގައި މި މަހުގެ 16 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ އޮމާންއާ ދެކޮޅަށެވެ. ސައްޓު އާއި ނާސިހުގެ އިތުރުން ފުޓްސަލްގެ މަޝްހޫރު ތަރިންތަކެއް ގައުމީ ޓީމުގައި ވަނީ ހިމަނައިފަ އެވެ. ގައުމީ ފުޓްސަލް ޓީމުގެ ހެޑް ކޯޗަކީ އަބްދުﷲ ނަސީރު (އަބޯ) އެވެ. އެސިސްޓެންޓުންގެ ގޮތުގައި މަސައްކަތްކުރާނީ އަހުމަދު ނިޔާޒް (ނިޔާ) އާއި އަހުމަދު ވިސާލް (އަންދު) އެވެ. ޓީމުގެ މެނޭޖަރަކީ އަހުމަދު ގާސިމް (އަހޫ) އެވެ. ކީޕަރު ޓްރެއިނަރުގެ ގޮތުގައި އިބްރާހީމް އަހުމަދު ހަމަޖެއްސިއިރު އޮފިޝަލެއްގެ ގޮތުގައި ހަމަޖެއްސީ އަލީ ނަދީމް (ކޮކޯ) އެވެ.

ސައްޓު އާއި ނާސިހު އަށް “އޭދަފުށި ޓައިމް” ގެ ނަމުގައި މަރުހަބާ ކިޔައި މުބާރާތުގައި ކާމިޔާބީއަށް އެދެމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.