
ރާއްޖޭގައި އެޅި އެންމެ ފެންވަރު ރަނގަޅު ޓާފް ދަނޑުގައި އެންމެ ޒަމާނީ ފެންވަރުގެ ލައިޓް ސިސްޓަމް ހަރުކޮށްފި އެވެ.
އޭދަފުށީ ސްޓޭޑިއަމްގައި ލައިޓް ސިސްޓަމް ގާއިމުކޮށް ނިންމިއިރު، މުޅި ދަނޑަށް ކަރަންޓް ދެވޭނެ ޖަނަރޭޓަރު ސިސްޓަމަކާއެކު ފެންވަރު ރަނގަޅު އިންޖީނުގެއެއް ވެސް މިހާރު ވަނީ ދަނޑުގައި ގާއިމުކޮށްފައެވެ. ހަމައެކަނި ދަނޑަށް ކަރަންޓް ދިނުމަށް ގާއިމުކޮށްފައިވާ އިންޖީނުގެ އަކީ ރަށަކަށް ކަރަންޓް ދިނުމަށްވެސް ގާއިމުކުރާނެ ޒަމާނީ އިންޖީނުގެއެކެވެ.
އޭދަފުށީ ކައުންސިލުން ބުނީ އޭދަފުށީ ފުޓްބޯޅަ ސްޓޭޑިއަމްގައި ލައިޓް ސިސްޓަމް ގާއިމުކޮށް މިހާރު ނިމިފައިވާ ކަމަށާއި ރޯދަމަހު ރޭގަނޑު ދަނޑު ދިއްލާލައި ޓީމުތަކުން ޕްރެކްޓިސް ކުރުމަށް ހުޅުވާލުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

އޭދަފުއްޓަށް އުފަން މަޝްހޫރު ވިޔަފާރިވެރިޔާ ކްރައުން އަހުމަދު ނަޒީރުގެ އެހީގައި އަޅާފައިވާ ޓާފް ދަނޑު އޭނާގެ އެހީގައި އިތުރަށް ތަރައްގީ ކުރުމުގެ ގޮތުން ރޮސްޓްރަމް އާއި ސިޑިބަރި ގާއިމުކުރުމުގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެވެ.
އެ މަޝްރޫއުގެ ދަށުން 100 މީހުންގެ ޖާގައިގެ ރޮސްޓްރަމްއަކާއި 800 އަށް ވުރެ ގިނަ މީހުންގެ ޖާގައިގެ ސިޑިބަރިއެއް ހަދާނެ އެވެ. މީގެ އިތުރުން، އެ މަޝްރޫއު ނިމޭއިރު އެހެން ވަސީލަތްތައް ވެސް އެ ދަނޑުގައި ފުރިހަމަ ކުރަން ވަނީ ނިންމައިފަ އެވެ.
އޭދަފުށި ޓާފް ދަނޑަކީ އަމިއްލަ ފަރާތަކުން ހަރަދުކޮށްގެން ރާއްޖޭގައި އެޅި އެންމެ ފެންވަރު ރަނގަޅު ޓާފް ދަނޑެވެ. އަދި އެ ދަނޑަކީ ބައިނަލްއަގްވާމީ މިންގަނޑުތަކެއް ފެތޭ ގޮތަށް އަޅާފައިވާ ދަނޑެކެވެ.
އެ ދަނޑު ހުޅުވީ 2019 ގައި ބޭއްވި ބޮޑު ރަސްމިއްޔާތެއްގަ އެވެ.
