ބ. އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތް އަޅަން ބަޖެޓެއް ނެތް!

ބ. އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތުގެ މަސައްކަތް ނުފެށި ލަސްވަނީ އެކަށީގެންވާ ބަޖެޓެއްނެތިގެން ކަމަށް އަތޮޅު ކައުންސިލުގެ ރައީސް އަހްމަދު އަފްރާހް ވިދާޅުވެއްޖެ އެވެ.

ބ. އަތޮޅު ހޮސްޕިޓަލަށް 50 އަހަރުފުރުން ފާހަގަކުރަން 2019 ވަނަ އަހަރު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެ އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތް ބިނާކުރުމުގެ މަސައްކަތް އެ އަހަރު ފަށާނެކަން އިއުލާނުކުރައްވައިފަ އެވެ.އަދި ދައުލަތުގެ ބަޖެޓުން 53 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާ އެ އިމާރާތް 2020 އަހަރު ނިމުމުން، ފިޒިއޮތެރަޕީ އާއި ޑަޔަލިސިސްގެ ހިދުމަތާއި ސްކޭންގެ ހިދުމަތްތައް ލިބޭނެ ކަމަށް ރައީސް އެ ރަސްމިއްޔާތުގައި ވިދާޅުވި އެވެ.

ރޭ ބ. އަތޮޅު ހޮސްޕިޓަލަށް 54 ފުރުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބ. އަތޮޅު ކައުންސިލުގެ ރައީސް އަހްމަދު އަފްރާހު ވިދާޅުވީ ބ. އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތުގެ މަސައްކަތް ނުފެށި ލަސްވަނީ އެކަމަށް އެކަށީގެންވާ ބަޖެޓެއްނެތިގެން ކަމަށެވެ.

“ނަމަވެސް އަދި ހިތާމައަކީ އެކަމަށް އެކަށީގެންވާ ބަޖެޓެއް ނެތްކަމަށް އަޅުގަނޑު މައުލޫމާތު ލިބުން، މިއަހަރުތެރޭ އަޅުގަނޑުމެންނަށް އުފާވެރި ޚަބަރު ލިބިގެންދާނެކަމަށް ވަރަށް ބޮޑަށް އުއްމީދުކުރަން،” އަފްރާހް ވިދާޅުވި އެވެ.

އޭދަފުށީގައި އަޅާ ހޮސްޕިޓަލްގެ އާ އިމާރާތް ހުންނާނެ ގޮތުގެ ރީތި ކުރެހުންތައް 2020 ވަނަ އަހަރުގެ ކުރީކޮޅު ވަނީ ދައްކާލައިފަ އެވެ.

ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން އަލަށް އަޅާ ހޮސްޕިޓަލުގައި 55 އެނދާއި ޕްރައިވެޓް ހަ ކޮޓަރި އާއި ތިން އެނދުގެ އައިސީޔޫއަކާއި އެންއައިސީޔޫ އާއި 19 އޯޕީޑީ ކޮންސަލްޓޭޝަން ރޫމް ހިމެނެ އެވެ. އޭގެ އިތުރުން އެކްސްރޭ ރޫމާއި ޕިޒިއޮތެރަޕީ ރޫމާއި އެމަޖެންސީ ރޫމާއި ދެ އޮޕަރޭޝަން ތިއޭޓަރު ވެސް ހުރެ އެވެ.

އާ ހޮސްޕިޓަލާއެކު މި ސަރަހައްދުގެ ސިއްހީ ދާއިރާ ވެސް ބަދަލުވެގެން ދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.