ބ. އަތޮޅުގެ ފަސް ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކުރަން ސާވޭ ކުރަނީ

ސާވޭ ޓީމުން ފުޅަދޫގެ ސަރުކާރު މުއައްސަސާ ތަކުގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: ފުޅަދޫ ކައުންސިލް

ބ.އަތޮޅުގެ ފަސްރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ފެނަކަ ކޯޕަރޭޝަނުން ސާވޭކުރަން ފަށައިފިއެވެ.

ޑިޒައިން އެންޑް ބިޑް އުސޫލުން ސާވޭކުރަން ފެކަނަ އާ ހަވާލުކޮށްފައިވަނީ ކުޑަރިކިލާއި، ކިހާދޫއާއި، ދޮންފަނުގެ އިތުރުން ފުޅަދޫ އާއި ފެހެންދޫގައެވެ.

ފެނަކައިން ބުނިގޮތުގައި މިރަށްރަށުގައި މިހާރު ކުރިއަށްދަނީ ޑިޒައިން ކުރުމާއި، އީއައިއޭ ހެދުމަށް ބޭނުންވާ ސާވޭގެ މަސައްކަތްތައްތައް ކަމަށެވެ.

އެގޮތުން ސާވޭގެ މަސައްކަތް ކުރިއަށްދާއިރު އެރަށްރަށުގެ ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުންގެ ޚިޔާލު ހޯދާ ރައްޔިތުން ބޭނުންވާ ބަދަލުތައް ހިމަނާނެ އެވެ. މި ސާވޭގެ މަސައްކަތް ކުރަނީ އަމިއްލަ ކުންފުންޏެއް ކަމަށްވާ އީޕޮކް އިންނެވެ.

ބ.އަތޮޅުގައިި ފެނާއި ނަރުދަމާގެ ޚިދުމަތް މިހާރު ލިބެން އޮތީ ހަމައެކަނި އޭދަފުށްޓާއި ތުޅާދޫގައެވެ. އެހެންނަމަވެސް ދަރަވަންދޫގައި ފެނުގެ ޚިދުމަތް މިހަފްތާތެރޭގައިވަނީ އިފްތިތާޙްކޮށްފައެވެ. އަދި ނަރުދަމާގެ މަސައްކަތް އެރަށުގައި އަންނަނީ ކުރަމުންނެވެ.

ބ.އަތޮޅުގެ 11 ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް މިސަރުކާރުން ކުރަމުންދާކަން ފާހަގަކުރެވެއެވެ. މީގެތެރެއިން ގޮއިދޫގައި ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތް ނިންމާ މިހާރު އޮތީ ޓެސްޓް ކުރުމުގެ މަރުހަލާގައެވެ. ހިތާދޫގައި ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތުގެ ބޮޑު ބައެއްވަނީ ނިންމާފައެވެ. މި މަސައްކަތުގެ ދަށުން މިހާރު ކުރަމުންދަނީ މަގުތަކުގައި ބަހައްޓާ ޖަންގްޝަންތައް ފެއްތުމުގެ މަސައްކަތާއި ނަރުދަމާއަށް ބޭނުންވާ ހޮޅިތައް ގެތަކަށް ވެއްދުމުގެ މަސައްކަތެވެ. ކަމަދޫ އާއި މާޅޮހުގައިވެސް ނަރުދަމާގެ މައިހޮޅި އެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު ކެންދޫގައި ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތުގެ ދަށުން ޤާއިމްކުރާ އާރުއޯ އިމާރާތް ވަނީ ނިމުކަމާ ގާތްވެފައެވެ.

ދަރަވަންދޫގައި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ވަނީ ފަށާފައެވެ. ބ.އަތޮޅުގެ ހިތާދޫ ފިޔަވައި އެހެން ހުރިހާ ރަށެއްގައިވެސް ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދަނީ މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ އެމްޑަބްލިއުއެސްސީންނެވެ. ހިތާދޫގައި މިމަސައްކަތް ކުރަމުންދަނީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ މޯހަން މުތާ އެކްސްޕޯޓް ކުންފުނިންނެވެ.

ބ.އަތޮޅުގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް އަލަށް ފަށާ ފަސްރަށުގައި އަމަލީ މަސައްކަތް މިއަހަރު މެދެއްހާ ހިސާބުގައި ފެށޭވަރުވާނެ ކަމަށް އެރަށްތަކުގެ ކައުންސިލްތަކުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.