ބާކީ 17 އަތޮޅު ފެރީން ގުޅާލުމުގެ މަސައްކަތް ވެސް އެމްްޓީސީސީއަށް

ރާއްޖޭގެ ހުރިހާ ރަށެއް ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމުގެ ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުން

ރާއްޖޭގެ ރަށްތައް ހައި ސްޕީޑް ފެރީ ނެޓްވޯކަކުން ގުޅާލުމަށް ފެށި “އިންޓެގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކު”ގައި ހިމެނޭ ބާކީ 17 އަތޮޅު ވެސް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

ހައި ސްޕީޑް ފެރީގެ ހިދުމަތް އެންމެ ފުރަތަމަ ފަށަން ނިންމީ ހއ. އާއި ހދ. އަދި ށ. އަތޮޅުގަ އެވެ. ޖުމްލަ ހަ ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ބާކީ ފަސް ޒޯނުގައި ހިމެނެނީ 17 އަތޮޅެކެވެ. އެއީ ނ. އަތޮޅުން ފެށިގެން އައްޑު އަތޮޅާ ދެމެދެވެ.

އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމަށް ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ.

ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ ދަށުން ޒޯން 2 (ނ، ރ، ބ އަދި ޅ)، ޒޯން 3 (ކ، އއ، އދ، އަދި ލ)، ޒޯން 4 (މ، ފ، ދ، ތ، އަދި ލ)، ޒޯން 5 (ގއ އަދި ގދ) އަދި ޒޯން 6 (ސ އަދި ޏ)ގައި ހިމެނޭ ރަށްތަކަށް ސްޕީޑް ފެރީގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ފެށިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އެގޮތުން ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ ޒޯންތަކަށް ހިދުމަތްދިނުމަށް ޖުމްލަ 65 ލޯންޗް އުފައްދާ ތައްޔާރުކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެމްޓީސީސީން ބުނީ އެއާކޯން ކޮށްފައިވާ އެ ލޯންޗުތައް ހުންނާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން އަރާފޭބޭގޮތަށް އަދި ބަލިމީހުން އުފުލުމަށް ވެސް ފަސޭހަވާނެގޮތަށް ފަރުމާކޮށްފައި ކަމަށެވެ. އަދި ލޯންޗުގައި ފާހާނާއާއި ލަގެޖް ބެހެއްޓޭ ޖާގަ ހާއްސަކޮށްފައި ހުންނާނެ ކަމަށެވެ. އެ ހިދުމަތް ހަފުތާއަކު 7 ދުވަހު ރައްޔިތުންނަށް ފޯރުކޮށްދޭނެ ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.

ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ ދަށުން ޖުމްލަ 149 ޓާމިނަލް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޒޯން ޓާމިނަލްގެ ގޮތުގައި ފަސް ޓާމިނަލްއާއި، 31 ފެރީ ޓާމިނަލްގެ އިތުރުން 113 ފެރީ ސްޓޮޕް ވެސް ހެދުމަށް ހަމަޖެހިފައިވާކަން ފާހަގަކޮށްލެވެއެވެ. މިއިން ކޮންމެ ތަނަކީވެސް ހިދުމަތް ހޯދާ ކަސްޓަމަރުންގެ ފަސޭހައަށްޓަކައި ހަދަނާ ތަންތަން ކަމަށް އެމްޓީސީސީން ބުނެއެވެ.

ހައިސްޕީޑް ފެރީ ވިއުގައަކުން ރާއްޖެ ގުޅާލުމުގެ މަޝްރޫއުގެ ދެވަނަ އަދި ތިންވަނަ ފިޔަވަހި ނިމުމާއެކު މުޅި ރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމުގެ މަސައްކަތް ފުރިހަމަވެގެންދާނެއެވެ. އެމްޓީސީސީން ބުނީ ރާއްޖޭގައި ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، އެ ކުންފުނީގެ މަގްސަދަކީ ހެޔޮ އަގުގައި ފަސޭހަކަމާއެކު ބޭނުންކުރެވޭ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިތިބުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.