ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ޝައިހް އާދަމް ޝަމީމްގެ ދަރުސްތަކެއް އޭދަފުށީގައި މާދަމާ ބާއްވާ ގޮތަށް ނިންމައިފި އެވެ.
“އަންދަލުސް” ދަރުސް އިން 2013 ގައި މަޝްހޫރުވި ޝަމީމު މި ދަރުސްތައް އިންތިޒާމުކޮށްފައި ވަނީ އޭދަފުށީ ވެލާ ސްޕޯޓްސް ކްލަބުންނެވެ.
“މިސްކިތުގެ އަދަބުތައް” ގެ ނަމުގައި ފުރަތަމަ ދަރުސް އޮންނާނީ މާދަމާގެ އަސުރު ނަމާދަށްފަހު އޭދަފުށީ މަސްޖިދުލް މުއީނުއްދީން މިސްކިތުގަ އެވެ.
ދެވަނަ ދަރުސް ދިނުން އޮންނާނީ މާދަމާ ރޭ 9:30 ގައި އޭދަފުށީ ސްޓޭޖް ގައެވެ.
މީގެ އިތުރުން ނަމާދާއި ރޯދައިގެ ފަހު ދިހައިގެ މާތްކަމާ ގުޅޭގޮތުން ކުޑަކުދިންނާއި ބޮޑެތިމީހުން އަދި މައިންބަފައިންނަށް ހާއްސަކޮށްގެން މާދަމާ އޭދަފުށީ ސްޓޭޖުގައި ވެސް ދަރުހެއް ބޭއްވުމަށްވަނީ ހަމަޖެހިފަ އެވެ. އެ ދަރުސް ފަށަން ހަމަޖެހިފައި ވަނީ މާދަމާރޭ 9:30 ގަ އެވެ.
ވެލާ ސްޕޯޓްސް ކްލަބުން ބުނިގޮތުގައި މިއީ އޭދަފުށީ ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ބާއްވާ ދަރުސްތަކެކެވެ.