ބީއެމްއެލްއިން ގދ. ވާދޫގައި ސެލްފް ސާވިސް އޭޓީއެމްއެއް ހުޅުވައިފި

ގދ. ވާދޫގައި ބޭންކް އޮފް މޯލްޑިވްސްގެ ސެލްފް ސަވިސް ބޭންކިން އޭޓީއެމް ސެންޓަރެއް ހުޅުވައި ހިދުމަތްދޭން ފައްޓައިފިއެވެ.

ބީއެމްއެލްއިން މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ހުޅުވި މި އޭޓީމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

މި އޭޓީއެމް ސެންޓަރުގެ ހިދުމަތާއެކު މިވަގުތު ގދ. އަތޮޅު ތިނަދޫ އަދި ގައްދޫގައި ސެލްފް ސާވިސް ބޭންކިން އާއެކު ގާއިމްކޮށްފައިވާ ދެ ބްރާންޗް މެދުވެރިކޮށް އަންނަނީ ހިދުމަތް ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން ފަރެސްމާތޮޑާ އަދި ވާދޫގައި ދަނީ ސެލްފް ސާވިސް އޭޓީއެމް ސެންޓަރުތައް ގާއިމްކުރެވި ހިދުމަތްދެމުންނެވެ.

ވާދޫގައި ހުޅުވި އޭޓީއެމް ސެންޓަރާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މުޅި ރާއްޖެއަށް ބޭންކިންގެ ވިއުގަ ފުޅާކޮށް، ހިދުމަތްތައް ރާއްޖޭގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް އެ ކުންފުނިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.

“އަޅުގަނޑުމެންގެ ނެޓްވޯކްގައި 140 އާ ގާތްކުރާ އަދަދަކަށް އޭޓީއެމް ހިމެނޭއިރު، މުޅި ރާއްޖެއަށް އޭޓީއެމް މެދުވެރިކޮށް ބޭންކިން ހިދުމަތްދޭ ހަމައެކަނި ބޭންކުގެ ގޮތުގައި ބީއެމްއެލް ވެގެންދާކަމީ އަޅުގަނޑުމެންނަށް ލިބޭ ފަހުރެއް،” ޓިމް ވިދާޅުވިއެވެ.

ބީއެމްއެލުން އަންނަނީ ރާއްޖޭގެ 20 އަތޮޅެއްގައި 35 ބްރާންޗެއްގައި، 81 ސެލްފް ސާވިސް ސެންޓަރުގެ ހިދުމަތާއި 139 އޭޓީއެމްގެ ހިދުމަތުގެ އިތުރުން 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ ހިދުމަތް ދެމުންނެވެ.

ބީއެމްއެލުން ބުނީ އެ ކުންފުނީގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.