އޮޅުވާލައިގެން ފައިސާ ހޯދާތީ ސަމާލުވާން ބީއެމްއެލް އިން އަނެއްކާ ވެސް އެދިއްޖެ

އެކި ނަންނަމުގައި ފޯނުން ގުޅައި، އިންޓަނެޓް ބޭންކިން މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ ހޯދާކަމުގެ ޝަކުވާތައް އިތުރުވެފައިވާތީ އެކަމަށް ސަމާލުވާން ބީއެމްއެލް އިން އަނެއްކާވެސް އެދިއްޖެ އެވެ.

ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި “ސޯޝަލް މީޑިއާ އެކައުންޓްތަކުގެ އެކްސެސް ހޯދައި، ރައްޓެހިންނަށް މެސެޖްކޮށް، އެ އެކައުންޓް ބޭނުން ކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދާކަމުގެ މައުލޫމާތު ވެސް މި ބޭންކަށް” ލިބިފައިވާ ކަމަށެވެ.

“މި ކޯލްތަކުގައި ކަސްޓަމަރުންނަށް އޮޅުވާލުމުގެ ގޮތުން ވާހަކަދައްކަމުންދަނީ ވަރަށް ވެސް ގަބޫލުކުރެވޭ ފަދަ ގޮތަކަށެވެ. އަދި މީގެ އިތުރުން ބޭންކާއި އަދި ބަައެއް އެހެން ކުންފުނިތަކުގެ ނަމުގައި ގުޅައިގެން ކަސްޓަމަރުންގެ ޒާތީ މައުލޫމާތާއި ބޭންކިންއާ ގުޅޭ މައުލޫމާތު ހޯދައި އިންޓަނެޓް ބޭންކިން މެދުވެރިކޮށް އެކައުންޓުން މުއާމަލާތްކޮށްފައިވާ ކަމުގެ ޝަކުވާ ކަސްޓަމަރުން ވަނީ ބޭންކަށް ހުށަހަޅައިފައެވެ. މިފަދަ ހާލަތްތަކުގައި އޯޓީޕީ ހިއްސާކޮށްފައިވާކަން ވެސް ބޭންކަށްވަނީ ފާހަގަކުރެވިފައެވެ،” ބަޔާނުގައި ވެ އެވެ.

ބީއެމްއެލް އިން އިލްތިމާސްކޮށްފައި ވަނީ އެފަދަ ފަރާތްތަކަށް އެކަން ނުކުރެވޭނެ ގޮތަށް ކަންކަން ކުރުމަށެވެ. އަދި އޮޅުވާލައިގެން ފައިސާ ހޯދުމުގެ ފުރުސަތު އެ ފަރާތްތަކަށް ނުދިނުމުގެ ގޮތުން، ސައްހަކަން ކަށަވަރު ނުކުރެވޭ ފަރާތްތަކަށް ފައިސާގެ މުއާމަލާތްކުރުމުގައި އިތުރަށް ސަމާލުވުމަށް ބީއެމްއެލް އިން އެދެއެވެ.

“ނުދަންނަ ފަރާތްތަކުން ގުޅައި ފައިސާ ފޮނުވައި ދިނުމަށް އެދި ކުރާ ކޯލްތަކަށް ޖަވާބު ނުދެއްވުމަށް ވެސް އެދެމެވެ. އަދި އެކި ނަންނަމުގައި ކުރާ ފޯނު ކޯލުތައް މެދުވެރިކޮށް ކަސްޓަމަރުންގެ ޒާތީ މައުލޫމާތާއި ބޭންކް އެކައުންޓް، އިންޓަނެޓް ބޭންކިން އަދި ކާޑުގެ އެއްވެސް މައުލޫމާތެއްގެ އިތުރުން އޯޓީޕީ ހިއްސާ ނުކުރެއްވުމަށް ވެސް ދަންނަވަމެވެ.”

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.