ފުރަތަމަ ކުއާޓާގައި ބީއެމްއެލްއަށް 554 މިލިއަން ރުފިޔާގެ ބޮޑު ފައިދާއެެއް

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ސާފު ފައިދާގެ ގޮތުގައި 554 މިލިޔަން ރުފިޔާ ލިބިއްޖެ އެވެ.

ބީއެމްއެލް އިން އިއްޔެ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މާޗް މަހު ނިމުނު ކުއާޓަަރުގައި އަދި ކުރީ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރަކުން ވަނީ ބޮޑު ކުރިއެެރުމެއް ހޯދައި، ހަރުދަނާ މާލީ ނަތީޖާއެއް ހޯދައިފަ އެވެ.

އެ ބޭންކުން އާއްމުކުރި މާލީ ހިސާބުތައް ދައްކާ ގޮތުން ހިންގުމުގެ ފައިދާގެ ގޮތުގައި މިދިޔަ ކުއާޓަރުގައި 612 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު 10 ޕަސެންޓްގެ ކުރިއެރުމެކެވެ. އަދި މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު މިއީ 14 ޕަސެންޓްގެ ކުރިއެރުމެކެވެ.

އެ މާލީ ހިސާބުތައް ދައްކާ ގޮތުން ޓެކުހަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި މިދިޔަ ކުއާޓަރުގައި 554 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރާ އަޅާބަލާއިރު 18 ޕަސެންޓް މަތީ އަދަދެކެވެ. އަދި މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރަށް ވުރެ 55 ޕަސެންޓް އިތުރު އަދަދެއް ވެސް މެ އެވެ.

ބޭންކަށް މި ނަތީޖާ ހާސިލްކުރެވުނީ ވިޔަފާރީގެ ހުރިހާ ދާއިރާއަކުން ލިބުނު ކުރިއެރުމާއި ދޫކުރެވިފައިވާ ލޯނުތަކުގެ ފެންވަރު ރަނގަޅުވަމުން ދިޔުމާ ގުޅިގެން އުފެއްދުންތެރި ނޫން ލޯނުތަކަށް ހަދާފައިވާ ޕްރޮވިޝަން ފައިސާ އަނބުރާ އާމްދަނީގެ ތެރެއަށް ވަނުމުންނެވެ.

“ބޭންކުގެ ރައުސްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ގާނޫނުން ލާޒިމްކުރާ މިންވަރަށްވުރެ މަތީގައި ހިފެހެއްޓިފައި. ނިމިގެންދިޔަ ކުއާޓަރުގައި ބޭންކުންވަނީ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް އެއް ބިލިއަން ރުފިޔާއަށް ވުރެ އިތުރު އަދަދަކަށް ލޯނާއި ފައިނޭންސް ދޫކޮށްފައި،” އެ ބޭންކުން ބުންޏެވެ.

ބީއެމްއެލް އިން ބުނިގޮތުގައި މުޖުތަމައަށް އެހީވުމަށް ބޭންކުން ހިންގާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ބޭންކިން ވިއުގަ ވަނީ އިތުރަށް ފުޅާކޮށްފަ އެވެ. މިގޮތުން ހަތަރު ރަށެއްގައި ސެލްފް ސާވިސް ބޭންކިން ހިދުމަތް ތައާރަފްކޮށްފައިވެ އެވެ. އަދި ހަަމައެހެންމެ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކޮންމެ މަހަކު ހިންގުމަށް ރާވާފައިވާ ހަރަކާތްތައްވެސް ހިންގާފައިވެ އެވެ.

މި ނަތީޖާ އާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ހަރުދަނާ މާލީ ނަތީޖާއެއް ހޯދުނުކަމީ އެ ބޭންކަށް ލިބުނު ބޮޑު އުފަލެއް ކަމަށެވެ.

“ދުނިޔޭގެ މާކެޓަށް އެކި ބަދަލުތައް އައުން އެކަށީގެންވާ ހާލަތެއްގައި އޮތް ނަމަވެސް ބޭންކުގެ ވިޔަފާރީގެ ހުރިހާ ދާއިރާއަކުން ވެސް ކުރިއެރުން ހޯދައި ބޭންކަށް ކާމިޔާބު ނަތީޖާއެއް މިދަނީ ދެމެހެއްޓެމުން. ބޭންކު މިއަދު މިވަނީ ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރެވޭނެފަދަ ރަނގަޅު ހާލަތެއްގައި. ބޭންކުގެ ސްޓެރެޓެޖީގެ މުހިންމު ދެކަމެއް ކަމަށްވާ ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި ޑިޖިޓަލް ބޭންކިންގ ހިދުމަތްތައް ފުޅާކުރުމަށް އަޅުގަނޑުމެން ނުހަނު ބޮޑަށް މަސައްކަތްކުރަމުންދާނަން،” ސީއީއޯ ވިދާޅުވި އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 81 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 139 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.