ދިރާގު މޯލްޑިވްސް ރޯޑް ރޭސް މިއަހަރު ހުޅުމާލޭގައި

dmrr-1

ރާއްޖޭގައި ކާމިޔާބުކަމާއެކު ބާއްވަމުން އަންނަ އެންމެ ބޮޑު ދުވުމުގެ ރޭސް އަދި އިޖުތިމާއީ ހަރަކާތް ކަމަށްވާ ‘ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2016’ މިއަހަރު ހުޅުމާލޭގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

ދިރާގުން ނެރުނު ނޫސް ބަޔާނެއްގައިވާ ގޮތުގައި ނޮވެމްބަރު 11 ވަނަ ދުވަހު ބާއްވާ މިރޭހަކީ އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަން އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) އިން އެންޑޯސްކޮށް ފާސްކޮށް ރާއްޖޭގައި ބޭއްވޭ ހަމައެކަނި ބައިނަލް އަޤުވާމީ ރޭހެވެ. އަދި ރާއްޖޭގެ ދުވުންތެރިން ބޭރުގެ އެތްލީޓުންނާއެކު ދުވެލަން ލިބިގެންދާނެ ބޮޑު ފުރުސަތެއް ކަމަށްވެސް ދިރާގުން ބުންޏެވެ.

ދިރާގުން ބުނި ގޮތުގައި މި ރޭހުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ ނޮވެމްބަރ 1 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ކުޑަކުދިން ރައްކާތެރިކުރުމާއި އެކުދިންނަށް އަޅާލާ އެހީތެރިވުމަކީ ދިރާގުގެ އިޖްތިމާއީ ޒިންމާގެ ދަށުން ބޮޑު އަހަންމިއްޔަތު ކަމެއް ދޭ ދާއިރާއަކަށް ވާއިރު މި އަހަރުގެވެސް ރޯޑްރޭހުގެ ޝިއާރަކަށް އެ ކުންފުނިން ކަނޑައަޅާފައިވަނީ ކުޑަކުދިން ރައްކާތެރިކުރުމާއި އެކުދިންނަށް ކުރެވޭ ތަފާތު އަނިޔާތައް ހުއްޓުވުމުވެ.

“މިއަހަރަކީ މި ބައިނަލް އަޤުވާމީ ހަރަކާތް ކާމިޔާބު ކަމާއި އެކު ރާއްޖޭގައި ބޭއްވޭތާ 10ވަނަ އަހަރެވެ. މިއަހަރުވެސް މިހަރަކާތުގެ ޝިއާރަކަށް ކަނޑައަޅާފައިވާނީ ދިރާގުގެ އިޖްތިމާއީ ޒިންމާގެ ދަށުން ބޮޑު އަހަންމިއްޔަތު ކަމެއް ދޭ ދާއިރާއެއްކަމަށް ކުޑަކުދިން ރައްކާތެރިކުރުމަށެވެ. މިއަހަރުގެ ރޭހުގައި 3000 ދުވުންތެރިންނަށް ޖާގަ ހުޅުވާލެވފައިވާނެއެވެ. އަދި 5 ކިލީމީޓަރުގެ އިތުރުން 10ކިލޯމީޓަރުގައި ވެސް ބައިވެރިވުމުގެ ފުރުސަތުވާނީ ހުޅުވާލާފައެވެ. އެހެން އަހަރުތަކެކޭވެސް އެއްގޮތައް ގިނަ އަދަދެއްގެ ދިވެހިންނާއި ބޭރުޤައުމުތަކުގެ މީހުން މިއަހަރުގެ ރޭހުގައިވެސް ބައިވެރިވާނެ ކަމަށް އުއްމީދުކުރަމަވެ. މި ހަރަކާތް މި ފަހަރު މުޅިން އަލަށް ހުޅުމާލޭގައި މި ބޭއްވެނީ އެޗްޑީސީގެ ވަރަށް ބޮޑު އެއްބާރުލުމަކާއި އެކީގައެވެ.” ދިރާގު ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދިރާގުގެ މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕީއާރް މެނޭޖަރު މުހައްމަދު މިރްޝާން ހަސަން ވިދާޅުވި އެވެ.

އެޗްޑީސީގެ ހިއުމަން ރިސޯސަސް ޑިރެކްޓަރ އަހުމަދު ފާތިޙް ވިދާޅުވީ ދިރާގު ރޯޑް ރޭސް ހުޅުމާލޭގައި ބޭއްވުމަކީ ލިބޭ ފަހުރެއްގެ ގޮތުގައި ދެކޭ ކަމަށާއި މި ފަދަ އިޖްތިމާއީ ހަރަކާތްތަކަށް އެޗްޑީސީއިން އަބަދުވެސް އެއްބާރުލުން ލިބޭނެ ކަމަށެވެ.

މިއަހަރުގެ ރޭހުގެ ޝިއާރަކަށްވެސް ކުޑަކުދިން ރައްކާތެރިން ކުރުން ނިންމާފައިވާއިރު މި އަހަރު މި ފުރުސަތު ލިބިގެންދާ ޖަމިއްޔާތައް ހޮވުމުގައި އެންމެ އިސްކަމެއް ދެވޭނީ މި ދާއިރާގައި މަސައްކަތް ކުރައްވާ ޖަމިއްޔާތަކަށެވެ. އެގޮތުން މި އަހަރުވެސް ހޮވޭ ޖަމިއްޔާތަކަށް ރޭހުގެ ބައިވެރިން ވޯޓް ލައިގެން އެންމެ ގިނަ ވޯޓް ލިބޭ 5 ޖަމިއްޔާއަކަށް، ކޮންމެ ޖަމިއްޔާއަކަށް 40،000ރުފިޔާ ހަދިޔާ ކުރުމަށް ދިރާގުން މިވަނީ ނިންމަވާފައެވެ . މިއީ މިފަދަ ޖަމިއްޔާތަކަށް ފައިސާ ހޯދޭނެ ވަސީލަތެއް ޤާއިމްކޮށްދިނުމުގެ ގޮތުންނާއި އެ ޖަމިއްޔާއަކާއި ބެހޭގޮތުން އާންމުން ހޭލުންތެރިކުރުވުމުގެ ފުރުސަތުވެސް ހޯދައިދިނުމުގެ މަޤްސަދުގައި ކުރެވިގެންދާ ކަމަކަށްވާއިރު ދިރާގުން ހަދިޔާ ކުރާ ފައިސާގެ އިތުރުން ދުވުމުގެ ބައިވެރިންގެ ޓީޝާޓް ވިއްކައިގެންވެސް ފައިސާ ހޯދުމުގެ ފުރުސަތު އެ ޖަމިއްޔާތަކަށް ހުޅުވިގެންދާނެކަމަށެވެ.

ދިރާގު ރޯޑް ރޭސް މި ފަހަރު ވެސް އޮންނާނީ ދެ ކެޓަގަރީ އަކަށެވެ. އެއީ ފަސް ކިލޯމީޓަރުގެ ބަޔާއި ދިހަ ކިލޯމީޓަރުގެ ބަޔެވެ. ކޮންމެ ކެޓަގަރީ އަކުން ވެސް އޯޕަން ބަޔާއި 45 އަހަރުން މަތީގެ ބަޔާއި ސްކޫލް ކުދިންގެ ބައި ވެސް ހިމެނެ އެވެ. އެހެން ނަމަވެސް ދެ ކަޓަގަރީގައި ވެސް ވަނީ ސްކޫލު ކުދިން ބައިވެރިކުރުމުގައި އުމުރުފުރާ ކަނޑައަޅައިފަ އެވެ. ފަސް ކިލޯމީޓަރުގެ ބައިގައި ބައިވެރިވެވޭނީ މި އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހަށް ހަތް އަހަރު ފުރިފައިވާ ކުދިންނަށެވެ. އަދި ދިހަ ކިލޯމީޓަރުގެ ބައިގައި ބައިވެރިވެވޭނީ މި އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހަށް 16 އަހަރު ފުރިފައިވާ ކުދިންނަށެވެ. ރޭހުގައި މި ފަހަރު ވެސް ބައިވެރިވެވޭނީ 3000 މީހުންނަށެވެ.

މިއީ މި ކުލަގަދަ ހަރަކާތް ކާމިޔާބުކަމާއި އެކު ދިރާގުން ބާއްވަމުން އަންނަތާ 10 ވަނަ އަހަރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.