
މ. ކޮޅުފުއްޓަށް ދެ ދޯންޏެއް ކައިރިކޮށްގެން އުޅެނިކޮށް، އެ ދެ ދޯނި ދޭތެރޭގައި ފިތިގެން ބ. ހިތާދޫ މީހަކު މިއަދު ނިޔާވެއްޖެ އެވެ.
އެ ހާދިސާގައި ނިޔާވީ ހިތާދޫ އަބްދުﷲ އަހުމަދު، 60 އެވެ.
އޭނާ އަކީ މާލެ އިން މުދާ ބަރުކޮށްގެން އައްޑު އަށް ދަތުރުކުރި ސަޕްލައި ދޯންޏެއްގައި މަސައްކަތްކުރާ މީހެކެވެ.
މުލީ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ނާފިޒު “މިހާރު” ނޫހަށް ވިދާޅުވި ގޮތުގައި އައްޑު އަށް މުދާ ބަރުކޮށްގެން ދަތުރުކުރަމުން ދަނިކޮށް، ކަނޑުގަދަވުމުގެ ސަބަބުން ދޯނި މަޑުކުރީ މ. ތުވަރު ކައިރީގައެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ދޯންޏާއެކު، އިތުރު ދޯންޏެއް ވެސް ދަތުރުކުރަމުން ދިޔައިރު، ދެ ދޯނި އެ ތަނުގައި ބަންނަން އުޅެނިކޮށް، އަބްދުﷲ އަހުމަދު ދޯނިން ކަހާލައިގެން ވެއްޓި އަނިޔާވި ކަމުގެ ރިޕޯޓް ހޮސްޕިޓަލަށް ލިބުނީ ހަވީރު 5:15 ހާއިރު އެވެ.
އޭނާ ވިދާޅުވިގޮތުގައި، ހޮސްޕިޓަލުގެ މެޑިކަލް އޮފިސަރަކާއި ދެ ނަރުހުން އެމްއެންޑީއެފްގެ އުޅަނދެއްގައި އެ ސަރަހައްދަށް ދެވުނީ 5:40 ހާއިރެވެ. އޭރު ވެސް އަބްދުﷲ އަހުމަދު އޮތީ މަރުވެފައި ކަމަށާއި އެކަމަކު އިތުރަށް ތަހުގީގު ކުރުމަށް ހޮސްޕިޓަލަށް ހަށިގަނޑު ގެނައީ ކަމަށް ނާފިޒު ވިދާޅުވި އެވެ.
އޭމި ހާދިސާގައި އަބްދުﷲ އަހުމަދުގެ މޭމަތިން ތަނެއް މަށައިގެން ދިއުން ފިޔަވައި ހަށިގަނޑުގެ ބޭރުފުށުގައި އަނިޔާގެ އެއްވެސް ނިޝާނެއް ނެތެވެ. އެކަމަކު ހޮސްޕިޓަލުން ހެދި އެކްސްރޭ އިން ދައްކާ ގޮތުގައި އަބްދުﷲ އަހުމަދުގެ މޭމަތީގެ ގިނަ ކަށިތައް ހުރީ ބިނދިފައެވެ.
އަބްދުﷲ އަހުމަދުގެ ފަސް ކުދިންނާއި އަންހެނުން އަދި އާއިލާގެ ގިނަ މީހުން އުޅެނީ މާލޭގަ އެވެ.
އެ މީހާ ފިތުމުން އިތުރު ފަރުވާއަށް މ. މުލީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
އެ ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބުނީ ހަވީރު 4:40 ހާއިރު އެވެ. އެ މީހާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.
