
ބ. ކެންދޫގެ ފެނާއި ނަރުދަމާ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް އެމްޑަބްލިއުއެސްސީން މިއަދު ބުނެފި އެވެ.
އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ފެނާއި ނަރުދަމާ ނިޒާމްގައި ހިމެނޭ މައި ނެޓްވޯކްގެ ހޮޅި ވަޅުލުމުގެ މަސައްކަތާއި ފެން ޕްލާންޓް ބެހެއްޓުމަށް ބޭނުންވާ ފެސިލިޓީ އިމާރާތުގެ މަސައްކަތް ކަމަށެވެ. އަދި މި މަޝްރޫއަށް ބޭނުންވާ ހޮޅި އާއި އެހެނިހެން ސާމާނު މިހާރު އެ ރަށަށް ގެންގޮސްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން 5.26 ކިލޯ މީޓަރުގެ ފެން ހޮޅީގެ މައި ނެޓްވޯކެއް ގާއިމްކޮށް، އާރުއޯ ފެސިލިޓީއެއް އިމާރާތް ކުރާނެ އެވެ. އަދި ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓު ބަހައްޓައި ފެން ރައްކާކުރުމަށް ތިން ތާނގީ ބަހައްޓާނެ އެވެ.
މީގެ އިތުރުން ފެން އެ ރަށުގެ ގެތަކުގައި ފެން މީޓަރު ބަހައްޓައި ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތް ވެސް އެމްޑަބްލިއުއެސްސީން ކުރާނެ އެވެ.
ކެންދޫ ނަރުދަމާ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން 4.88 ކިލޯ މީޓަރުގެ ނަރުދަމާ މައި ނެޓްވޯކެއް ގާއިމްކޮށް، 5 މީޓަރުގެ ޕަންޕިން ލައިން އެޅުމާއި ދެ ޕަންޕިން ސްޓޭޝަނާއި ސީއައުޓްފްލޯއެއްގެ އިތުރުން ގެތަކުގައި ޖަންގްޝަން ބަހައްޓައިދީ ނަރުދަމާ ނިޒާމު ވެސް ގުޅުވައިދޭނެ އެވެ.
