ލީގު ކޮލިފައިންގައި އޭދަފުށީ ދެޓީމުގެ ފުރަތަމަ މެޗު މާދަމާ

އޭދަފުށި ފުޓްބޯޅަ ޓީމާއި އުނގޫފާރު ޓީމާއެކު ކުޅުނުގެ އެކުވެރިކަމުގެ މެޗެއްގެ ތެރެއިން- ފޮޓޯ/ޔާނިއު

ދިވެހި ޕްރިމިއާ ލީގު ކޮލިފައިންގެ އޯޕަން ރައުންޑުގައި ވާދަކުރާ އޭދަފުށީ ދެޓީމުގެ ފުރަތަމަ ލެގްގެ ކުޅުން މާދަމާ އޮންނާނެ އެވެ. އޯޕަން ރައުންޑުގައި އޭދަފުށިން ބައިވެރިވެފައިވަނީ ކްލަބް އޭދަފުއްޓާއި އޭދަފުށީ ފުޓްބޯޅަ ކްލަބެވެ.

އެފްއޭއެމުން މުޅި ރާއްޖެ އަށް ލީގު ފުޅާކޮށްގެން ކުރިއަށްގެންދަން ނިންމާފައިވަނީ 2024/2023 ވަނަ ސީޒަނުން ފެށިގެންނެވެ. އޭގެކުރިން ކުޅުމަށް ހަމަޖެހިފައިވާ ކޮލިފައިން ބުރުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ޖެނުއަރީ މަހު އެވެ. ރާއްޖެ ހަތަރު ޒޯނަކަށް ބަހާލާފައިވާއިރު އޭދަފުށި ހިމެނޭ ބ. އަތޮޅު ލައްވާލީ ސެންޓްރަލް ޒޯންގަ އެވެ. މި ޒޯންގައި ދެން ހިމެނެނީ ޅ، ކ، އއ، އދ، މ، ފ އަދި ދ އަތޮޅެވެ. ދެން އޮންނާނީ ނޯތު ޒޯން އާއި ސައުތު ޒޯން އަދި މާލެ ސަރަހައްދަށް ނިސްބަތްވާ ޒޯނެވެ.

އޭދަފުށީގެ ދެޓީމުގެ ތެރެއިން ކްލަބް އޭދަފުއްޓަކީ މީގެ ކުރިން މުބާރާތްތަކުގައި ވާދަކޮށްފައިވާ ކްލަބެކެވެ. އެޓީމުން ވަނީ ބ. އަތޮޅަށް ހުޅުވާލައިގެން ފޯ ސީޒަން ލަނޑާ ގިރާވަރުން ބޭއްވި ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން 2019 ވަނަ އަހަރު ހޯދާފަ އެވެ. އަދި 2020 ވަނަ އަހަރު އޮތް އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގައި ކްލަބް އޭދަފުށި ވަނީ ވާދަކޮށްފަ އެވެ. މުބާރާތަށް ނުކުންނައިރު ކްލަބް އޭދަފުށީ ޓީމުގެ ކޯޗަކަށް ހުރީ ރާއްޖޭގެ ތަޖުރިބާކާރު ކޯޗު އަހުމަދު އާތިފް (އާތީ) އެވެ.

ކްލަބް އޭދަފުށީ ފަރިތަކުރުން ތަކުގައި

ކްލަބް އޭދަފުއްޓާ ދެކޮޅަށް ނުކުންނަ އޭދަފުށީ ފުޓްބޯޅަ ކްލަބަކީ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވުމަށް އަމާޒުހިފައި ދާދިފަހުން އުފެއްދި ޓީމެކެވެ. އެ ޓީމުގެ ރަސްމީ ފުރަތަމަ މުބާރާތަށް ނުކުންނައިރު ކޯޗިން ޓީމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރަނީ މުހައްމަދު ޒާހިދު (ބައްޓޭ) އެވެ.

ލީގު ކޮލިފައިންގައި ހިމެނޭ ކޮންމެ ޒޯނެއްގައި ތިން ޑިވިޝަން އޮންނައިރު އެންމެ ފުރަތަމަ ކުޅެނީ އޯޕަން ރައުންޑުގެ މެޗުތަކެވެ. މިއީ އެއް ރަށަކުން އެއް ޓީމަށްވުރެ ގިނަ ޓީމު ބައިވެރިވެފައިވާނަމަ ކުޅޭ ބުރެކެވެ. އޯޕަން ރައުންޑުގެ ޗެމްޕިއަން ޓީމުތަކަށް ޒޯން ބުރުން ފުރުސަތު ލިބޭނެ އެވެ.

ލީގު ކޮލިފައިންގައި 53 ރަށުން 61 ޓީމު މުބާރާތުގައި ވަނީ ބައިވެރިވެފަ އެވެ. އެއް ޓީމަށް ވުރެ ގިނަ ޓީމުތައް ބައިވެރިވެފައިވަނީ އޭދަފުށީގެ އިތުރުން ށ. ނަރުދޫ އާއި ލ. ގަން، ލ. ކުނަހަންދޫ، ސ. ފޭދޫ، އަދި ސ. ހިތަދޫ އިންނެވެ. މިހާތަނަށް އޯޕަން ރައުންޑް ކުޅެފައިވަނީ ދެ ރަށެއްގަ އެވެ. ލ. ގަމުގައި އޮތް އޯޕަން ރައުންޑުގެ ޗެމްޕިއަންކަން ހޯދައި ތިއްތި ސްޕޯޓްސް ކްލަބް އަނެއް ބުރުން ފުރުސަތު ހޯދިއިރު ލ. ކުނަހަންދޫގައި އޮތް އޯޕަން ރައުންޑުގެ ޗެމްޕިއަންކަން ހޯދީ ކުނަހަންދޫ އައިލެންޑް ނޮމިނޭޝަން ގްރޫޕެވެ.

އޭދަފުށީގެ އޯޕަން ރައުންޑުގައި ކްލަބް އޭދަފުއްޓާއި އޭދަފުށީ ފުޓްބޯޅަ ކްލަބް ވާދަކުރާ ފުރަތަމަ ލެގްގެ މެޗު އޭދަފުށީ ޓާފް ދަނޑުގައި އޮންނާނީ މާދަމާ ހަވީރު އެވެ. މި ދެޓީމުގެ ދެ ވަނަ ލެގްގެ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހު އެވެ. ޗެމްޕިއަންކަން ލިބޭނީ ދެ މެޗަށް ފަހު އެގްރިގޭޓް ނަތީޖާއިން ކުރި ލިބޭ ޓީމަކަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.