ފުރަތަމަ މެޗުގައި އޭދަފުށި ފުޓްބޯޅަ ކްލަބުން، ކްލަބް އޭދަފުށި ބަލިކޮށްފި

މިއަދު ހަވީރު ކްލަބް އޭދަފުއްޓާ އޭދަފުށި ފުޓްބޯޅަ ކްލަބު ކުޅުނު މެޗުގެ ތެރެއިން — އީޓީ ފޮޓޯ/ޔާނިއު

ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަނުގެ އޯޕަން ރައުންޑުގައި މިއަދު ހަވީރު ކްލަބް އޭދަފުއްޓާ ވާދަކުރި މެޗު 2-1 އިން ކާމިޔާބުކޮށް އޭދަފުށި ފުޓްބޯޅަ ކްލަބުން އޭދަފުށީގެ އޯޕަން ރައުންޑް ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑުކޮށްފި އެވެ.

އޯޕަން ރައުންޑަކީ އެއް ރަށަކުން އެއް ޓީމަށް ވުރެ އިތުރަށް ބައިވެރިވެފައިވާނަމަ ކުޅޭ ބުރެކެވެ. މި ދެޓީމުގެ ތެރެއިން ލީގު ކޮލިފައިންގެ ތިން ވަނަ ޑިވިޝަނަށް ހޮވޭ ޓީމެއް ކަށަވަރުވާނީ އަންގާރަ ދުވަހު ކުޅޭ ދެ ވަނަ ލެގްގެ މެޗަށް ފަހު އެވެ. އެ މެޗު އެއްވަރުކޮށްލައިގެން ވެސް އޭދަފުށި ފުޓްބޯޅަ ކްލަބަށް އަނެއް ބުރުން ފުރުސަތު ލިބޭނެ އެވެ. އޯޕަން ބުރުން ކަޓައިފި ނަމަ ކްލަބް އޭދަފުއްޓަށް މުބާރާތުގައި ކުރިއަށްދިއުމުގެ ފުރުސަތު ބަންދުވާނެ އެވެ.

އޭދަފުށީ ޓާފް ފުޓްބޯޅަ ދަނޑުގައި މިއަދު ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ޖެހީ އޭދަފުށި ފުޓްބޯޅަ ކްލަބުންނެވެ. 29 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު އަތީފް އެވެ. އޭރިޔާ ތެރެއިން އޭނާ އަށް ލިބުނު ބޯޅަ ކައިރީގައި ހުރި ޑިފެންޑަރަށް ފުރުސަތު ނުދީ ގޯލުގެ ތެރެއަށް ވައްދާލީ ހަމަޖެހިލާފަ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ކްލަބް އޭދަފުށިން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. 38 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްދިނީ ހުސައިން ޝަރީފް އެވެ. މިއީ އޭރިޔާ ބޭރުން އަލީ ނަސީމް ފޮނުވާލި ބާރު ބޯޅަ ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ހުސްކޮށް ހުރެ ހުސައިން ޝަރީފް ބޮލުން ވައްދާލި ލަނޑެކެވެ. އެ ބޯޅަ ގޯލުގެ ރޮނގު ހުރަސް ނުކުރާކަމަށް ބުނެ އޭދަފުށި ފުޓްބޯޅަ ކްލަބުގެ ބިދޭސީ ގޯލްކީޕަރު ޝަކުވާކުރުމުން ރެފްރީ ވަނީ އޭނާ އަށް ރީނދޫ ކާޑު ދައްކާފަ އެވެ. މެޗުގެ ދެ ވަނަ ހާފުގައި އޭދަފުށި ފުޓްބޯޅަ ކްލަބް މޮޅުވި ލަނޑު ޖެހީ ވެސް މެޗުގައި މޮޅު ކުޅުމެއް ދެއްކި އަތީފް އެވެ. އޭރިޔާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ގޯލުގެ މަތީ ކަނަށް ބޯޅަ އަމާޒުކޮށްލައިގެން އަތީފް މި ގޯލު ޖެހީ 68 ވަނަ މިނެޓުގަ އެވެ.

އޭދަފުށި ފުޓްބޯޅަ ކްލަބުން ލީޑު ނެގުމުން ކްލަބް އޭދަފުށިން ވަނީ ކުރިއަށް ޖެހި ގޯލެއް ޖެހޭތޯ މަސައްކަތްކޮށްފަ އެވެ. އެކަމަކު އިދިކޮޅު ގޯލާ އަމާޒުކޮށް މާ ނުރައްކާތެރި ހަމަލާއެއް އެޓީމަށް ފޮނުވައެއްނުލެވުނެވެ.

ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަނުގައި 53 ރަށަކުން 61 ޓީމު ވަނީ ބައިވެރިވެފަ އެވެ. މުބާރާތުގައި މިހާރު ކުރިއަށްދަނީ އޯޕަން ޑިވިޝަނުގެ މެޗުތަކެވެ. މުޅި ރާއްޖެ އަށް ހުޅުވާލައިގެން އެފްއޭއެމުން ދިވެހި ޕްރިމިއާ ލީގު ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ 2024/2023 ވަނަ ސީޒަނުން ފެށިގެންނެވެ. އެ ސީޒަނުގައި ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާނީ މިހާރު ފުރަތަމަ ޑިވިޝަނުގައި އޮތް އަށް ޓީމާއެކު ހަތަރު ޒޯނުގެ ހަތަރު ޗެމްޕިއަނުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.