އޭދަފުށީގެ ޗެމްޕިއަންކަން ކަނޑައަޅާ މެޗު މިއަދު ހަވީރު

ދިވެހި ޕްރިމިއާ ލީގު ކޮލިފައިންގެ އޯޕަން ރައުންޑުގައި ވާދަކުރާ އޭދަފުށީ ދެ ޓީމުގެ ދެވަނަ ލެގްގެ ކުޅުން މިއަދު ހަވީރު އޮންނާނެ އެވެ. އޯޕަން ރައުންޑުގައި އޭދަފުށިން ބައިވެރިވެފައިވަނީ ކްލަބް އޭދަފުއްޓާއި އޭދަފުށީ ފުޓްބޯޅަ ކްލަބެވެ. 

ފުރަތަމަ މެޗު 2-1 އިން ކާމިޔާބުކޮށް އޭދަފުށި ފުޓްބޯޅަ ކްލަބުން އޭދަފުށީގެ އޯޕަން ރައުންޑް ކާމިޔާބުކުރުމުގެ ފުރުސަތު ވަނީ ބޮޑުކޮށްފި އެވެ.  

ޗެމްޕިއަންކަން ލިބޭނީ މިއަދުގެ މެޗަށް ފަހު އެގްރިގޭޓް ނަތީޖާއިން ކުރި ލިބޭ ޓީމަކަށެވެ.

އެފްއޭއެމުން މުޅި ރާއްޖެ އަށް ލީގު ފުޅާކޮށްގެން ކުރިއަށްގެންދަން ނިންމާފައިވަނީ 2024/2023 ވަނަ ސީޒަނުން ފެށިގެންނެވެ.

އޭގެކުރިން ކުޅުމަށް ހަމަޖެހިފައިވާ ކޮލިފައިން ބުރުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ޖެނުއަރީ މަހު އެވެ. ރާއްޖެ ހަތަރު ޒޯނަކަށް ބަހާލާފައިވާއިރު އޭދަފުށި ހިމެނޭ ބ. އަތޮޅު ލައްވާލީ ސެންޓްރަލް ޒޯންގަ އެވެ. މި ޒޯންގައި ދެން ހިމެނެނީ ޅ، ކ، އއ، އދ، މ، ފ އަދި ދ އަތޮޅެވެ. ދެން އޮންނާނީ ނޯތު ޒޯން އާއި ސައުތު ޒޯން އަދި މާލެ ސަރަހައްދަށް ނިސްބަތްވާ ޒޯނެވެ. 

އޭދަފުށީގެ ދެޓީމުގެ ތެރެއިން ކްލަބް އޭދަފުއްޓަކީ މީގެ ކުރިން މުބާރާތްތަކުގައި ވާދަކޮށްފައިވާ ކްލަބެކެވެ. އެޓީމުން ވަނީ ބ. އަތޮޅަށް ހުޅުވާލައިގެން ފޯ ސީޒަން ލަނޑާ ގިރާވަރުން ބޭއްވި ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން 2019 ވަނަ އަހަރު ހޯދާފަ އެވެ. އަދި 2020 ވަނަ އަހަރު އޮތް އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގައި ކްލަބް އޭދަފުށި ވަނީ ވާދަކޮށްފަ އެވެ. މުބާރާތަށް ނުކުންނައިރު ކްލަބް އޭދަފުށީ ޓީމުގެ ކޯޗަކަށް ހުރީ ރާއްޖޭގެ ތަޖުރިބާކާރު ކޯޗު އަހުމަދު އާތިފް (އާތީ) އެވެ. 

ކްލަބް އޭދަފުއްޓާ ދެކޮޅަށް ނުކުންނަ އޭދަފުށީ ފުޓްބޯޅަ ކްލަބަކީ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވުމަށް އަމާޒުހިފައި ދާދިފަހުން އުފެއްދި ޓީމެކެވެ. އެ ޓީމުގެ ރަސްމީ ފުރަތަމަ މުބާރާތަށް ނުކުންނައިރު ކޯޗިން ޓީމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރަނީ މުހައްމަދު ޒާހިދު (ބައްޓޭ) އެވެ. 

ލީގު ކޮލިފައިންގައި ހިމެނޭ ކޮންމެ ޒޯނެއްގައި ތިން ޑިވިޝަން އޮންނައިރު އެންމެ ފުރަތަމަ ކުޅެނީ އޯޕަން ރައުންޑުގެ މެޗުތަކެވެ. މިއީ އެއް ރަށަކުން އެއް ޓީމަށްވުރެ ގިނަ ޓީމު ބައިވެރިވެފައިވާނަމަ ކުޅޭ ބުރެކެވެ. އޯޕަން ރައުންޑުގެ ޗެމްޕިއަން ޓީމުތަކަށް ޒޯން ބުރުން ފުރުސަތު ލިބޭނެ އެވެ.

ލީގު ކޮލިފައިންގައި 53 ރަށުން 61 ޓީމު މުބާރާތުގައި ވަނީ ބައިވެރިވެފަ އެވެ. އެއް ޓީމަށް ވުރެ ގިނަ ޓީމުތައް ބައިވެރިވެފައިވަނީ އޭދަފުށީގެ އިތުރުން ށ. ނަރުދޫ އާއި ލ. ގަން، ލ. ކުނަހަންދޫ، ސ. ފޭދޫ، އަދި ސ. ހިތަދޫ އިންނެވެ. މިހާތަނަށް އޯޕަން ރައުންޑް ކުޅެފައިވަނީ ދެ ރަށެއްގަ އެވެ. ލ. ގަމުގައި އޮތް އޯޕަން ރައުންޑުގެ ޗެމްޕިއަންކަން ހޯދައި ތިއްތި ސްޕޯޓްސް ކްލަބް އަނެއް ބުރުން ފުރުސަތު ހޯދިއިރު ލ. ކުނަހަންދޫގައި އޮތް އޯޕަން ރައުންޑުގެ ޗެމްޕިއަންކަން ހޯދީ ކުނަހަންދޫ އައިލެންޑް ނޮމިނޭޝަން ގްރޫޕެވެ. 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.