އޭދަފުށީގެ ޗެމްޕިއަންކަން ހޯދައި ކްލަބް އޭދަފުށި ކޮލިފައިންގެ އަނެއް ބުރަށް

ކްލަބް އޭދަފުށީގެ ކެޕްޓަން އިޝާން އިބްރާހިމް (ސައްޓު) އޭދަފުށީ އެފްސީ ކުޅުންތެރިން ކައިރިން ބޯޅަ ހިފައިގެން ދަނީ– އީޓީ ފޮޓޯ / ޔާނިއު

ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން، އޯޕަން ރައުންޑުގައި މިއަދު ހަވީރު ޕެނަލްޓީ ޖަހައިގެން 4-3 އިން އޭދަފުށި ފުޓްބޯޅަ ކްލަބް ބަލިކޮށް، ކްލަބް އޭދަފުށި މުބާރާތުގެ ސެންޓްރަލް ލީގުގެ ދެ ވަނަ ބުރުން ފުރުސަތު ހޯދައިފި އެވެ.

އޭދަފުށީގެ އޯޕަން ރައުންޑުގެ ޗެމްޕިއަންކަން ހޯދާ ޓީމެއް ކަށަވަރުކުރުމަށް ޕެނަލްޓީ ޖަހަން ޖެހުނީ ދެ ލެގުގެ އެގްރިގޭޓުން ދެ ޓީމު އެއްވަރުވުމުންނެވެ. ފުރަތަމަ މެޗު 2-1 އިން އޭދަފުށި ފުޓްބޯޅަ ކްލަބް ކާމިޔާބު ކުރިއިރު ދެ ވަނަ ލެގްގެ މެޗު ކްލަބް އޭދަފުށިން މިއަދު ހަވީރު ކާމިޔާބުކުރީ ހަމަ އެ ނަތީޖާއިންނެވެ.

ފަހަތުން އަރައި ހޯދި ބޮޑު މޮޅާއެކު ދިވެހި ޕްރިމިއާ ލީގުގެ ކޮލިފައިންގައި އޭދަފުށި ތަމްސީލުކުރާނީ ކްލަބް އޭދަފުއްޓެވެ. މިއަދުގެ މެޗުން ބަލިވުމުން ދިވެހި ޕްރިމިއާ ލީގުގެ ކޮލިފައިންއިން އޭދަފުށި ފުޓްބޯޅަ ކްލަބް ވަނީ ކަޓައިފަ އެވެ.

ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާ ބޮޑު ކޯޗު މުހައްމަދު އާތިފް (އާތީ) ގެ ކޯޗުކަމުގައި ކްލަބް އޭދަފުށި މިއަދުގެ މެޗަށް ނުކުތީ ފުރަތަމަ މެޗުގެ އެގާރައަށް ބަދަލުތަކެއް ގެނެސްގެންނެވެ. އެޓީމުގެ ގޯލްކީޕަރަށް އަލީ އަޖުފާން އަމްޖަދު ހުރިއިރު އިސްމާއީލް ޝަރީފް އާއި މުހައްމަދު އަޖުފާން އަދި އަހުމަދު ޝުހައިލް (ބަންބުޗް) ވަނީ ފުރަތަމަ އެގާރައިގައި ހިމަނާފަ އެވެ.

އޭދަފުށި ފުޓްބޯޅަ ކްލަބުގެ ބިދޭސީ ތިން ކުޅުންތެރިން މިއަދު ފުރަތަމަ އެގާރައިގައި ކުޅުނެވެ. އެއީ ގޯލްކީޕަރު މުހައްމަދު ހަސަން އާއި ފޯވާޑް މުސްތަފާ ހާމިދުގެ އިތުރުން މިޑްފީލްޑަރު ހާލިދު އަހުމަދު އެވެ. ފުރަތަމަ މެޗުގައި ފުރަތަމަ އެގާރައިގައި ހިމެނުނު ހައްފާފް ސިދުގީ މިއަދު ކުޅެން އެރީ ބެންޗުންނެވެ.

މެޗު ފަށައިގެން ފުރަތަމަ މިނެޓުގައި އޭދަފުށި ފުޓްބޯޅަ ކްލަބުން ވަނީ ލީޑު ނަގައިފަ އެވެ. އަރިމަތިން ނަގައިދިން ހުރަހެއް ހަމަޖެހިލާފައި ފައިން ގޯލުގެ ތެރެއަށް ވައްދާލައިގެން އެޓީމަށް ލީޑު ނަގައިދިނީ ބިދޭސީ ފޯވާޑް މުސްތަފާ އެވެ. ލީޑު ނެގުމަށް ފަހު ވެސް ފުރަތަމަ ހާފުގެ ކުރީކޮޅު އެޓީމަށް ލަނޑު ޖަހާނެ ފުރުސަތުތައް ލިބުނެވެ.

މެޗުގެ ދެ ވަނަ ހާފުގައި ކްލަބް އޭދަފުއްޓަށް މައްސަލަތައް ދިމާވީ 54 ވަނަ މިނެޓުގައި ޑިފެންޑަރު މުހައްމަދު ޝާން އަބްދުލްގަފޫރު އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ. އެއް ކުޅުންތެރިއަކު މަދުކޮށް ވެސް ކްލަބް އޭދަފުށިން ވަނީ ހިތްވަރުކޮށް އިދިކޮޅު ގޯލަށް ނުރައްކާކޮށްފަ އެވެ. މެޗުގައި ކްލަބް އޭދަފުށީގެ ފުރަތަމަ ލަނޑު 72 ވަނަ މިނެޓުގައި ޖެހީ ފޯވާޑް އާދަމް ނިޒާމް (ކިތުނާ) އެވެ. އޭރިޔާ ތެރޭގައި ހުހަށް ހުރެ ކިތުނާ އަށް ލިބުނު ބޯޅަ ގޯލަށް ވައްދާލީ ފަސޭހައިންނެވެ. 1-1 އިން ނަތީޖާ އެއްވަރުވެފައި އޮތްވައި މެޗުގެ 85 ވަނަ މިނެޓުގައި ކްލަބް އޭދަފުށީގެ ކެޕްޓަން އިޝާން އިބްރާހީމް (ސައްޓު) އަށް ވެސް ދެ ވަނަ ރީނދޫ ކާޑާ އެކު ރެފްރީ ރަތް ކާޑު ދެއްކި އެވެ. ދެ ކުޅުންތެރިން މަދުކޮށް ކުޅެމުން ކްލަބް އޭދަފުށިން ދިޔައީ ނަތީޖާ އަނބުރާލަން ގޯލު ޖެހޭތޯ މަސައްކަތް ކުރަމުންނެވެ. އެޓީމަށް މި މަސައްކަތް ކާމިޔާބުވީ މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ކިތުނާ ޖެހި ލަނޑުންނެވެ. މިއީ ކްލަބް އޭދަފުށީގެ އަބްދުލްމަޖީދު އިބްރާހީމް ބޯޅަ ހިފައިގެން ދަނިކޮށް އޭދަފުށި ފުޓްބޯޅަ ކްލަބުގެ ޑިފެންޑަރު ރައްޒާން ރަޝީދުގެ އަތުގައި އޭރިޔާތެރެއިން ޖެހުނުކަމަށް ބުނެ ރެފްރީ ދިން ޕެނަލްޓީއެކެވެ. މި ޕެނަލްޓީ ދިނުމުން އޭދަފުށި ފުޓްބޯޅަ ކްލަބުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އެޓީމުން ބުނާގޮތުން ރައްޒާން އަތުގައި ޖެހުނީ އޭރިޔާގެ ބޭރުންނެވެ. އެކަމަކު ރެފްރީގެ ނިންމުން ބަދަލުކޮށްފައެއްނުވެ އެވެ.

އެއްވަރުވެގެން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން އޭދަފުށި ފުޓްބޯޅަ ކްލަބުގެ ދެ ޕެނަލްޓީ ވަނީ ބޭކާރުވެފަ އެވެ. އެޓީމުގެ އަހުމަދު ޝިއާން ޖެހި ޕެނަލްޓީ ގޯލުގެ މަތިން ދިޔައިރު ފޯވާޑް މުސްތަފާ ޖެހި ޕެނަލްޓީ ބޭރަށް ދިޔައީ ގޯލުގެ ހުރަސް ދަނޑީގައި ޖެހިފަ އެވެ. ކްލަބް އޭދަފުށީގެ ފަސް ޕެނަލްޓީގެ ތެރެއިން ޝާހީ މޫސާ (ހިތޭ) ޖެހި ޕެނަލްޓީ ދިޔައީ ބޭރަށެވެ. ކްލަބް އޭދަފުށި މޮޅުވި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ހުސައިން ޝަރީފް އެވެ. ޝަރީފް ޖެހި ޕެނަލްޓީ ގޯލަށް ވަނީ ކީޕަރު އަތުގައި ޖެހިފަ އެވެ.

ދިވެހި ޕްރިމިއާ ލީގުގެ ކޮލިފައިންގެ އޯޕަން ރައުންޑު ކުޅެ ނިމުނީ އޭދަފުށީގެ އިތުރުން ލ. ގަން އަދި ލ. ކުނަހަންދޫގަ އެވެ. ދެން އޯޕަން ރައުންޑް ކުޅޭނީ ށ. ނަރުދޫ އާއި ސ. ފޭދޫ އަދި ސ. ހިތަދޫގަ އެވެ. ޕްރިމިއާ ލީގަށް ކޮލިފައިވާން 53 ރަށަކުން 61 ޓީމު ވަނީ ބައިވެރިވެފަ އެވެ. އެންމެ ފުރަތަމަ ކުޅޭ އޯޕަން ރައުންޑުގެ މެޗުތަކަށް ފަހު އޮންނާނީ ތިން ވަނަ ޑިވިޝަނުގެ މެޗުތަކެވެ. ދިވެހި ޕްރިމިއާ ލީގުގައި 12 ޓީމު ހިމަނައިގެން އާ ފުޓްބޯޅަ ފޯމެޓްގައި ލީގު ކުޅެން ފަށާނީ 2024/2023 ވަނަ ސީޒަނުން ފެށިގެންނެވެ. އެ ސީޒަނުގެ ލީގުގައި ވާދަކުރާނީ މިހާރު ފުރަތަމަ ޑިވިޝަނުގައި އޮތް އަށް ޓީމާއި ރާއްޖެ ބަހާލާފައިވާ ހަތަރު ޒޯނުގެ ހަތަރު ޗެމްޕިއަނުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.