ބ. ސެންޓްރަލް ޗެލެންޖުގެ ނަމުގައި ދަރަވަންދޫގައި ފުޓްސަލް މުބާރާތެއް ބާއްވަނީ

ބ. ސެންޓްރަލް ޗެލެންޖުގެ ނަމުގައި އަތޮޅަށް ހުޅުވާލައިގެން ދަރަވަންދޫގައި ފުޓްސަލް މުބާރާތެއް ބާއްވަން ނިންމައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ދަރަވަންދޫގައި ބާއްވާ މި މުބާރާތް ވެގެންދާނީ އަތޮޅުގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތަށެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 30000 ރުފިޔާ ދޭގޮތަށް ހަމަޖެހިފައިވާއިރު ރަނަރަޕް ޓީމަށް 10000 ރުފިޔާގެ އިނާމެއް ވަނީ ކަނޑައަޅައިފަ އެވެ. ދަރަވަންދޫ އެކުވެރި ޒުވާނުންގެ އިސްނަގައިގެން މި މުބާރާތް އިންތިޒާމުކުރަނީ ދަރަވަންދޫ ކައުންސިލާއި އެރަށުގެ ހަރަހެރި ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި އެސޯސިއޭޝަން ފޯ ޔޫތު ޑިވެލޮޕްމެންޓް އެންޑް އެމްޕަވާމެންޓް ގުޅިގެންނެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ. މުބާރާތުގައި ބައިވެރިކުރުމަށް ހަމަޖެހިފައިވަނީ 12 ޓީމު ކަމަށް އިންތިޒާމުކުރާ ފަރާތުން ބުނެ އެވެ. މުބާރާތަށް ބޮޑު ސަޕޯޓެއް ލިބެމުން އަންނައިރު ގިނަ ޓީމުތަކަކުން މުބާރާތުގައި ބައިވެރިވުމުގެ ޝައުގުވެރިކަން އަންނަނީ ފާޅުކުރަމުންނެވެ.
ދަރަވަންދޫ ފުޓްސަލް ދަނޑުގައި މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 20 އިން 29 ގެ ނިޔަލަށެވެ.

އަތޮޅަށް ހުޅުވާލާ މި މުބާރާތުގައި ރިސޯޓުތަކުގެ ޓީމުތަކަށް ވެސް ވާދަކުރެވޭނެ އެވެ. މުބާރާތުގައި ގަވާއިދުގައިވާ ގޮތުން ބ. އަތޮޅަށް ނިސްބަތްވާ ކޮންމެ ކުޅުންތެރިއަކަށް ވެސް އުފަން ރަށް ނޫން އެހެން ރަށަކަށް ކުޅުމުގެ ފުރުސަތު ލިބޭނެ އެވެ. އެކަމަކު އެގޮތަށް ލިސްޓުގައި ޖެހޭނީ އަތޮޅަށް ނިސްބަތްވާ ދެ ކުޅުންތެރިންނެވެ. މީގެ އިތުރުން އަތޮޅުން ބޭރުން އިތުރު ދެ ކުޅުންތެރިން ޖެހުމުގެ ފުރުސަތު ކޮންމެ ޓީމަކަށް ލިބިގެންދާނެ އެވެ. ރިސޯޓުތަކުން ބައިވެރިވާ ޓީމުތަކަށް ރިސޯޓުގެ ކޮންޓްރެކްޓްގައި ނެތް ދެ ކުޅުންތެރިން ޖެހުމުގެ ފުރުސަތު ލިބޭނެ އެވެ.

ދަރަވަންދޫގައި ސެންޓްރަލް ޗެލެންޖް ބާއްވަން ތައްޔާރުވަމުން އަންނައިރު މިއަހަރު އެރަށުގައި ވަނީ ޓެކާސް ފުޓްސަލް މުބާރާތުގެ އުތުރުގެ މެޗުތައް ބާއްވާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.