މާރެސް އަތޮޅު ވޮލީ މުބާރާތުގައި ވެލާ ސްޕޯޓްސް އިން ވާދަކުރަނީ

މާޅޮސް ރެކްރިއޭޝަން އެންޑް އެންވަޔަރަމެންޓް ސޮސައިޓީ (މާރެސް) އިން ބ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ “މާރެސް އަތޮޅު ވޮލީބޯޅަ” މުބާރާތުގައި އޭދަފުށީގެ ވެލާ ސްޕޯޓްސް ކްލަބްގެ ދެ ޓީމު ބައިވެރިވެއްޖެ އެވެ.

މިފަހަރުގެ މުބާރާތުގައި އޭދަފުށީގެ އަންހެން އަދި ފިރިހެން ޓީމެއް ވާދަކުރާއިރު، މިއީ މި މުބާރާތުގެ ތާރީހުގައި އޭދަފުށީގެ ފިރިހެން ޓީމެއް ވާދަކުރާ ފުރަތަމަ ފަހަރެވެ. މުބާރާތުގެ އަންހެން ޑިވިޝަނުގައި 2017 ވަނަ އަހަރު އޭދަފުށީގެ އަންހެން ވޮލީ ޓީމެއް ވަނީ ވާދަކޮށްފަ އެވެ.

މާރެސް ވޮލީބޯޅަ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ. މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ވެލާ ސްޕޯޓްސް ކްލަބުން އަންނަނީ ޕްރެކްޓިސް ކުރަމުންނެވެ. އަދި އެކުވެރިކަމުގެ މެޗެއްގައި މިދިޔަ ހޮނިހިރު ދުވަހު ވެލާ ސްޕޯޓްސްގެ އަންހެން ޓީމު ވަނީ ތިން ސެޓު އެއް ސެޓުން މާޅޮސް ބަލިކޮށްފަ އެވެ.

ވެލާ ސްޕޯޓްސް ކްލަބުން ބުނީ އޭދަފުށީގައި ކުރިއަށްދާ ފަރިތަކުރުންތަކުގައި ބައިވެރިވުމުގެ ފުރުސަތު ޝައުގުވެރިކަން ހުންނަ ކުދިންނަށް ހުޅުވާލާފައިވާކަމަށެވެ. މި މުބާރާތުގައި ވެލާ ސްޕޯޓްސް އިން އޭދަފުށި ތަމްސީލުކުރާއިރު ރަށު ރައްޔިތުންގެ ސަޕޯޓް ބޭނުންވާކަމަށް އެ ކްލަބުން ބުނެ އެވެ.

“މުބާރާތަށް މިދަނީ ދުރާލާ ތައްޔާރުވަމުން. އިރާދަކުރެއްވިއްޔާ އޭދަފުށިން ނުކުންނަ ދެ ޓީމު ވެސް ވަރުގަދަވާނެ. މިއީ ރަށުގައި ތިބި ވޮލީބޯޅަ ކުޅުންތެރިންގެ ހުނަރު ދައްކާލުމަށް ވެލާ ސްޕޯޓްސް އިން ފަހިކޮށްދޭ ފުރުސަތެއް. ވެލާ ސްޕޯޓްސް މި ތަމްސީލު ކުރަނީ މުޅި އޭދަފުށި” ވެލާ ސްޕޯޓްސް ކްލަބުގެ އޮފިޝަލް ބުންޏެވެ.

މާރެސް ވޮލީބޯޅަ މުބާރާތް ފެށީ 2016 ވަނަ އަހަރު އެވެ. ފުރަތަމަ ދެ އަހަރު އަންހެން ޑިވިޝަނަށް ހާއްސަކޮށްގެން ބޭއްވިއިރު 2018 އަހަރުން ފެށިގެން ފިރިހެން ޑިވިޝަން ވެސް މި މުބާރާތް އަންނަނީ ބާއްވަމުންނެވެ. އެކަމަކު ޖެހިޖެހިގެން ހަތަރު އަހަރު މުބާރާތް ބޭއްވުމަށް ފަހު ކޮވިޑާ ގުޅިގެން 2020 އަދި 2021 ވަނަ އަހަރު މުބާރާތް ބޭއްވޭ ގޮތެއްނުވި އެވެ. މިއީ ކޮވިޑަށް މެދުކަނޑާލުމަށް ފަހު މާރެސް އިން މި މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަނުގެ މެޗުތައް އޮންނާނީ އަންނަ މަހުގެ 15 އިން 20 އަށެވެ. ފިރިހެން ޑިވިޝަނުގައި 6 ރަށަކުން ވަނީ ބައިވެރިވެފަ އެވެ. އެއީ މުބާރާތް ބާއްވާ މާޅޮހުގެ އިތުރުން، ކަމަދޫ، ގޮއިދޫ، އޭދަފުށި، ކެންދޫ އަދި ފުޅަދޫ އެވެ. ހަތަރު ރަށުން ވާދަކުރާ އަންހެން ޑިވިޝަނުގެ މެޗުތައް އޮންނާނީ ޖުލައި 23 އިން 28 ގެ ނިޔަލަށެވެ. އަންހެން ޑިވިޝަނުގައި ވާދަކުރަނީ އޭދަފުއްޓާއި މާޅޮހުގެ އިތުރުން ގޮއިދޫ އަދި ކަމަދޫ އެވެ.

މާރެސް ވޮލީބޯޅަ މުބާރާތުގެ ހުރިހާ މެޗުތައް ކުޅޭނީ މާޅޮހު ރަސްމީ ވޮލީ ކޯޓުގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.