ބީއެމްއެލް އިން ކޮންމެ އަހަރަކު 50،000 ގަސް އިންދަނީ


ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކޮންމެ އަހަރަކު 50،000 ގަސް އިންދުމުގެ މަގްސަދުގައި ‘ބީއެމްއެލް ފެހި ޕްރޮޖެކްޓް’ އިފްތިތާހުކޮށްފިއެވެ.

މި ޕްރޮޖެކްޓް ކުރިއަށް އޮތް 5 އަހަރުގެ މުއްދަތަށް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ނޮވެންބަރު މަހު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހިންގުމަށް ނިންމާފައިވާ ހަރަކާތެކެވެ.

ރާއްޖޭގައި ހިންގާ ނާސަރީތަކުން ގަސް ހޯދުމަށްފަހު ރަށްރަށުގައި ގަސްއިންދުމަށް ކަނޑައަޅާފައިވާ ބިންތައް ފާހަގަކޮށް، ރަށް އިތުރަށް ފެހިކުރުމަށް ކޮންމެ އަހަރަކު 5 ރަށެއް ހޮވައި، ކޮންމެ ރަށަކަށް ދިހަ ހާސް ގަސް ހަދިޔާކުރުމަށް ވަނީ ނިންމާފައެވެ.

އެ ބޭންކުން ބުނިގޮތުގައި ބީއެމްއެލް ފެހި ޕްރޮޖެކްޓްގެ އެހީގައި ރަށްރަށަށް ބޭނުންވާ ފެހިކަން ގެނެވި މުޖުތަމައަށް އޭގެ މަންފާ ލިބިގެންދާނެއެވެ. މިގޮތުން އަލުން ގަސް އިންދުމުގެ ސަބަބުން ރަށް ގިރުން ހުއްޓުމާއި، ހޫނުމިން ކުޑަވުމާއި ޖައްވަށް ދޫކުރެވޭ ކާބަންގެ މިންވަރު ދަށްކުރެވުމުގެ ސަބަބުން ތިމާވެއްޓަށް ހެޔޮ ބަދަލެއް ގެނުވާނެއެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ އަޅުގަނޑުމެންނަށާއި އަދި ކުރިޔަށް އޮތް ޖީލުތަކަށްޓަކައި ތިމާވެށި ހިމާޔަތް ކުރުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް ކަމަށެވެ.

“ފެހި ޕްރޮޖެކްޓްގެ އެހީގައި ރަށްރަށުގައި ގަސްއިންދުމަށް ކުރާ މަސައްކަތްތަކަށް އެހީވެވި، ކާބަން ޕުޓްޕްރިންގެ ދަށްކޮށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި މީހުން ދިރިއުޅޭ ސަރަހައްދުތަކަކީ ހިތްހަމަޖެހުން ލިއްބައިދޭ ތަންތަން ގާއިމްކުރެވިގެންދާނެ. ރަށު ކައުންސަލްތަކާއެކު މަސައްކަތްކޮށް ރާއްޖޭގެ ނާސަރީތަކަށް އެހީވެ، ރަށްރަށާއި މުޖުތަމައުތަކަށް ފާހަގަކުރެވޭ ހެޔޮ ބަދަލެއް ގެނުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން.”

ބީއެމްއެލް ފެހި ޕްރޮޖެކްޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި މިވަނީ ރަށު ކައުންސިލްތަކަށާއި ސިޓީ ކައުންސިލްތަކަށެވެ. އެޕްލިކޭޝަން ފޯމު 20 ޖުލައި 2022 ދުވަހުގެ ރޭ 11:59 ގެ ކުރިން [email protected]  އަށް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.