
ސެމީ ފައިނަލުގައި ކަމަދޫގެ މައްޗަށް ކާމިޔާބު ހޯދައި، ފޯރިގަދަ މާރެސް އަތޮޅު ވޮލީ މުބާރަތުގެ އަންހެން ޑިވިޝަންގެ ފައިނަލްގެ ފަހު ޖާގަ މާޅޮސް ޓީމުން ހޯދައިފި އެވެ.
މާދަމާ ހަވީރު ކުޅޭ ފައިނަލު މެޗުގައި، މAޅޮސް އާ ދެކޮޅަށް ނުކުންނާނީ، މިދިޔަ ތިން އަހަރުގެ ޗެމްޕިއަން ގޮއިދޫ އެވެ.
ކޮވިޑް-19 އާ ގުޅިގެން މި މުބާރާތް ނުބާއްވާތާ ދެ އަހަރު ފަހުން މި މުބާރާތް މިފަހަރު ފެންނަނީ އެހެން އަހަރުތަކަށް ވުރެ ފޯރި ގަދަ ކޮށެވެ. އެންމެ ފަހުން މުބާރާތް ކުޅުނީ 2019 ގަ އެވެ. އެ އަހަރު މުބާރާތުގެ ފައިނަލުގައި ގޮއިދޫ އާ ދެކޮޅަށް ނުކުތީ ކަމަދޫ އެވެ. އެ މުބާރާތް ގޮއިދޫ ހޯދީ ފައިނަލުގައި ސީދާ ތިން ސެޓުން މޮޅު ވެގެންނެވެ.
މިއަދު ކުޅުނު ސެމީ ގައި މާޅޮސް ޓީމުން ވަނީ ކަމަދޫ ޓީމާ ދެކޮޅަށް ވަރުގަދަ ފައިޓެއް ދީފަ އެވެ.
ފުރަތަމަ ސެޓް ކަމަދޫން ގެންދިޔައީ 25-22 އިންނެވެ. އެކަމަކު ދެވަނަ ސެޓްގައި މާޅޮސް ރަނގަޅު ކުޅުމެއް ދެއްކި އެވެ. މާޅޮސް އިން ސެޓްތައް ގެންދިޔައީ 13-25، 16،25 އަދި 12،25 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މާޅޮސް ފައިނަލަށް ގެންދިއުމުގައި މޮޅު ކުޅުމެއް ދެއްކި މާޔާ ހުސައިން ސޮލާހު އެވެ.
މާދަމާ ހަވީރު ކުޅޭ ފައިނަލް މެޗު ފަށާނީ 4:30 ގަ އެވެ.
