ހިންނަވަރު ޗެމްޕިއަންޝިޕްގައި ކްލަބް އޭދަފުށީގެ ފުރަތަމަ މެޗު މިއަދު

އެސްޓީއޯ ހިންނަވަރު ޗެމްޕިއަންޝިޕްގައި ވާދަކުރާ ކްލަބް އޭދަފުށީގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ހިންނަވަރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ނުކުންނާނެ އެވެ.

މިދިޔަ ބުދަ ދުވަހު ފެށި މުބާރާތުގައި ފަސް ޓީމަކުން ވާދަކުރެ އެވެ. ހިންނަވަރާއި ކްލަބް އޭދަފުށީގެ އިތުރުން ދެން މުބާރާތުގައި ވާދަކުރަނީ ނައިފަރުގެ ދެޓީމު ކަމަށްވާ ނައިފަރު ޗެލްސީ އެފްސީ އާއި ބަޒޫކާ ސްޕޯޓްސް ކްލަބް އަދި ނ. ވެލިދޫގެ ވެލިދޫ ސްޕޯޓްސް ކްލަބެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި މިދިޔަ ބުދަ ދުވަހު ހިންނަވަރު ވަނީ 0-2 އިން ނައިފަރު ޗެލްސީ ބަލިކޮށްފަ އެވެ. ދެ ވަނަ މެޗުގައި އިއްޔެ ހަވީރު ބަޒޫކާ އާއި ވެލިދޫ ވާދަކުރި މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.

މުބާރާތުގައި އޭދަފުށީގެ ދެ ވަނަ މެޗުގައި މި މަހުގެ 28 ވަނަ ދުވަހު ނުކުންނާނީ ވެލިދޫއާ ދެކޮޅަށެވެ. ތިން ވަނަ މެޗުގައި މި މަހުގެ 30 ވަނަ ދުވަހު ނައިފަރު ޗެލްސީއާ ވާދަކުރާއިރު ލީގު ބުރުގެ ފަހު މެޗުގައި އަންނަ މަހުގެ އެއް ވަނަ ދުވަހު ކްލަބް އޭދަފުށި ނުކުންނާނީ ބަޒޫކާއާ ދެކޮޅަށެވެ.

މުބާރާތަށް ކްލަބް އޭދަފުށިން އެކުލަވާލީ ރަށަށް ނިސްބަތްވާ ޒުވާން ޓީމެކެވެ. ޓީމުގެ ކެޕްޓަނަކީ އިޝާން އިބްރާހީމް (ސައްޓު) އެވެ. މިފަހަރުގެ މުބާރާތުގައި ކްލަބް އޭދަފުށިން ފެންނާނެ އެންމެ ބޮޑު ބަދަލަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ފޯވާޑް ހަމްޒާ މުހައްމަދު (ހަމްޕު) ޓީމުގައި ހިމެނުމެވެ. އޭދަފުއްޓަށް އުފަން ހަމްޕު އަކީ އެންމެ ފަހުން ހޮވި ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އެވެ. ރާއްޖޭގެ ފުޓްބޯޅައިގެ މި ސީޒަނުގައި ވެސް އެންމެ މޮޅު ކުޅުމެއް ދެއްކި އެއް ކުޅުންތެރިޔަކީ ހަމްޕު އެވެ. ޒުވާން އުމުރުގައި ފުރަތަމަ ޑިވިޝަނުގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ބަދަލުވުމުގެ ކުރިން ވެސް ހަމްޕު ވަނީ އޭދަފުށީ ޓީމަށް ކުޅެފަ އެވެ.

އޭދަފުއްޓާ ދެކޮޅަށް ނުކުންނަ ހިންނަވަރު ޓީމުގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ހިމެނެ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ނައިފަރު ޗެލްސީ ކޮޅަށް ދެ ގޯލު ޖަހައި ދަގަނޑޭ ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފަ އެވެ.

ކްލަބް އޭދަފުއްޓާއި ހިންނަވަރު ވާދަކުރާ މެޗު، ހިންނަވަރު ފުޓްބޯޅަ ދަނޑުގައި ފަށާނީ މިއަދު ހަވީރު 3:45 ގަ އެވެ. މުބާރާތުގައި ވާދަކުރާ ކްލަބް އޭދަފުށީގެ ޓީމަށް އޭދަފުށީގެ ރައްޔިތުންގެ ނަމުގައި ކާމިޔާބީއަށް އެދެމެވެ. 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.