ހިންނަވަރު ޗެމްޕިއަންޝިޕް: ވެލިދޫ އިން އޭދަފުށި ހިފަހައްޓައިފި

އެސްޓީއޯ ހިންނަވަރު ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ނ. ވެލިދޫ ސްޕޯޓްސް ކްލަބުން، ކްލަބް އޭދަފުއްޓާ 1-1 އިން އެއްވަރުކޮށްފި އެވެ.

ފަސް ޓީމު ވާދަކުރާ މުބާރާތުގެ ފުރަތަމަ މެޗުގައި ވެލިދޫ އާއި ޅ. ނައިފަރު ބަޒޫކާ ސްޕޯޓްސް ކްލަބް ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. ކްލަބް އޭދަފުށިން ވަނީ ކުޅުނު ފުރަތަމަ މެޗުގައި 5-1 އިން ޅ. ހިންނަވަރު ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ.

ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކު އޭދަފުށި އޮތީ ލީގު ބުރުގެ އެއް ވަނައިގަ އެވެ. ދެ ވަނައިގައި އޮތް ޅ. ނައިފަރު ޗެލްސީ އެފްސީ އާއި ތިން ވަނައިގައި އޮތް ހިންނަވަރަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ގޯލުގެ ތަފާތުން ދެ ވަނަ ނައިފަރު ޗެލްސީ އަށް ލިބޭއިރު ތިން ވަނައިގައި އޮތީ ހިންނަވަރެވެ. ހަތަރު ވަނައިގައި އޮތް ވެލިދޫ އަށް ދެ މެޗުން ދެ ޕޮއިންޓް ލިބިފައިވާއިރު ފުލުގައި އޮތް ބަޒޫކާ އަށް ދެ މެޗުން ލިބިފައިވަނީ ޕޮއިންޓެކެވެ.

މިއަދުގެ މެޗަށް ނެރުނު އޭދަފުށީ ޓީމުގައި ގައުމީ ޓީމުގެ ފޯވާޑް ހަމްޒާ މުހައްމަދު (ހަމްޕު) ހިމަނާފައެއް ނުވެ އެވެ. ހަމްޕު ނެތި އޭދަފުށީގެ އެޓޭކުތައް ފެނުނީ ބަލިކަށިކޮށެވެ. ފުރަތަމަ ހާފުގައި މޮޅަށް ކުޅެ އޭދަފުށިން ލީޑު ނެގީ 38 ވަނަ މިނެޓުގަ އެވެ. ވެލިދޫގެ ޑިފެންޑަރަކަށް ޖައްސާލި ބޯޅަ ހޯދުމަށް ފަހު ގޯލުގެ ތިރީ ކަނަށް ވައްދާލީ އޭދަފުށީގެ ކެޕްޓަން އިޝާން އިބްރާހީމް (ސައްޓު) އެވެ. ސައްޓު ގޯލު ޖެހިތާ ތިން ވަނަ މިނެޓުގައި ވެލިދޫ އަށް ލިބުނު ޖެހުމަކުން ހުރަސްކޮށްލި ބޯޅައެއް ބޮލުން ގޯލަށް ވައްދާލައިގެން ސައިފް ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ.

މެޗުގެ ދެ ވަނަ ހާފުގައި މުޅިންހެން ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅުނީ އޭދަފުށިންނެވެ. މި ހާފުގައި އޭދަފުށީގެ ގިނަ ހަމަލާތަކެއް މެޗުގައި މޮޅު ކުޅުމެއް ދެއްކި ވެލިދޫ ޓީމުގެ ގޯލްކީޕަރު ނާޖިހު ވަނީ މަތަކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދީ އޭނާ އެވެ.

މުބާރާތުގައި ލީގު ބުރެއް ކުޅުމަށް ފަހު ގަދަ ހަތަރު ޓީމު ވާދަކުރާނީ ސެމީ ފައިނަލުގަ އެވެ. ފުރަތަމަ ސެމީގައި އެއް ވަނަ ޓީމާ ދެ ވަނަ ޓީމު ވާދަކޮށްގެން މޮޅުވާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭނެ އެވެ. ދެ ވަނަ ސެމީގައި ވާދަކުރާނީ ލީގު ބުރުގެ ތިން ވަނަ ޓީމާ ހަތަރު ވަނަ ޓީމެވެ. މި ދެޓީމުގެ ތެރެއިން މޮޅުވާ ޓީމެއް ޖެހޭނީ ފުރަތަމަ ސެމީގައި ބަލިވި ޓީމާ ދެކޮޅަށް ތިން ވަނަ ސެމީ ފައިނަލް މެޗުގައި ކުޅޭށެވެ. ފައިނަލުގެ ފަހު ޖާގަ ލިބޭނީ ތިން ވަނަ ސެމީ ފައިނަލުން މޮޅުވާ ޓީމަކަށެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު އެވެ.

އޭދަފުށި ކުޅޭ ތިން ވަނަ މެޗުގައި އަންނަ އަންގާރަ ދުވަހު ކުޅޭނީ ނައިފަރު ޗެލްސީއާ އެވެ. މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހިންނަވަރާއި ބަޒޫކާ އެވެ. މުބާރާތުގެ މެޗުތައް ކުޅެނީ ހިންނަވަރު ޓާފް ފުޓްބޯޅަ ދަނޑުގަ އެވެ. 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.