ބަޒޫކާ ބަލިކޮށް އޭދަފުށި ތާވަލްގެ އެއްވަނަ އަށް

އެސްޓީއޯ ހިންނަވަރު ޗެމްޕިއަންޝިޕް ގައި ބަޒޫކާ ސްޕޯޓްސް ކުލަބު އަތުން މޮޅުވެ، ކްލަބް އޭދަފުށި ލީގު ބުރުގެ އެއްވަނައަށް ޖެހިލައިފި އެވެ.

ހިންނަވަރު ޓާފް ފުޓްބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މި މެޗު އޭދަފުށިން ކާމިޔާބުކުރީ 4-2 އިންނެވެ.

މި މުބާރާތުގައި އޭދަފުށިން ކުޅުނު ފުރަތަމަ މެޗުން ހިންނަވަރުގެ މައްޗަށް 5-1 ގެ ނަތީޖާއަކުން ކުރިހޯދިއިރު، ދެވަނަ މެޗުގައި ވެލިދޫ އަތުން ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އަދި ތިންވަނަ މެޗުގައި ނައިފަރު ޗެލްސީ އެފްސީ އަތުން 1-0 ގެ ނަތީޖާއަކުން ވަނީ ބަލިވެފައެވެ.

މި ނަތީޖާއާއެކު އޭދަފުށިން ލީގު ބުރުގެ އެއްވަނައަށް ޖެހިލީ ކުޅުނު ހަތަރު މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ހިންނަވަރަށްވެސް ހަތަރު މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު އޭދަފުއްޓަށް ކުރިލިބެނީ ފައިދާ ލަނޑުގެ ތަފާތުންނެވެ. ތިންވަނައިގައި ޗެލްސީން އޮތީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. އެހެންކަމުން ލީގު ބުރުގެ ފަހު މެޗު ކާމިޔާބުކޮށް ޗެލްސީއަށް ލީގު ތާވަލުގެ އެއްވަނައަށް އެރުމުގެ ފުރުސަތު އެބައޮތެވެ.

އިއްޔެ ހަވީރު ކުޅުނު މެޗުގެ ވަރަށް ކުރީކޮޅު އޭދަފުށިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. މެޗުގެ 12 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަޙްމަދު ސުހައިލް (ބަމްބުޗް)އެވެ. މި ލަނޑަށްފަހު ވެސް އޭދަފުށިން ވަނީ ބަޒޫކާގެ ހާފަށް ބާރުބޮޑުކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ބަމްބުޗް ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެންވެސް ބަޒޫކާއިން އެޓީމުގެ ކުޅުން ރަނގަޅުކުރިއިރު މެޗުގެ 53 ވަނަ މިނެޓުގައި ބަޒޫކާއިން ވަނީ ލަނޑު ޖަހާ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަބްދުﷲ ރަމީޒްއެވެ. އަދި އޭގެ ހަތް މިނެޓު ފަހުން ހައިޝަމް ވަނީ އިތުރު ލަނޑެއް ޖަހައިދީ ބަޒޫކާއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

މެޗުގެ ލީޑު ދެވަނަ ފަހަރަށް އޭދަފުއްޓަށް ނަގައިދިނީ އެ ޓީމުގެ ކެޕްޓަން އަދި ތަޖުރިބާކާރު ކުޅުންތެރިޔާ ހަމްޒާ މުޙައްމަދު (ހަމްޕު)އެވެ. އޭދަފުށީގެ ހަތަރުވަނަ ލަނޑު މެޗުގެ 88 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ޔަމާންއެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 50.000 ރުފިޔާ ދިނުމަށް ނިންމާފައިވާއިރު، ރަނަރަޕް ޓީމަށް 15.000 ރުފިޔާ ލިބޭނެއެވެ. މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.