އޭދަފުއްޓަށް އިތުރު އިންތިޒާރެއް، ނައިފަރު ޗެލްސީ ފައިނަލަށް

ކްލަބް އޭދަފުއްޓާއި ނައިފަރު ޗެލްސީ ކުރިން ބައްދަލުކުރި މެޗުގެ ތެރެއިން– ފޮޓޯ: ހިންނަވަރު ފުޓްބޯލް ޗެމްޕިއަންޝިޕް

އެސްޓީއޯ ހިންނަވަރު ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ ސެމީ ފައިނަލް މެޗުގައި ނައިފަރު ޗެލްސީ އެފްސީ އަތުން 4-0 އިން ކްލަބް އޭދަފުށި ބަލިވެއްޖެ އެވެ.

މިއަދުގެ ނަތީޖާއާ އެކު ނައިފަރު ޗެލްސީ މިވަނީ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފަ އެވެ. ކްލަބް އޭދަފުއްޓަށް ދެން ފައިނަލުގެ ޖާގައެއް ލިބެން އޮތީ މާދަމާ ހަވީރު ކުޅޭ ދެ ވަނަ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށް ކުޅެ މޮޅުވެގެންނެވެ. ދެ ވަނަ ސެމީގައި މާދަމާ ހަވީރު ވާދަކުރާނީ ހިންނަވަރު ސްޕޯޓްސް ކްލަބާއި ވެލިދޫ ސްޕޯޓްސް ކްލަބެވެ. އެ މެޗުން މޮޅުވާ ޓީމު ބުދަ ދުވަހު ހަވީރު އޭދަފުއްޓާ ދެކޮޅަށް ނުކުންނާނެ އެވެ.

ނައިފަރު ޗެލްސީން ލީގު ބުރުގެ އެއް ވަނަ ހޯދިއިރު ކްލަބް އޭދަފުށި ވެސް ބަލިކުރި އެވެ. ލީގު ބުރުގައި ނައިފަރު ޗެލްސީ މޮޅުވީ 1-0 އިންނެވެ. އެކަމަކު މިއަދުގެ މެޗުގައި އެޓީމުން ނަތީޖާގެ ފަރަގު ބޮޑުކުރިއިރު މޮޅު ކުޅުމެއް ދެއްކި އެވެ.

މެޗުގެ ކުރީކޮޅު އޭދަފުށީގެ ހަމަލާތައް ފެނުނީ ވަރުގަދަކޮށެވެ. މި ހަމަލާތައް ދިފާއުކުރުމުގައި ނައިފަރު ޗެލްސީގެ ގޯލްކީޕަރުގެ ކުޅުން ފާހަގަކުރެވުނެވެ. މެޗުގެ ފުރަތަމަ ހާފު ނައިފަރު ޗެލްސީން ނިންމާލީ ދެ ގޯލުގެ ލީޑެއްގައި އޮވެގެންނެވެ. ފުރަތަމަ ލަނޑު އަހުމަދު އަވީން މުހައްމަދު ޖެހިއިރު ދެ ވަނަ ލަނޑު ޖެހީ ފުރަތަމަ ޑިވިޝަނުގައި ކުޅެމުން އަންނަ ޑިފެންޑަރު ހުސައިން ފައިސަލް އެވެ. އޭރިޔާ ބޭރުން އޯވަހެޑް ކިކެއް ގޮތަށް ފައިސަލް ފޮނުވާލި ބޯޅަ ވަނީ ގޯލުގެ މަތީ ކަނަށެވެ. ނައިފަރު ޗެލްސީ އިން ވަނީ ދެ ވަނަ ހާފުގައި ދެ ލަނޑު ޖަހައިފަ އެވެ. މި ދެ ލަނޑު ވެސް ކާމިޔާބުކޮށްދިނީ މުހައްމަދު ނަޝީދު އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މޮޅު ކުޅުމެއް ދެއްކި އަވީން އެވެ.

ހިންނަވަރާއި ވެލިދޫ ވާދަކުރާ މެޗު ފަށާނީ މާދަމާ ހަވީރު ހަތަރެއް ޖަހާއިރު އެވެ. ސެމީ ފައިނަލުގެ ތިން ވަނަ މެޗު ބުދަ ދުވަހު ކުޅުމަށް ފަހު ފައިނަލް މެޗު އޮންނާނީ އަންނަ ހުކުރު ދުވަހު އެވެ. މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅެނީ ހިންނަވަރު ޓާފް ފުޓްބޯޅަ ދަނޑުގަ އެވެ.  

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.