ޕެނަލްޓީގައި ހިންނަވަރު އަތުން ބަލިވެ ކްލަބް އޭދަފުށި ކަޓައިފި

އެސްޓީއޯ ހިންނަވަރު ފުޓްބޯޅަ ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގެ ފަހު މެޗުގައި ހިންނަވަރު ސްޕޯޓްސް ކްލަބާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން 7-6 އިން ބަލިވެ ކްލަބް އޭދަފުށި މުބާރާތުން ކަޓައިފި އެވެ. އިއްޔެ ހަވީރު ހިންނަވަރު ޓާފް ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 2-2 އިން ދެޓީމު އެއްވަރުވެގެންނެވެ.

އިއްޔެގެ މެޗުގެ ފުރަތަމަ ހާފު އޭދަފުށި ނިންމާލީ ދެ ގޯލު ކުރީގައި އޮވެގެންނެވެ. މެޗުގެ ފުރަތަމަ ލަނޑު 23 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހުސައިން ޝަރީފް އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އޭދަފުށީގެ ލީޑު ފުޅާކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ އަހުމަދު ޝުހައިލް (ބަންބުޗް) އެވެ.

ފުރަތަމަ ހާފުގައި މޮޅު ކުޅުމެއް ދެއްކި ނަމަވެސް ދެ ވަނަ ހާފުގައި ހިންނަވަރުން ވަނީ ކުރިއަށް ޖެހި އޭދަފުއްޓަށް ޕްރެޝަރު ބޮޑުކޮށްފަ އެވެ. މި ހާފުގެ 62 ވަނަ މިނެޓުގައި ހިންނަވަރުން އުއްމީދެއް ހޯދި ލަނޑު ޖެހީ ލިބުނު ހިލޭ ޖެހުމަކުންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު ޒިޔާން އެވެ. އޭގެ ތިން މިނެޓު ފަހުން އެޓީމަށް ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ޖަހައިދިނީ ވިޖާޒް އަހުމަދު އެވެ.

ޕެނަލްޓީގައި އޭދަފުށިން ހަ ޕެނަލްޓީ ކާމިޔާބު ކުރިއިރު ދެ ޕެނަލްޓީ ހިންނަވަރުގެ ގޯލްކީޕަރު ވަނީ މަތަކޮށްފަ އެވެ. އޭދަފުއްޓަށް ވައްދާނުލެވުނީ މުހައްމަދު ޝާން އާއި އަހުމަދު ޖައުޝަން ޖެހި ޕެނަލްޓީތަކެވެ. ހިންނަވަރުގެ ހަތް ޕެނަލްޓީގެ ތެރެއިން ވައްދާނުލެވުނީ އެންމެ ޕެނަލްޓީއެކެވެ. އެޓީމުގެ ވިޖާޒް އީސާ ޖެހި ޕެނަލްޓީ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. ފަހަތުން އަރައި އޭދަފުއްޓާ އެއްވަރުކޮށް ޕެނަލްޓީގައި ލިބުނު މޮޅާ އެކު ހިންނަވަރުގެ ޓީމާއި އެރަށުގެ ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ.

މުބާރާތުގައި ފަސް ޓީމު ވާދަކުރިއިރު ހިންނަވަރާ އެކު ފައިނަލަށް ދަތުރުކުރީ ނައިފަރު ޗެލްސީ އެފްސީ އެވެ. މި ދެޓީމުގެ ފައިނަލް މެޗު ކުޅޭނީ މާދަމާ ހަވީރު އެވެ. މުބާރާތުގައި ދެން ވާދަކުރީ ނ. ވެލިދޫގެ ވެލިދޫ ސްޕޯޓްސް ކްލަބާއި ޅ. ނައިފަރު ބަޒޫކާ ސްޕޯޓްސް ކްލަބެވެ.

މިއީ ކްލަބް އޭދަފުށި މި މުބާރާތުގައި ވާދަކުރި ފުރަތަމަ ފަހަރެވެ. މުބާރާތަށް ކްލަބް އޭދަފުށިން އެކުލަވާލީ ޒުވާން ޓީމެކެވެ. ޓީމު އެކުލަވާލުމުގައި ޓީމުން އިސްކަންދިނީ ރަށުގައި މިވަގުތު ތިބި ކުޅުންތެރިންނަށެވެ.

ހިންނަވަރު ޗެމްޕިއަންޝިޕަށް ފަހު ކްލަބް އޭދަފުށި ދެން ވާދަކުރާނީ އަންނަ މަހު ފަށާ އެފްއޭއެމް ސެންޓްރަލް ޒޯންގެ ދެ ވަނަ ޑިވިޝަނުގަ އެވެ. ގްރޫޕް އޭގައި ކްލަބް އޭދަފުއްޓާ އެކު ހިމެނެނީ ހިންނަވަރު ސްޕޯޓްސް ކްލަބުގެ އިތުރުން ނައިފަރެވެ. ކޮލިފިކޭޝަން މެޗުތައް ކުރިއަށް ގެންދިއުމަށް އެފްއޭއެމުން ނިންމާފައިވަނީ އޭދަފުށީގަ އެވެ. 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.