ގައުމީ ފުޓްބޯޅަ ޓީމު މާދަމާ އޭދަފުއްޓަށް އަންނަނީ

ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން- ފޮޓޯ/އެފްއޭއެމް

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން މި މަހު ކުޅުމަށް ހަމަޖެހިފައިވާ އެކުވެރިކަމުގެ ދެ މެޗަށް ތައްޔާރުވުމުގެ ގޮތުން މާދަމާ ކްލަބް އޭދަފުއްޓާ ދެކޮޅަށް، އޭދަފުށީ ޓާފް ފުޓްބޯޅަ ދަނޑުގައި މެޗެއް ކުޅޭގޮތަށް ހަމަޖެހިއްޖެ އެވެ.

ސެޕްޓެމްބަރު 19 އިން 27 އާ ދެމެދު ކުޅޭ އެކުވެރިކަމުގެ މެޗުތަކުގައި ގައުމީ ފުޓްބޯޅަ ޓީމު ނުކުންނާނީ ބްރޫނާއީ އާއި ލާއޯސްއާ ދެކޮޅަށެވެ. މި މެޗުތަކަކީ ފީފާގެ ކަލަންޑުގައި ހިމެނޭ ބައިނަލްއަގްވާމީ ދުވަސްތަކުގައި ކުޅޭ މެޗުތަކަކަށް ވުމާއެކު، މި ދެ މެޗުގެ ނަތީޖާ ފީފާ ރޭންކިންގައި ގުނާނެ އެވެ.

ގައުމީ ފުޓްބޯޅަ ޓީމުން މިހާރު އަންނަނީ އެ ދެ މެޗަށް ތައްޔާރުވުމުގެ ގޮތުން ފަރިތަކުރުންތައް ކުރިއަށް ގެންދަމުންނެވެ. އޭދަފުއްޓާ ދެކޮޅަށް ކުޅޭ މެޗަށް ފަހު ގައުމީ ޓީމު ބްރޫނާއީ އަށް ދިއުމަށް ފުރާނީ ހަފްތާ ބަންދުގަ އެވެ. ރާއްޖޭގެ ފުރަތަމަ މެޗުގައި ބްރޫނާއީއާ ދެކޮޅަށް ނުކުންނާނީ މި މަހުގެ 21 ވަނަ ދުވަހު އެވެ. ފަހު މެޗުގައި ލާއޯސްއާ ދެކޮޅަށް ކުޅޭނީ އޭގެ ތިން ދުވަސް ފަހުންނެވެ.

ރާއްޖޭން އެންމެ ފަހުން އެކުވެރިކަމުގެ މެޗެއް ކުޅުނީ މިދިޔަ މާރިޗު މަހު އެވެ. ގަލޮޅު ދަނޑުގައި ކުޅުނު އެ މެޗުގައި ބަންގްލަދޭޝްއާ ވާދަކޮށް ގައުމީ ޓީމު ވަނީ 0-2 އިން މޮޅުވެފަ އެވެ.

އޭދަފުއްޓަށް މާދަމާ ގައުމީ ޓީމު ޒިޔާރަތް ކުރާއިރު، އޭދަފުށީގެ ޓާފް ފުޓްބޯޅަ ދަނޑު ހުޅުވުމުގެ ގޮތުން ގައުމީ ޓީމުގެ ކުޅުންތެރިން ހިމަނައިގެން އެފްއޭއެމް އެކުލަވާލި ޓީމެއް 2019 ވަނަ އަހަރު މެޗެއް ކުޅެފައިވެ އެވެ.

މިހާރު ކުރިއަށްދާ ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައި އޭދަފުއްޓަށް ނިސްބަތްވާ ތިން ކުޅުންތެރިން އެބަތިއްބެވެ. އެއީ މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) އާއި ހައިޝަމް ހަސަންގެ އިތުރުން ޓީސީ ސްޕޯޓްސް ކްލަބުގެ ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) އެވެ. މިއީ ޕޮގްބާ ގައުމީ ޓީމުގައި ހިމެނިގެން ފަރިތަކުރާ ފުރަތަމަ ފަހަރެވެ. މި ތިން ކުޅުންތެރިންގެ އިތުރުން އޭދަފުއްޓަށް ނިސްބަތްވާ އަލީ ފާސިރު (ސެންޓޭ) އަކީ ވެސް ގައުމީ ޓީމުގައި ގަވައިދުން ހިމެނޭ ކުޅުންތެރިއެކެވެ. އެކަމަކު އަނިޔާގެ ސަބަބުން މިހާރު ސެންޓޭ ގައުމީ ޓީމާ އެކު ޕްރެކްޓިހެއް ނުކުރެ އެވެ.

ގައުމީ ފުޓްބޯޅަ ޓީމާ ދެކޮޅަށް ނުކުންނަ ކްލަބް އޭދަފުށި ވަނީ މިދިޔަ ހަފްތާ ހިންނަވަރުގައި ނިމުނު ހިންނަވަރު ފުޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކޮށްފަ އެވެ. އެ މުބާރާތުގެ ސެމީ ފައިނަލް ފަހު މެޗުން ބަލިވުމުން ފައިނަލުގެ ފުރުސަތު ކްލަބް އޭދަފުއްޓަށް ނުލިބުނެވެ.

ގައުމީ ޓީމާ ދެކޮޅަށް ކްލަބް އޭދަފުށި ކުޅޭ މެޗަށް ފަހު އެޓީމު އަންނަ މަހު ވާދަކުރާނީ އެފްއޭއެމް ސެންޓްރަލް ޒޯންގެ ދެ ވަނަ ޑިވިޝަނުގަ އެވެ. އެ ޑިވިޝަނުގެ ގްރޫޕް އޭގެ ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ އޭދަފުށީ ޓާފް ފުޓްބޯޅަ ދަނޑުގަ އެވެ. 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.