ގައުމީ ޓީމާ އެކު އޭދަފުށީގެ ހަތަރު ކުޅުންތެރިން ރަށަށް

ރާއްޖޭގެ ސީނިއާ ފުޓްބޯޅަ ޓީމުގެ ސްކޮޑުގައި ހިމެނޭ އޭދަފުށީގެ ހަތަރު ކުޅުންތެރިން މިއަދު ގައުމީ ޓީމާ އެކު ރަށަށް އަތުވެއްޖެ އެވެ.

ގައުމީ ޓީމުގައި ހިމެނޭ އޭދަފުށީގެ ހަތަރު ކުޅުންތެރިންނަކީ އަލީ ފާސިރު (ސެންޓޭ) އާއި ހަމްޒާ މުހައްމަދު (ހަމްޕު) ގެ އިތުރުން ހައިޝަމް ހަސަން އަދި ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) އެވެ.

ގައުމީ ޓީމު އޭދަފުއްޓަށް އައީ މިއަދު އޭދަފުށީ ޓާފް ފުޓްބޯޅަ ދަނޑުގައި ކްލަބް އޭދަފުއްޓާ ދެކޮޅަށް މެޗެއް ކުޅުމަށެވެ. ގައުމީ ޓީމު ތައްޔާރުވަމުން އަންނަނީ ކުރިއަށް އޮތް ފީފާ އިންޓަނޭޝަނަލް ބްރޭކުގައި ކުޅެން ހަމަޖެހިފައިވާ ދެ މެޗަށެވެ. އެކުވެރިކަމުގެ ދެ މެޗުގައި ގައުމީ ޓީމު ވާދަކުރާނީ ބްރޫނާއީ އާއި ލާއޯސްއާ އެވެ. މި ދެ މެޗަށް ތައްޔާރުވުމުގެ ގޮތުން މާލޭގައި ގައުމީ ޓީމު އައީ ފަރިތަކުރަމުންނެވެ. އެކަމަކު އެކުވެރިކަމުގެ މެޗުތަކަށް ހަފްތާ ބަންދުގައި ފުރުމުގެ ކުރިން ކްލަބް އޭދަފުއްޓާ އެކު މެޗެއް ކުޅެން ނިންމީ އެވެ.

ގައުމީ ޓީމުގެ އިތުރުން އޭދަފުއްޓަށް ނިސްބަތްވާ ހަތަރު ކުޅުންތެރިންނަށް އެރަށުން މިއަދު ހޫނު މަރުހަބާއެއް ކިއެވެ. ގައުމީ ޓީމު ތަމްސީލުކުރަން އުފަން ރަށަށް އާދެވުމުން އެކުޅުންތެރިންގެ މޫނުމަތިން ވެސް ފެނުނީ އުފާވެރިކަމެވެ.

ގައުމީ ޓިމު އޭދަފުށީގައި- ފޮޓޯ/ރަޔާން ފޮޓޯސް

އޭދަފުށިން އުފެއްދި ހުނަރުވެރި ކުޅުންތެރިންގެ ތެރެއިން ސެންޓޭ އަކީ އެންމެ ވިދުންގަދަ އެއް ތަރި އެވެ. ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމް ސެންޓޭ ވަނީ ދެ ފަހަރު ހޯދައިފަ އެވެ. ޒުވާން އުމުރުގައި ގައުމީ ޓީމުގައި ހިމެނި ސެންޓޭ އަންނަނީ ގަވާއިދުން ގައުމީ ޓީމުގައި ހިމެނެމުންނެވެ. ކްލަބް ލެވެލް އާއި ގައުމީ ޓީމުގައި ސެންޓޭ އަކީ އަބަދުވެސް މޮޅު ކުޅުމެއް ދައްކާ ކުޅުންތެރިއެކެވެ. ކްލަބް ވެލެންސިއާގެ ކެޕްޓަންކަން ކުރަމުން އައި ސެންޓޭ އަށް ލިބުނު އަނިޔާއަކާ ގުޅިގެން މިދިޔަ ސީޒަނުގެ ބޮޑު ބައެއްގައި އޭނާ ނުކުޅެ އެވެ.

ސެންޓޭގެ ފަހަތުން ހަމްޕު ވެސް އަންނަނީ ފުޓްބޯޅައިގައި ގިނަ ކާމިޔާބީތަކެއް ހޯދަމުންނެވެ. މިހާރު ރާއްޖޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔަކީ ހަމްޕު އެވެ. އަދި، ހަމްޕު ވަނީ އެންމެ ފަހުން ބޭއްވި ކުޅިވަރު އެވޯޑްގައި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހޯދާފަ އެވެ. ނިއު ރޭޑިއަންޓަށް ކުޅުމަށް ފަހު މާޒިޔާގެ ޖާޒީގައި ހަމްޕު ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފަ އެވެ. އެ ކްލަބުން ނިމިދިޔަ ސީޒަނުގެ ލީގު ކާމިޔާބު ކުރިއިރު ހަމްޕުގެ ދައުރު ބޮޑެވެ.

ގައުމީ ޓީމިގެ ކޯޗު ހައްޕުގެ ބައްޕަ އާ އެކު– ފޮޓޯ/ހައިޕޫ.އެމްވީ

ޒުވާން އުމުރުގައި ފުރަތަމަ ޑިވިޝަނުގައި ކުޅެން ފަށައި ކުޑަ ދުވަސްކޮޅެއް ތެރޭ ހައިޝަމް ވަނީ ގައުމީ ޓީމުން ޖާގަ ހޯދާފަ އެވެ. ހައިޝަމްގެ ވިދުން އެންމެ ގަދަވީ މިދިޔަ އަހަރު މާލެގައި ކުޅުނު ސާފް ޗެމްޕިއަންޝިޕްގަ އެވެ. އެ މުބާރާތުގައި ހައިޝަމް ދެއްކި މޮޅު ކުޅުމާ އެކު ދިވެހިންގެ ލޮލުގައި ހައިޝަމް އަޅައިގަތެވެ. ގައުމީ ޓީމަށް ކާމިޔާބީއެއް ނުލިބުނު ނަމަވެސް އެ މުބާރަތުގައި ހައިޝަމް ދެއްކި ކުޅުމަށް އެތައް ބަޔަކު ތައުރީފް ކުރި އެވެ. ކްލަބް އީގަލްސް ދޫކޮށް ހައިޝަމް މިހާރު ކުޅެމުން އަންނަ މާޒިޔަގައި ވެސް އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.  

ނިޝާމް ގައުމީ ސްކޮޑުގައި ހިމެނުނު މިއީ ފުރަތަމަ ފަހަރެވެ. ޓީސީ ސްޕޯޓްސް ކްލަބުގެ މިޑްފީލްޑްގައި ނިޝާމް ވަނީ މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. މިފަހަރު ގައުމީ ސްކޮޑުން ފުރުސަތު ލިބުމުން ނިޝާމްގެ މިހާރު އުއްމީދަކީ އެކުވެރިކަމުގެ މެޗުތަކަށް ނަގާ ފައިނަލް ސްކޮޑުގައި ހިމެނުމެވެ. ނިޝާމް އަކީ އޭދަފުށިން ފުރަތަމަ ޑިވިޝަނަށް ނެރުނު ކުޅުންތެރިންގެ ތެރެއިން ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ.

ގައުމީ ޓީމާއި ކްލަބް އޭދަފުށީގެ އެކުވެރިކަމުގެ މެޗު ފަށާނީ މިއަދު ހަވީރު 4 ޖަހާއިރު އެވެ. 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.