
ބައިނަލްއަގުވާމީ ރަހުމަތްތެރިކަމުގެ މެޗެއްގައި ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުން ހަމްޒާ މުހައްމަދު (ހަމްޕު) ޖަހައިދިން ރީތި ގޯލާ އެކު 3-0 އިން ބްރުނާއީ ދާރުއްސަލާމް ބަލިކޮށްފި އެވެ.
ހަމްޕު މި ލަނޑު ޖެހީ މެޗުގެ 73 ވަނަ މިނިޓުގައި އޭރިއާ ބޭރުން ލިބުނު ހިލޭޖެހުމެއް، ކުރިމަތީ ފާރަށް އެތުރިގެން ތިބި ބްރުނާއީ ކުޅުންތެރިން ބޯ މަތިން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.
މިއީ ހަމްޕު ގައުމީ ޓީމަށް ޖަހައިދިން ފަސްވަނަ ލަނޑެވެ. އޭނާ އެންމެ ފުރަތަމަ ގައުމީ ޓީމަށް ލަނޑެއް ޖެހީ ގަލޮޅު ދަނޑުގައި 2016 ވަނަ އަހަރު ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު ރަހުމަތްތެރިކަމުގެ މެޗުގަ އެވެ. އޭގެ ފަހުން 2018 ވަނަ އަހަރު އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާން ކޮޅަށް ލަނޑު ޖެހި އިރު، މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ބަންގްލަދޭޝް ކޮޅަށް، އަދި މިއަހަރު އޮތް އޭޝިއަން ކަޕް ކޮލިފައިންގައި ވަނީ ސްރީ ލަންކާ ކޮޅަށް ވެސް ލަނޑު ޖަހައިފަ އެވެ.
ބްރުނާއީގެ ސުލްތާން ހަަސަނަލް ބޮލްކިއާ ސްޓޭޑިއަމްގައި އިއްޔެ ކުޅުނު މެޗުގައި ރާއްޖޭގެ ފުރަތަމަ ލަނޑުގައި ވެސް ހަމްޕުގެ ދައުރެއް ވެއެވެ. އިބްރާހިމް ވަހީދު ހަސަން (އިއްބެ)، މެޗުގެ 35 ވަނަ މިނިޓުގައި ލަނޑު ޖެހީ އިބްރާހިމް މަހުދީ ހަސަން (ފޭދޫ އިއްބެ) ތަނަވަސްކުރި ފުރުސަތެއްގަ އެވެ. ހަމްޕު ހުސްކޮށްލާފައި ފޭދޫ އިއްބެ އަށް ޖައްސާލި ބޯޅަ މާ ރަނގަޅަށް ކޮންޓްރޯލް ނުކުރެވުމުން އޭނާ ބޯޅަ ދިނީ ކައިރިން ކުރިއަށް ދުވި އިއްބެ އަށެވެ. އިއްބެ ވަނީ ފަސޭހަ ކަމާއެކު ބޯޅަ ގޯލަށް ފޮނުވާލައިފަ އެވެ.
ދެވަނަ ހާފުގައި ހައިޝަމް ހަސަން (ބިޑި) ބްރުނާއީ ކުޅުންތެރިއަކަށް ފައުލް ކުރި ކަމަށް ބުނެ އިދިކޮޅަށް ނަތީޖާ އެއްވަރުކުރަން ރެފްރީ ޕެނަލްޓީއެއް ވެސް ދިނެވެ. އޭނާ ފައުލް ކުރީ އޭރިއާ ތެރެއިން ނޫން ކަމަށް ރާއްޖޭން އެޕީލް ކުރި ނަމަވެސް ރެފްރީގެ ނިންމުން ބަދަލެއް ނުކުރެ އެވެ. ރީޕްލޭ ތަކުން ވެސް ފެނުނީ ބްރުނާއީ ކުޅުންތެރިޔާ އޭރިއާ ރޮނގުމައްޗާ އަރާ ހަމަވުމުގެ ކުރިން ފައުލް ކުރި ތަނެވެ. ބްރުނާއީ ކުޅުންތެރިޔާ ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލުގެ މަތިން ބޭރަށެވެ.
ރާއްޖޭގެ ތިންވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖަހައިދިނީ ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ.
އިއްބެ އާއި ހަންނަ ވަނީ މި މެޗަށް ފުރުމުގެ ކުރިން ގައުމީ ޓީމުން ކްލަބް އޭދަފުށްޓާ ދެކޮޅަށް މި ރަށުގައި ކުޅުނު އެކުވެރިކަމުގެ މެޗުގައި ވެސް ލަނޑޫ ޖަހައިފަ އެވެ. އެ މެޗު ވެސް ގައުމީ ޓީމުން ކާމިޔާބުކުރީ ހަމަ މި ނަތީޖާއިން، 3-0 އިންނެވެ.
ބ. އަތޮޅުގެ ދެ ކުޅުންތެރިއަކު މުޅިން އަލަށް މިފަހަރުގެ ޓީމުގައި ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ ހިމެނި ނަމަވެސް، އޭދަފުށީގެ ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) އާއި ފެހެންދޫގެ އަހުމަދު ބައްސާމް (ބައްކު) އިއްޔެގެ މެޗުގައި އިނީ ބެންޗުގަ އެވެ.
ރަހުމަތްތެރިކަމުގެ ދެވަނަ މެޗުގައި ހޮނިހިރު ދުވަހުގެ މެންދުރު 1 ޖަހާއިރު ލާއޯސްއާ ދެކޮޅަށް ގައުމީ ޓީމު ނުކުންނާނެ އެވެ. އެ މެޗު ވެސް ކުޅޭނީ ބްރުނާއީގަ އެވެ.

ޕޮގްބާއާއި ބައްކު އިނީ ބެންޗުގައެކޭ ދިވެހިބަހަކުން ނުބުނާނެ. އެކަކަށް ވުރެ ގިނަ މީހުން ކަމަށްވާނަމަ ބުނާނީ ތިބީއޭ. ޕޮގްބާއާއި ބައްކު ތިބީ ބެންޗުގައޭ ބުނާނީ.