
ބ. ފެހެންދޫ އަށް އުފަން އަހުމަދު ބައްސާމު މުހައްމަދު ނައީމް (ބައްކު) ރާއްޖޭގެ ސީނިއާ ގައުމީ ޓީމުގައި ހިމެނިގެން ފުރަތަމަ ފަހަރަށް ރަސްމީ މެޗެއްގައި ކުޅެފި އެވެ.
ބުރުނާއީގައި ގައުމީ ޓީމުން އިއްޔެ 3-1 އިން ލާއޯސް ބަލިކުރި މެޗުގައި ބައްކު ކުޅެން ނުކުތީ 71 ވަނަ މިނިޓުގައި ހަސަން ރާއިފް އަހުމަދު (ހަންނަ) ގެ ބަދަލުގަ އެވެ. އޭނާ ކުޅެން އެރި އިރު އުމުރަކީ 21 އަހަރާއި 8 މަހާއި 8 ދުވަހެވެ.
ބައްކު ކުޅެން ނުކުތްއިރު ވެސް މެޗުގައި ފެނުނު ހަތަރު ގޯލު ވަނީ ޖަހައިފަ އެވެ. ބުރުނާއީގައި ކުޅުނު މެޗުގެ 11 ވަނަ މިނިޓުގައި ހަންނަ ރާއްޖެއަށް ލީޑު ނަގައިދީފައި ވަނިކޮށް ލާއޯސްގެ ކެޕްޓަން ބޯންޕަޗަން ބޯންކޮން ވަނީ ހާފު ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށް ނަތީޖާ އެއްވަރު ކޮށްފަ އެވެ.
ފަހު ހާފުގައި ރާއްޖެއަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ 60 ވަނަ މިނިޓުގައި ހުސެއިން ނިހާން (ނިހާޓް) އެވެ. އަދި އޭގެ ހަތް މިނިޓު ފަހުން ތިންވަނަ ލަނޑު ޖަހައިދިނީ އަބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ.
މިއީ ފެހެންދޫގެ ކުޅުންތެރިއަކު ސީނިއާ ގައުމީ ޓީމަށް މެޗެއް ކުޅުނު ފުރަތަމަ ފަހަރެވެ. ބައްކު ވަނީ މީގެ ކުރިން 19 އަހަރުން ދަށާއި 23 އަހަރުން ދަށުގެ ގައުމީ ޓީމަށް ވެސް ކުޅެފަ އެވެ.
ބައްކު އެންމެ ފުރަތަމަ، ފުރަތަމަ ޑިވިޝަނުގައި ކުޅުނީ 2018 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގުން ޖާގަ ހޯދި ފެހެންދޫ ފުޓުބޯޅަ ކުލަބަށެވެ. ޖެހިގެން އައި އަހަރު ޔޫތު މުބާރާތުގައި ކްލަބް ގްރީން ސްޓްރީޓްސް އަށް ކުޅުމަށް ފަހު، ދެން ފެނުނީ ޔުނައިތެޑް ވިކްޓަރީގެ ޖޯޒީގަ އެވެ. އަދި އޭނާއަކީ މިހާރު ޔޫވީގެ މުހިއްމު ކުޅުންތެރިއެކެވެ.
މީގެ ކުރިން ފެހެންދޫގެ އަހުމަދު ނިޒާމް (ނިޒާމްބެ) ސީނިއާ ޓީމުގެ ޕްރިލިމިނަރީ ސްކޮޑުން ޖާގަ ހޯދި ނަމަވެސް، ފައިނަލް ސްކޮޑުން ޖާގައެއް ނުލިބުނެވެ. އެކަމަކު ނިޒާމްބެ އަކީ 23 އަހަރުން ދަށުގެ ޓީމަށް ނިސްބަތުން ގިނަ މެޗުތަކެއް ކުޅެދީ، މުހިއްމު ގޯލުތަކެއް ޖަހައިދީފައިވާ ކުޅުންތެރިއެކެވެ.
މިފަހަރު އަލަށް ގައުމީ ސީނިއާ ޓީމުން ޖާގަ ލިބުނު ކުޅުންތެރިންގެ ތެރޭގައި ބައްކުގެ އިތުރުން އޭދަފުށީގެ ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) ވެސް ހިމެނެ އެވެ. ނަމަވެސް ރާއްޖޭން ކުޅުނު ރަހުމަތްތެރިކަމުގެ ދެ މެޗުގައި ވެސް ނިޝާމް އިނީ ބެންޗުގަ އެވެ.
