
އޮކްޓޫބަރު މަހު އޭދަފުށީގައި ހޯސްޓު ކުރަން ހަމަޖެހފަިފައިވާ ސެންޓްރަލް ލީގު ދެވަނަ ޑިވިޝަނުގެ ގުރޫޕް އޭ ގެ އެއްވަނަ ޓީމުގެ ގޮތުގައި ކްލަބް އޭދަފުށި، ފުރަތަމަ ޑިވިޝަނަށް ކޮލިފައި ވެއްޖެ އެވެ.
ތިން ޓީމު ވާދަކުރަން އޮތް މި ގުރޫޕުގައި އޭދަފުށި ފިޔަވައި ދެން މި ގުރޫޕުގައި ހިމެނެނީ ޅ. ހިންނަވަރާއި ޅ. ނައިފަރެވެ. އޭދަފުށްޓަށް އެއްވަނަ ލިބުނީ، ހިންނަވަރާއި ނައިފަރުން ވާދަ ނުކުރާ ގޮތަށް ނިންމުމުންނެވެ.
ސެންޓްރަލް ލީގުގެ ދެ ވަނަ ޑިވިޝަނަށް ކްލަބް އޭދަފުށި ކޮލިފައިވީ އޭދަފުށީގެ އޯޕަން ރައުންޑް ކާމިޔާބުކޮށްގެންނެވެ. އޯޕަން ރައުންޑުގައި ކްލަބް އޭދަފުށި ވާދަކުރީ އޭދަފުށި ފުޓްބޯޅަ ކްލަބާ އެވެ. ދެ މެޗަށް ފަހު އެގްރިގޭޓް ނަތީޖާ ހަމަހަމަވުމުން ކްލަބް އޭދަފުށި އަނެއް ބުރަށް ކޮލިފައިވީ ޕެނަލްޓީ ޖަހައިގެން މޮޅުވެގެންނެވެ.
ދާދި ފަހުން ކްލަބް އޭދަފުށްޓާ ވެސް އެކު، ހިންނަވަރުގައި އޮތް ހިންނަވަރު ޗެމްޕިއަންޝިޕް މުބާރާތަށް ފަހު، ހިންނަވަރުން ވަނީ ސެންޓްރަލް ލީގުގައި ވާދަ ނުކުރަން ނިންމާފައި ވާކަން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ރަސްމީކޮށް އަންގާފައި ވެއެވެ. ނަމަވެސް ނައިފަރުން އެކަން ރަސްމީ ކޮށް އެފްއޭއެމް އަށް އަންގާފައި ނުވާތީ ޑިސިޕްލިނަރީ ކޮމިޓީ އަށް މައްސަލަ ފޮނުވަން ނިންމާފައި ވާކަމަށް އެފްއޭއެމް އިން ބުނެ އެވެ.
މީގެ އިތުރުން އޮކްޓޫބަރު މަހު ފަށަން ހަމަޖެހިފައިވާ ގުރޫޕް ސީ ގައި ހިމެނޭ އއ. އުކުޅަހާއި އދ. ފެންފުށި ވާދަ ނުކުރާތީވެ، އއ. މާޅޮހަށް ވެސް ވަނީ އޮޓަމެޓިކުން ފުރަތަމަ ޑިވިޝަނުގެ ޖާގަ ޔަގީން ވެފަ އެވެ. ކުޅުންތެރިން ރަޖިސްޓްރީ ކުރުމުގެ ސުންގަޑި ހަމަވި އިރު އުކުޅަހުން ވެސް މުބާރާތުން ވަކިވި ކަން ރަސްމީކޮށް އެފްއޭއެމް އަށް ނާންގަ އެވެ.
ސެންޓްރަލް ލީގުގެ ދެވަނަ ޑިވިޝަނުގައި ފަސް ގުރޫޕެއް ހިމެނޭ އިރު، ކޮންމެ ގުރޫޕަކުން އެއްވަނައަށްދާ ޓީމަކާއި، ދެވަނައަށްދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ތިން ޓީމެއް ވެސް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ވާނެ އެވެ. ނަމަވެސް ގުރޫޕް އޭ އަދި ސީ ގައި ރޭންކު ކުރާނެ އިތުރު ޓީމެއް ނެތުމުން ބާކީ ތިން ގުރޫޕުގެ ދެވަނަ ހޯދާ ޓީމުތަކަށް މިހާރު ފުރަތަމަ ޑިވިޝަން ޔަގީން ވާނެ އެވެ.
ގުރޫޕް ބީގެ މެޗްތައް ނިމިފައި ވާއިރު، އެއްވަނަ ހޯދީ ކ. ގުރައިދޫ ސްޕޯޓްސް ރެކްރިއޭޝަން ކްލަބެވެ. އަދި ދެވަނަ ހޯދީ ކ. ގުޅި ފުޓްބޯޅަ ކުލަބެވެ.
އެފްއޭއެމުން 2024/2023 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު ބާއްވާނީ މުޅި ރާއްޖެ ޝާމިލްވާ ގޮތަށެވެ. ރާއްޖެ ބަހާލާފައިވާ ހަތަރު ޒޯނަކީ, ނޯތު ޒޯން، ސެންޓްރަލް ޒޯން، ސައުތު ޒޯން އަދި މާލެ ޒޯނެވެ.
ނޯތު ޒޯންގައި ހިމެނެނީ ހއ، ހދ، ށ، ނ އަދި ރ އެވެ. ސެންޓްރަލް ޒޯންގައި ހިމެނެނީ ބ، ޅ، ކ، އއ، އދ، ވ، މ، ފ އަދި ދ އަތޮޅެވެ. ސައުތު ޒޯންގައި ހިމެނެނީ ތ، ލ، ގއ، ގދ، ޏ އަދި ސ އެވެ. މާލެ ޒޯނުން، ބުރު ސްޕޯޓްސް ކްލަބް ފުރަތަމަ ޑިވިޝަނަށް ކޮލިފައިވިއިރު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ވަނީ ފުރަތަމަ ޑިވިޝަނުގެ މަގާމް ދަމަހައްޓާފަ އެވެ. މިއަހަރު ފުރަތަމަ ޑިވިޝަނުން ރެލިގޭޓްވީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ.
ނޯތު ލީގުން ފުރަތަމަ ޑިވިޝަނަށް ހޮވުނު ޓީމުތަކަކީ، އުނގޫފާރު ފުޓްބޯޅަ ކްލަބް، އަލިފުށި ރެކްރިއޭޝަން ކްލަބް، ދިއްދޫ ބްލެކްޒީނޯ ސްޕޯޓްސް ކްލަބް، ކުޅުދުއްފުށީ ޒިގްޒެގް ފޯ ޔޫތު ލިންކޭޖް، ޔުނިޓީ ސްޕޯޓްސް، އެސޯސިއޭޝަން ފޯ ފޯކައިދޫ ޔޫތު ޑިވެލޮޕްމަންޓް، ޓީމް ހޮޅުދޫ އަދި ކެނދިކުޅުދޫ ފުޓްބޯޅަ ކްލަބެވެ.
ކޮންމެ ޒޯނަކުން ފުރަތަމަ ޑިވިޝަނަށް ކޮލިފައިވާ 8 ޓީމުގެ މެދުގައި މެޗުތައް ކުޅޭނީ އަންނަ އަހަރު އެވެ. ކޮންމެ ޒޯނަކުން ވެސް ޗެމްޕިއަންކަން ހޯދާ ޓީމެއް 2024/2023 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާނެ އެވެ. އާ ފޯމެޓްގައި ދިވެހި ޕްރިމިއާ ލީގު ފަށާއިރު ލީގުގައި އޮންނާނީ 12 ޓީމެވެ.
