
އެސްޓީއޯ އޭދަފުށި ކަޕް 2020 ގައި މިއަދު ހަވީރުވެލާ ސްޕޯޓްސް ކުލަބުން އެމްވީ ޔުނައިޓެޑާ ވާދަކުރި މެޗް 2-2 އިން އެއްވަރު ވުމުން، މުބާރާތުގެ ފޯރި ގަދަވެއްޖެ އެވެ.
މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ކުޅުނު މި ދެޓީމު މިއަދު ބައްދަލުކުރި މެޗުގައި ފުރަތަމަ ލީޑު ނެގީ ވެލާ ސްޕޯޓްސް އިންނެވެ. މިއީ އެމްވީ ޔުނައިޓެޑް ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ނަމަވެސް ހައިޝަމް ހަސަން (ބިޑި) އާއި މުހައްމަދު އަބާން އަލީ ވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން އެމްވީ ޔުނައިޓެޑަށް ލީޑު ހޯދައިދީފަ އެވެ.
ފުރަތަމަ ހާފުގައި ހޯދި ލީޑާ އެކު އެމްވީ ޔުނައިޓެޑް މެޗުން މޮޅުވާން ދަނިކޮށް، ވެލާ ސްޕޯޓްސް އަށް އެއްވަރު ކޮށްދިނީ އަބްދުލް މަޖީދު އިބްރާހިމް (މަޖިއްޓޭ) އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްވީ ޔުނައިޓެޑްގެ މުހައްމަދު ފާސިރު (ފާއްޓޭ) އެވެ.
މުބާރާތުގައި މިހާތަނަށް ފަސް ލަނޑު ޖަހައިގެން މުބާރާތުގެ ލަނޑު ލިސްޓުގެ ކުރީގައި އުޅެނީ އެމްވީ ޔުނައިޓެޑްގެ ހައިޝަމް އެވެ.
މިއަހަރުގެ މުބާރާތުގައި ވެސް ވަނީ ފަސް ޓީމެއް ބައިވެރި ވެފަ އެވެ. އެއީ އެންމެ ފަހުގެ ޗެމްޕިއަން އެމްވީ ޔުނައިޓެޑާއި ރަނަރަޕް ވެލާ ސްޕޯޓްސް ކްލަބްގެ އިތުރުން، ހުސް ސޮނގުން ފުޓުބޯޅަ ޓީމް، ކައްކަނީ ސްޕޯޓްސް ކްލަބް އަދި އިރުމަތި ފުޓްބޯޅަ ކުލަބެވެ.
ކްލަބް އޭދަފުށްޓާއި އޭދަފުށި ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ މި މުބާރާތް މިދިޔަ ހުކުރު ދުވަހު ފެށީ، ހުސް ސޮނގުންނާއި ކައްކަނީ ބައްދަލުކުރި މެޗުންނެވެ. އެ މެޗު 2-1 އިން ކާމިޔާބުކުރީ ހުސް ސޮނގުންނެވެ. ދެވަނަ މެޗުގައި ވެލާ ސްޕޯޓްސް އިން 5-1 އިން އިރުމަތި އެފްސީ ބަލިކުރި އިރު، ތިންވަނަ މެޗުގައި ހުސް ސޮނގުން ވަނީ އެމްވީ ޔުނައިޓެޑާ ވާދަކޮށް 2-0 އިން މޮޅު ވެފަ އެވެ. މުބާރާތުގެ ހަތަރުވަނަ މެޗުގައި ވެލާ ސްޕޯޓްސް އިން ކައްކަނީއާ ވާދަކޮށް މޮޅުވީ ވެސް 2-0 އިންނެވެ.
އެމްވީ ޔުނައިޓެޑުން އެޓީމުގެ ތިންވަނަ މެޗުގައި އިރުމަތި އެފްސީއާ ވާދަކޮށް މޮޅުވީ 7-1 އިންނެވެ. ހުސް ސޮނގުންނާއި ވެލާ ސްޕޯޓްސް ކުޅުނު މެޗު 0-0 އިން އެއްވަރު ވި އިރު، ކައްކަނީ އިން ވަނީ އިއްޔެ އިރުމަތި އެފްސީއާ ވާދަކޮށް 10-0 އިން މޮޅު ވެފަ އެވެ.
މި އަދުގެ ނަތީޖާއާ އެކު ވެލާ ސްޕޯޓްސް އަށް ވަނީ ފުރަތަމަ ބުރުގައި ކުޅެން އޮތް ހަތަރު މެޗުގެ ކުޅުން ވެސް ނިމިފަ އެވެ. އެއްވެސް މެޗަކުން ބަލިނުވެ، އެޓީމު ވަނީ 8 ޕޮއިންޓް ހަމަކޮށްފަ އެވެ. ދެވަނައިގައި އޮތް ހުސް ސޮނގުން ވެސް އަދި މެޗަކުން ބައްޔެއް ނުވެ އެވެ. ހުސް ސޮނގުން މިހާތަނަށް ތިން މެޗު ކުޅެގެން ވަނީ 7 ޕޮއިންޓް ހޯދައިފަ އެވެ.
ތިންވަނައިގައި އޮތް އެމްވީ ޔުނައިޓެޑަށް ލިބިފައި ވަނީ 4 ޕޮއިންޓެވެ. ކައްކަނީ އަށް 3 ޕޮއިންޓް ލިބިފައި ވާއިރު، އިރުމައްޗަށް ޕޮއިންޓެއް ނުލިބެ އެވެ.
މި މުބާރާތުގެ ފުރަތަމަ ބުރު ކުރިއަށްދަނީ ލީގު އުސޫލުންނެވެ. އެއަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭއިރު، ފައިނަލުގެ ދަވަނަ ޖާގަ ލިބޭނީ އެންމެގިނަ ޕޮއިންޓް ހޯދާ ދެވަނަ އަދި ތިންވަނަ ޓީމު ކުޅެގެން މޮޅުވާ ޓީމަކަށެވެ.
ފުރަތަމަ ބުރުގައި ބާކީ އޮތީ ދެ މެޗެވެ. އެއީ މާދަމާ ހަވީރު ހުސް ސޮނގުންނާއި އިރުމަތި ބައްދަލުކުރާ މެޗާއި، އަދި އާދިއްތަ ދުވަހު ހަވީރު ކައްކަނީ އާއި އެމްވީ ޔުނައިޓެޑް ބައްދަލުކުރާ މެޗެވެ. މި ދެ މެޗަކީ ވެސް ފޯރި ގަދަ ވާނެ ދެ މެޗެވެ.
ެލާ ސްޕޯޓްސް އަށް ވަނީ އެންމެ ދަށް ވެގެން ސެމީ ފައިނަލްގެ ޖާގަ ޔަގީން ވެފަ އެވެ. މާދަމާ ކުޅޭ މެޗު ކާމިޔާބު ކޮށްގެން ހުސް ސޮނގުންނަށް މި ބުރުގެ އެއްވަނަ ހޯދައިގެން ފައިނަލްގެ ސީދާ ޖާގައެއް ހޯދުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.
އެމްވީ ޔުނައިޓެޑާއި ކައްކަނީ އަށް ވެސް މި ބުރުގެ ތިންވަނަ ޓީމުގެ ގޮތުގައި ސެމީގެ ޖާގަ ހޯދުމުގެ ފުރުސަތު އެބަ އޮތެވެ.
ދެވަނަ އަދި ތިންވަނައަށްދާ ޓީމު ބައްދަލުކުރާ ސެމީ ފައިނަލް މެޗު ކުޅެން ހަމަޖެހިފައި ވަނީ އަންނަ އަންގާރަ ދުވަހު (އޮކްޓޫބަރު 25) ގަ އެވެ. އަދި ފައިނަލް މެޗު އޮންނާނީ އޮކްޓޫބަރު 28 ވާ ހުކުރު ދުވަހުގެ ހަވީރެވެ.
