ބާގިރުގެ ހަނދާނުގައި ދަފުތަރެއް ހުޅުވައިފި

bagir

ކުއްލިގޮތަކަށް މިދިޔަ ބުދަ ދުވަހު ނިޔާވި އަބްދުލް ބާޤިރު އަހުމަދު (ހިތާދޫ ބާޤިރު) ގެ ހަނދާނުގައި ބ. އަތޮޅު ކައުންސިލުން ދަފުތަރެއް ހުޅުވައިފި އެވެ.

ހެޔޮއެދޭ ފަރާތްތަކާއި އާއްމުން އެ މީހުންގެ ޝުއޫރުތައް ފާޅު ކުރަން އަތޮޅު ކައުންސިލު އިދާރާގައި ހުޅުވާލި މި ދަފުތަރު އާއްމުންނަށް ހުޅުވާލާނީ އަންނަ އާދީއްތަ ދުވަހު އެވެ.

38 އަހަރަށްވުރެ ގިނަ ދުވަހު ސަރުކާރަށް ހިދުމަތްކޮށްދެއްވި އަބްދުލްބާގިރު ވަކިވެ ދިއުމާ ގުޅިގެން އެލްޖޭއޭ އިންނާއި މިއަތޮޅުގެ ރަށްރަށުގެ ކައުންސިލުތަކުންނާއި އަތޮޅު ކައުންސިލުން ވަނީ އާއިލާ އަށް ތައުޒިޔާގެ މެސެޖްތައް ފޮނުވައިފަ އެވެ.

ބ. އަތޮޅާއި މުޅި ރާއްޖޭގެ އެކި ކަންކޮޅުގެ ގިނަ ބައެއްގެ ރުހުމާއި ލޯތްބާއި އިހްތިރާމު ހޯއްދަވާފައިވާ ބާގިރުގެ އާއިލާ އިން ބުނީ އޭނާ ވަކިވެ ދިއުމާ ގުޅިގެން ވަރަށް ގިނަ ބަޔަކު އާއިލާ އަށް މިހާތަނަށް ތައުޒިޔާ ފޮނުވައި އަދި އަތޮޅު ކައުންސިލުން އާއިލާއާ ބައްދަލުކޮށް ހިތްވަރުދެމުން ގޮސްފައިވާ ކަމަށެވެ. އެހެންވެ އެކަން ޝުކުރުވެރިކަމާ އެކު ބަލައި ގަންނަ ކަމަށްވެސް އެ އާއިލާއިން ބުންޏެވެ.

ބ. އަތޮޅު ކައުންސިލުން އިއްޔެ ނެރުނު ތައުޒިޔާގެ މެސެޖުގައި ވާގޮތުގައި ބާގިރު އަހްމަދު ނިޔާވި ޚަބަރު އެ އިދާރާގެ މުވައްޒަފުންނަށް ލިބިގެން ދިޔައީ ކުއްލި ސިހުމަކާއި އަދި ބަޔާން ނުކުރެވޭފަދަ ހިތާމަޔާ އެކުގަ އެވެ. އަދި އެ ދުވަސް ވެގެންދިޔައީ އެ އިދާރާއަށް ކަޅު ދުވަހެއްގެ ގޮތުގައި ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

“އަބްދުލް ބާޤިރު އަހްމަދަކީ މުވައްޒަފުންނާ ގުޅޭ، މުވައްޒަފުންދެކެ ލޯބިފުޅުވާ މަޑުމައިތިރި، އަބަދުވެސް ހިނިތުންވުމާއެކު މުއާމަލާތް ކުރައްވާ ހިތްތިރި ބޭފުޅެކެވެ. އެބޭފުޅާއަކީ ބ. އަތޮޅުއޮފީސް އަދި އަތޮޅު ކައުންސިލު އިދާރާގެ ބިނާ އެވެ. އަދި މިހާތަނަށް އެ އިދާރާގައި އެންމެގިނަ ދުވަސްވަންދެން މަސައްކަތް ކުރެއްވި ބޭފުޅާވެސްމެ އެވެ،” އަތޮޅު ކައުންސިލުގެ ތައުޒިޔާގެ މެސެޖުގައިވެ އެވެ.

2003 ވަނަ އަހަރު ބާގިރު ކުރީގެ ރައީސް މައުމޫނާ ސަލާމުކުރައްވަނީ-- ފައިލް ފޮޓޯ
2003 ވަނަ އަހަރު ބާގިރު ކުރީގެ ރައީސް މައުމޫނާ ސަލާމުކުރައްވަނީ– ފައިލް ފޮޓޯ

ބާޤިރު ސަރުކާރަށް ހިދުމަތް ކުރައްވަން ފެއްޓެވީ ޖެނުއަރީ 17، 1978 ގަ އެވެ. އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓީޗަރެއްގެ ގޮތުގަ އެވެ. ތައުލީމީ ދާއިރާގައި 1985 ވަނަ އަހަރާ ހަމައަށް ހިދުމަތް ކުރެއްވުމަށްފަހު ދެން ގުޅިވަޑައިގަތީ ބ. އަތޮޅު އޮފީހުގެ ސެކްރެޓަރީގެ މަގާމަށެވެ. އެގޮތުން އަތޮޅު އޮފީހުގެ ސީނިއާ ސެކްރެޓަރީ ކަމާއި އަތޮޅު ވެރިޔާގެ އެހީތެރިޔާގެ މަގާމާއި އަތޮޅުވެރިޔާގެ އިސްއެހީތެރިޔާގެ މަގާމާއި އަދި ބ. އަތޮޅު އޮފީސް އަތޮޅު ކައުންސިލަށް ބަދަލުވުމަށްފަހު އެ އިދާރާގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުގައި ޖެނުއަރީ 20، 2016 އާ ހަމައަށް މަސައްކަތް ކުރެއްވި އެވެ.

ބާޤިރު ސަރުކާރުގެ ވަޒީފާއިން ރިޓަޔަ ކުރައްވާފައިވަނީ ބަލިހާލަތު ހުރިގޮތުން ޖެނުއަރީ 20، 2016 ގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.