
ބ. ކެންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފި އެވެ.
އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާއި ހަވާލުކުރީ ނޮވެމްބަރު 25, 2021 ގަ އެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް އެ ކުންފުނިން ފަށާފައިވަނީ މިއަހަރުގެ މޭ މަހުގެ ތެރޭގަ އެވެ.
މި މަޝްރޫޢުގެ ދަށުން، 1200 ކިއުބިކް މީޓަރުގެ ފަތާ ސަރަޙައްދެއް ފުން ކުރުމާއި، 803 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 110 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ވަނީ ޖަހައިފަ އެވެ. އަދި 90 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ވެސް ޖަހައިފަ އެވެ.
މި މަޝްރޫއަށް 341.1 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.
1390 މީހުންގެ އާބާދީގެ ކެންދޫއަކީ ރަށް ގިރުމުގެ ބިރުވެރިކަން ޒަމާނުއްސުރެ ތަހައްމަލުކުރަމުން އައިސްފައިވާ ރަށެކެވެ

.ކެންދޫގެ ރައްޔިތުން އާމްދަނީ ހޯދަނީ މައިގަނޑު ގޮތެއްގައި މަސްވެރިކަމުން ނުވަތަ ކައިރި ރިސޯޓްތަކުގައި ވަޒީފާ އަދާކޮށްގެންނެވެ. ބިމުގެ ބޮޑުމިނުގައި 9.17 ހެކްޓަރު ހުންނަ މި ރަށުން ރަށްގިރުމުގެ ސަބަބުން ވަށައިގެން އެތަކެއް ގެއްލުމެއް ވަނީ ލިބިފައެވެ. އަދި އެތައް ރުއްގަހެއްވެސް ވަނީ ވެއްޓި ނެތިގެން ގޮސްފައެވެ. އިރުއުތުރު ފަރާތުން ގާތްގަނޑަކަށް 20 ފޫޓައްވުރެ ބޮޑު ސަރަހައްދެއް ގިރައިގެން ދިޔުމުގެ ސަބަބުން މީހުން ދިރިއުޅޭ ގެވަޅުތަކުންވެސް ވަނީ ފަސްގަނޑު ގިރައިގެން ގޮސްފައެވެ.
އެހެންކަމުން މިއަދު ނިމިގެން މިދިޔަ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ސަބަބުން މުޅި ކެންދޫ ގޮނޑުދޮށް އެއްކޮށްހެން ރަށް ގިރުމުން ހިމާޔަތްކުރެވިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.
“މިއީ ހަމަގައިމުވެސް ކެންދޫގެ ރައްޔިތުންގެ ޒަމާންވީ އުދާސްތަކާއި ތަކުލީފަށް ބޮޑު ހައްލެއް ލިބި ރައްޔިތުންނަށް އެތަށް ގުނައަކުން އުފާވެރިކަމާއި ތަސައްލީ ގެނުވާނެ މުހިއްމު މަޝްރޫޢުއެއް ގޮތުގައި މި ކުންފިނިން ދެކެމެވެ،” އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އުމްރާނީ ތަރައްގީގެ މުހިއްމު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ތެރޭގައި ބަނދަރާއި މަގު ހެދުމާއި ބިން ހިއްކުން ފަދަ މަޝްރޫއުތައް ހިމެނެ އެވެ.
