ސްކޫލްގެ ހަރަކާތްތައް ހިންގުމަށާއި ބޭނުންވާތަކެއްޗާއި ވަސީލަތްތައް ހޯދުމަށް މަގުފަހި ކުރުމުގެ ގޮތުން ކިހާދޫ ސްކޫލްގެ ޕީޓީއޭގެ ފަރާތުން މިދިޔަ ހުކުރު ދުވަހުގެ ރޭ އެ ސްކޫލްގައި ބޭއްވި ޑިނާ ނައިޓުން ދެލައްކަ ރުފިޔާ ހޯދައި އާ ރެކޯޑެއް ހަދައިފި އެވެ.
ކިހާދޫ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ޒުބައިރު ވިދާޅުވީ މިއަހަރުގެ ޑިނާ ނައިޓުން ދެލައްކަ ރުފިޔާ ލިބިފައިވާ ކަމަށެވެ.
ޒުބައިރު ވިދާޅުވީ މި އަހަރުގެ ޑިނާ ނައިޓް ވަރަށް ކާމިޔާބު ކަމަށާއި އަދި ރެކޯޑެއް ކަމަށާއި މި ފައިސާ ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ މިހާރުވެސް އަމަލުކުރާ ފަދައިން ސްކޫލްގެ ވަސީލަތްތައް ތަރައްޤީ ކުރުމަށް ކަމަށެވެ.
ޒުބައިރު ވިދާޅުވީ ޑިނާ ނައިޓަށް މިއަހަރު ވެސް ރަށުން ބޭރުން ގިނަ އަދަދެއްގެ މީހުން ޒިޔާރަތް ކޮށްފައިވާ ކަމަށާއި ރަށުގެ ރައްޔިތުންގެ އިތުރުން ރިސޯޓްތަކުގެ ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.
ޑިނާ ނައިޓަށް ތައްޔާރުވުމުގެ ގޮތުން ކޮންމެ އަހަރުވެސް ހިލޭ ސާބަހަށް އެރަށު ފިރިހެން ވެރިން އަމިއްލަ އޮޑިފަހަރުގައި މަސްބާނައި، މަސްކަނޑާ، މަސްފިހެ ހަދައިދެ އެވެ. އަދި ހުރިހާ ތަކެތި ތައްޔާރުކޮށްދެނީ ވެސް ރައްޔިތުން އަންހެނުންނާ ފިރިހެނުން ހިލޭ ސާބަހަށެވެ.
“ޑިނާ ނައިޓު ބޭއްވުމުގައި ކިހާދޫގެ ރައްޔިތުންނާއި ޒުވާނުންގެ އިތުރުން ކައިރި ރިސޯޓްތަކުގެ އެހީތެރިކަން މިފަހަރު ވެސް ވަރަށް ބޮޑަށް ލިބުނު. އެކަން ފާހަގަކޮށް އެ ފަރާތްތަކަށް ވަރަށް ބޮޑު ޝުކުރު އަދާކުރަން،”
2010 ވަނަ އަހަރުން ފެށިގެން “ދިވެހި ސުފުރާ” ގެ ނަމުގައި ބާއްވަމުން އަންނަ މި ޑިނާ ނައިޓަކީ އެ ސްކޫލުގެ ޕީޓީއޭގެ ފަންޑަށް ފައިސާ ހޯދުމުގެ ގޮތުން އެ ޖަމިއްޔާއިން އިސްނަގައިގެން ބާއްވާ އެންމެ ބޮޑު އެއް ހަރަކާތެކެވެ.