
ބ. ކެންދޫގެ ފެނާއި ނަރުދަމާ އެޅުމުގެ އަމަލީ މަސައްކަތްތަކަށް ބޭނުންވާ ސާމާނު އެ ރަށަށް ގެންގޮސްފި ކަމަށް އެމްޑަބްލިޔުއެސްސީން ބުނެފި އެވެ.
އެމްޑަބްލިޔުއެސްސީ އިން ބުނީ ކެންދޫގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމު ކުރުމަށް ބޭނުންވާ ނެޓްވޯކް ހޮޅި އާއި, އެހެނިހެން ތަކެތި ކެންދޫ އަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ.
ކެންދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ މޭމަހުއެވެ.
މި މަސްރޫއުގެ ދަށުން ފެން ކެންދޫގައި ފެން އުފެއްދުމަށް ދެ އާރްއޯ ޕްލާންޓް ބަހައްޓާ އެއިން އުފައްދާ ފެން ރައްކާކުރުމަށް 3 ތާންގީ ބަހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެރަށުގައި 4.88 ނަރުދަމާ ނެޓްވޯކެ ޤާއިމްކޮށް 556 މީޓަރުގެ ޕަންޕިން ލައިންއެއް އަޅާ 2 ޕަންޕް ސްޓޭޝަނާ 1 ސީ އައުޓްފޯލް އެޅުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން 5.26 ކިލޯމީޓަރުގެ ފެނުގެ ނެޓްވޯކެއް ގާއިމް ކުރާނެކަމަށް އެ ކުންފުނިން ބުންޏެވެ.
ޕްލޭނިން މިނިސްޓްރީން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ އަގަކީ 56.24 މިލިއަން ރުފިޔާ އެވެ. މަޝްރޫއު ނިމުމުން ކެންދޫގެ ރައްޔިތުންނަށް ރައްކާތެރި ފެނާއި ނަރުދަމާގެ ނިޒާމެއް ލިބޭނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.
