އޭދަފުށީގެ ކަރަންޓް ކޭބަލް ނެޓްވޯކް އަޕްގްރޭޑްކުރަނީ

ބ. އޭދަފުއްޓަށް ޒަމާނުއްސުރެ ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށްޓަކައި މީގެ 28 އަހަރުކުރިން އަޅާފައިވާ ކަރަންޓް ކޭބަލްތައް ހައިވޯލްޓޭޖް ކޭބަލްތަކަށް އަޕްގްރޭޑްކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ފެނަކަ އޭދަފުށީ ބްރާންޗު އިން ބުނީ އޭދަފުށީގެ އެކި ހިސާބުތަކަށް ދިމާވެފައިވާ ވޯލްޓޭޖް ޑޮރޮޕްވާ މައްސަލަ ހައްލުކޮށް ފެންވަރު ރަނގަޅު ހިދުމަތެއް ދިނުމަށްޓަކައި ހައި ވޯލްޓޭޖްގެ ކޭބަލް ވަޅުލުމުގެ މަސައްކަތް ވަރަށް ބަރަށް ކުރިއަށްދާ ކަމަށެވެ.

އޭދަފުށީގައި ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވަމުންދާ މިންވަރާ ބަލާއިރު މިހާރު އަޅާފައިވާ ކޭބަލްތައް މާބޮޑަށް ބަލިކަށިވުމުން ބައެއް ފަހަރު ލޯޑް ނުހިފެހެއްޓޭ މައްސަލަ ދިމާވާތާ މިހާރު އަހަރުތަކެއް ވެއްޖެ އެވެ.

އެހެންވެ، ފެނަކައިން އަންނަނީ މިރަށުގެ ހަ ސަރަހައްދެއްގައި ޓްރާންސްފޯމަރުތައް ބަހައްޓަގައިގެން ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރުމަށް މަސައްކަތް ކުރަމުންނެވެ.

އޭދަފުށީގައި ކަރަންޓް ދިނުމަށް އަޅާފައިވާ ނެޓްވޯކަށް މިހާރު ގާތްގަނޑަކަށް 28 އަހަރުވެދާނެއެވެ. އެހެންވެ އެ ނެޓްވޯކު އަޕްގްރޭޑްކުރުމުގެ މަސައްކަތަކީ މީގެ އެތައް އަހަރެއްގެ ކުރިން ދެކެވެމުން އަންނަ ވާހަކައެވެ.

މި މައްސަލައަށް ހައްލު ހޯދުމުގެ މަސައްކަތް ފެށީ 2019 ވަނައަހަރުއެވެ. އެގޮތުން ކުރިން ބޭނުން ކުރި އިންޖީންރޫމް ބޮޑުކޮށް މަރާމާތުކުރުމަށްފަހު އެއް މެގަ ވޯޓްގެ ޖަނަރޭޓަރު ސެޓެއް ގެނަސް ކަރަންޓް ފޯރުކޮށްދޭ ކެޕޭސިޓީ ވަނީ އިތުރުކޮށްފަ އެވެ. އަދި މިދިޔަ މަހު ވަނީ 1.2 މެގަ ވޮޓްގެ ޖަނަރޭޓަރު ސެޓެއް ގެނަސް މިހާރު އެއިން ކަރަންޓް ފޯރުކޮށްދިނުމުގެ މަސައްކަތް ފެށުމަށް ތައްޔާރީތައް ވަމުންނެވެ.  

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.