ދަރަވަންދޫގައި ފުލުހުންގެ ހިދުމަތް ފުޅާކުރަން މަޝްވަރާކޮށްފި

ދަރަވަންދޫ ކައުންސިލުން ޕޮލިސް ކޮމިޝަނަރު އާ ބައްދަލުކުރައްވަނީ-- ފޮޓޯ / ޕޮލިސް
ދަރަވަންދޫ ކައުންސިލުން ޕޮލިސް ކޮމިޝަނަރު އާ ބައްދަލުކުރައްވަނީ– ފޮޓޯ / ޕޮލިސް

ބ. ދަރަވަންދޫގައި ދެމުންދާ ފުލުހުންގެ ޚިދުމަތްތައް މިހާރަށްވުރެ ފުޅާކުރުމާއި ގުޅޭގޮތުން ދަރަވަންދޫ ކައުންސިލުން ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފް އާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފި އެވެ.

ފުލުހުން ބުނިގޮތުގައި އިއްޔެ އިސްކަންދަރު ބިލްޑިން ގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ދަރަވަންދޫ ކައުންސިލްގެ ދެ މެމްބަރުންވަނީ ދަރަވަންދޫއަކީ އެއަރޕޯޓް އޮންނަ އަދި ގެސްޓް ހައުސް ވިޔަފާރި ފުޅާވަމުންދާ އަންނަ ރަށަކަށްވުމާއެކު އެރަށުގައި ފުލުހުންގެ ޚިދުމަތް މިހާރަށްވުރެ ފުޅާކުރުމާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރައްވައި އެރަށުގައި ފުލުހުންގެ ޚިދުމަތްތައް ފުޅާކުރުމަށްކުރާ މަސައްކަތްތަކުގައި އެކައުންސިލްގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންދާނެކަމަށް ވިދާޅުވެފަ އެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕޮލިސް ކޮމިޝަނަރު އަޙްމަދު އަރީފް ވިދާޅުވީ ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި ފުލުހުންގެ ވަސީލަތްތައް ހުރިގޮތުން ދަތިތަކެއް ހުރިކަމަށެވެ.

“ހަމައެއާއެކު ދަތިތަކެއް ފުލުހުންނަށް ހުރި ނަމަވެސް ފުލުހުންގެ ޚިދުމަތް ރައްޔިތުންނަށް ލުއިފަސޭހަގޮތެއްގައި ފޯރުކޮށްދިނުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށާއި ދަރަވަންދޫ އަކީ އެއަރޕޯޓް އޮންނަ ރަށަކަށްވެފައި، ގެސްޓް ހައުސް ވިޔަފާރި ފުޅާވެ ގިނަ ފަތުރުވެރިން ދަތުރުކުރާ ރަށަކަށްވުމާއެކު ދަރަންވަންދޫގައި ފުލުހުންގެ ޚިދުމަތް ފުޅާކުރުމަކީ މުހިއްމުކަމެއްކަމުގައި ދެކެވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.

“އެގޮތުން ދަރަވަންދޫގައި ފުލުހުންގެ ޚިދުމަތް ފުޅާކުރެއްވުމަށް ފުލުހުންގެ ފަރާތުން އެއްބާރުލުން ލިބިގެންދާނެކަމަށާއި ދަރަވަންދޫގައި ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށް މަސައްކަތްތަކެއް ކޮށްދެއްވާނެކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ،” ފުލުހުންގެ ވެބްސައިޓްގައި ބުނެފައިވެ އެވެ.

މި ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރުގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަޙްމަދު ސައުދީ އާއި ނޮދަން އޮޕަރޭޝަންސް ކޮމާންޑްގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް އަޙްމަދު މުޙައްމަދު އާއި ދަރަވަންދޫ ކައުންސިލްގެ ނައިބު ރައީސް ޢަލީ މާޖިދުގެ އިތުރުން އެކައުންސިލް މެމްބަރު މުޚްތާރު ޔޫސުފް ބައިވެރިވެލެއްވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.