ވޭދުވެދިޔަ 40 އަހަރު ރާއްޖޭގެ އިގްތިސާދުގައި ބީއެމްއެލް އިން އަދާކުރި މުހިންމު ދައުރެއް: ޗެއާޕާސަން

ބޭންކް އޮފް މޯލްޑިވްސްގެ 40 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ކްރޮސްރޯޑްސްގައި މިރޭ ބޭއްވުނު ހަފްލާގައި ބޭންކުން ދިވެހިރާއްޖޭގައި އަދާކުރާ މުހިންމު ދައުރާއި އަމިއްލަ ފަރުދުންނާއި، ވިޔަފާރިތަކާއި މުޖުތަމައުއަށް ބޭންކުން ގެނެސްދެމުންދާ ހެޔޮ ބަދަލަށް އަލިއަޅުއްވާލައްވާ ބޭންކުގެ ޗެއަރޕާސަން ޔޫޝަޢު ސަޢީދު ވާހަކަފުޅުދައްކަވައިފިއެވެ.

ޗެއަރފާސަން ވަނީ ބޭންކުގެ އޮޕްރޭޝަންސްތައް ފެށުނު ދުވަސްވަރުގެ ހާލަތާ ގުޅޭ ގޮތުން ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން 1982 ވަނަ އަހަރު އެންމެ 10 މުވައްޒަފުންނާއެކު ބޭންކުގެ އޮޕަރޭޝަންތައް ފަށައި، ބޭންކިންގ ހިދުމަތްތަކަށް އާންމު ފަރުދުން ހޭލުންތެރިކުރުވައި، ބޭންކިންގ ހިދުމަތް ފޯރުކޮށްދިނުމަށް އަތޮޅުތަކަށް ކުރި ދަތުރުތަކަށްވަނީ އަލިއަޅުއްވާލައްވާފައެވެ.

މިވަގުތު ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ފުޅާދާއިރާއަކަށް ބޭންކިންގ ހިދުމަތް ފޯރުކޮށްދޭ، އެންމެ ފުޅާދާއިރާއެއްގައި އިންވެސްޓްމަންޓް ކުރަމުންދާ، އަދި މާލީދާއިރާގައި އެންމެ ގިނަ ވަޒީފާގެ ފުރުސަތު ފަހިކޮށްދޭ ބޭންކުގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް އޮތް އިރު، ބޭންކުން މިދަތުރު ފަށާފައިވަނީ ދެމެހެއްޓެނިވި ގޮތެއްގައި އިގްތިސާދު ހިފެހެއްޓުމަށް ޕްރޮޖެކްޓްތަކަށް ފައިނޭންސްކޮށްދީގެންނެވެ.

ބޭންކުގެ މި ކާމިޔާބީ ދަތުރުގައި ގިނަ ލަނޑުދަނޑިތަކެއް ހާސިލްކޮށްފައިވަނީ ގޮންޖެހުންތަކާއެކުވެސްމެ އެވެ. ދެހާހުގެ އަހަރުތަކުގެ މެދުތެރޭގައި، ދިމާވި ފައިނޭންޝަލް ކްރައިސިސް އާއި، ދާދި ފަހުން ކުރިމަތިވި ކޮވިޑްގެ ބަލިމަޑުކަމުގައިވެސް، ބޭންކުން ދައްކުވައިދިނީ ކޮންމެ ފަދަ ހާލަތެއްގައިވެސް ދިވެހި އިގްތިސާދަށް އެހީތެރިވުމަށް ބޭންކް ތައްޔާރަށް އޮތް މިންވަރެވެ.

ޔޫޝަޢު ވަނީ ކޮވިޑް-19ގެ ދަތި އުނދަގޫ ހާލަތުގައިވެސް، ބޭންކުގެ ހަރުދަނާ މާލީ ހާލަތާއި ބޭންކުން އެޅި ފިޔަވަޅުތަކާއެކު ދިވެހި އިގްތިސާދު ނެގެހެއްޓުމަށްޓަކައި ބޭންކުން އަދާކޮށްދިން މުހިންމު ދައުރުވެސް ހާމަކުރައްވާފައެވެ. ޔޫސައު ވިދާޅުވި ގޮތުގައި ބޭންކުން މިހާލަތުގައި އެންމެ އިސްކަމެއް ދިނީ އަސާސި ބޭންކިންގ ހިދުމަތްތައް މެދުނުކެނޑި ލިބޭނެގޮތް ހަމަޖެއްސުމާއި، އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި  ސަރުކާރާ ގުޅިގެން ރާއްޖޭން ބޭރުގެ އިދާރާތަކުން ފަންޑިން ހޯދުމަށެވެ.

ޗެއަރޕާސަންވަނީ ބޭންކުން ދެމުންދާ ހިދުމަތްތަކަށް ހެޔޮ ބަދަލު ގެނައުމުގެ މުހިންމުކަމާ ގުޅޭގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ބޭންކުން ދޫކުރާ ކިޔަވާ ލޯނުގެ އިންޓަރެސްޓް ރޭޓް ދަށްކުރުމަށް ނިންމާފައިވާކަން ވަނީ ހާމަކުރައްވާފައެވެ.  

 ” ބީއެމްއެލް ކިޔަވާ ލޯނަކީ ދަރިވަރުންނަށް މަތީ ތަޢުލީމު ހޯދުމަށް ލިބިގެންދާ ފަހި ފުރުސަތެއް. 1 ފެބްރުވަރީ އިން ފެށިގެން ކިޔަވާ ލޯނުގެ އިންޓަރެސްޓް 9 އިންސައްތައިން 5 އިންސައްތައަށް ދަށްކުރެވިގެންދާނެކަން އުފަލާއެކު ފާހަގަކޮށްލަން. މި ބަދަލާއެކު، ކުރިން ނަގާފައިވާ، ބީއެމްއެލް ކިޔަވާ ލޯނުތަކުގެ ރޭޓްވެސް، 5 އިންސައްތައް އަށް  ބަދަލުވެގެންދާނެ.”

ފާއިތުވި 40 އަހަރުތެރޭގައި ރާއްޖެއަށް މުޅިން އަލަށް ތައާރަފްކުރި ހިދުމަތްތަކަށް އަލި އަޅުވާލަމުން ޔޫޝަޢު އިތުރަށް ވިދާޅުވީ ދިވެހިންގެ މެދުގައި މަގުބޫލު އަދި މާލީ ދާއިރާގައި އެ ހިދުމަތްތަކަކަށް އާންމުން މިހާރު އަހުލުވެރިވެފައިވާ ގިނަ ހިދުމަތްތަކަކީ ބޭންކުން ފުރަތަމަ ތައާރަފްކުރި ހިދުމަތްތަކެއް ކަމަށެވެ.

“އޭޓީއެމް އިން ފެށިގެން ކާޑުގެ ހިދުމަތްތަކާއި، އިންޓަރނެޓް ބޭންކިންގ، ޕީއޯއެސް މެޝިން އަދި ނަގުދު ފައިސާއާ ނުލާ ދެވޭ ހިދުމަތްތައް ހިމެނޭ. އަޅުގަނޑުމެންގެ ވިއުގަ ފުޅާވުމާއެކު ކޮންމެ ފަރުދެއްގެ ދިރިއުޅުމާވެސް މިވަނީ ގުޅިފަ. އެހެންކަމުން އަޅުގަނޑުމެންނަށް އަމާޒުވާ ފާޑުކިޔުންތައްވެސް އިތުރުވޭ. އަޅުގަނޑު މި ފުރުސަތުގައި ކަސްޓަމަރުންނަށް ޔަގީންކަން އަރުވަނީ ކަސްޓަމަރުން ބޭނުންވާފަދަ ހިދުމަތްތައް، އިތުރު ފުރިހަމަކަމާއެކު ދިނުމަށް ކުރިޔަށް އޮތްތާނގައި ކެނޑިނޭޅި މަސައްކަތްކުރަމުންދާނެކަން. މިގޮތުން ޑިޖިޓަލް ހިދުމަތްތަކަށް އިސްކަންދީ އެންމެހާ ކަސްޓަމަރުން އިހުތިޔާރުކުރާ ބޭންކުގެ ގޮތުގައި ދެމިއޮންނާނަން.”

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 82 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 140 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.