ބީއެމްއެލް އުފެއްދެވުމުގައި އިސްދައުރެއް އަދާކުރެއްވި ފަރާތްތަކުގެ އަގުވަޒަންކޮށް ޝަރަފުވެރި އެވޯޑެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އުފެއްދެވުމުގައި އެންމެ އިސްދައުރެއް އަދާކުރެއްވި ކުރީގެ ރައީސް މަޢުމޫން އަބްދުލްޤައްޔޫމް އާއި އަލްމަރްޙޫމް އިސްމާޢިލް ފަތުޙީ ކޮށްދެއްވި އަގުހުރި މަސައްކަތްތައް ފާހަގަކޮށް އެފަރާތްތަކަށް ޝަރަފުވެރި އެވޯޑެއް އަރުވައިފިއެވެ.

ބޭންކުގެ 40 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް މިރޭ ބޭއްވުނު ހަފްލާއެއްގައި މި އެވޯޑްތައް ހަވާލުކޮށްދެއްވާފައިވާނީ ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙްއެވެ.

ދިވެހި ސަރުކާރުގެ 60 އިންސައްތަ ހިއްސާ ހިމެނޭހެން ބަންގްލަދޭޝްގެ އިންޓަރނޭޝަނަލް ފައިނޭންސް އިންވެސްޓްމަންޓް ކޮންޕެނީއާއެކު ބޭންކް އޮފް މޯލްޑިވްސް އުފައްދަވައި، ބޭންކުގެ ކޮމާޝަލް އޮޕަރޭޝަންތައް ފައްޓަވާދެއްވުމުގެ ބިންގާ އަޅުއްވައިދެއްވި، ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް އާއި އަލްމަރްޙޫމް އިސްމާޢިލް ފަތުޙީ ވަނީ ބޭންކަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ. މި ދެބޭފުޅުންނަކީވެސް ރާއްޖޭގައި ބޭންކިންގ ހިދުމަތް ކުރިއަރުވައި ތަރައްގީކުރުމުގެ މޭސްތިރިންނެވެ.

މީގެ އިތުރުން ބޭންކަށް 40 އަހަރުގެ ދިގު މުއްދަތަކަށް ހިދުމަތްކުރައްވަމުން ގެންދަވާ މުވައްޒަފުންކަމަށްވާ ޢާއިޝަތު ނޫރައްދީން، ފާތިމަތު މަނިކެ އަދި މުސާ މުޙައްމަދުގެ އަގުވަޒަންކޮށް މިރޭ ވަނީ އެވޯޑް ހަވާލުކޮށްދީފައެވެ.

ބޭންކް އޮފް މޯލްޑިވްސްއަކީ މިއަދު ރާއްޖޭގައި އެންމެ ބޮޑު ބޭންކިންގ ވިއުގައާއެކު ހިދުމަތް ދެމުންދާ ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނަ ވަޒީފާގެ ފުރުސަތުދީފައިވާ އެއް ކުންފުންޏެވެ. ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ފަޚްރުވެރި ދިވެހިންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.