މިއަހަރު ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 11 އިން އަލަށް ޖާގަދެވުނު ދަރިވަރުންގެ ކިޔެވުން އަންނަ މޭ މަހުގެ ފަސްވަނަ ދުވަހު ފަށާނެކަމަށް އެ ސްކޫލުން ބުނެފި އެވެ.
މަތީ ސާނަވީ އަށް ކިޔަވައިދޭ ސްކޫލުތަކުގައި އޭލެވެލް ކްލާސްތަކުގެ ކިޔެވުން އާއްމު ގޮތެއްގައި ފަށަނީ ޖޫން މަހުގައި ނަމަވެސް، ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނީ މިއަހަރު އެ ސްކޫލުގެ ގްރޭޑް 11 އަށް އަލަށް ޖާގަ ދެވުނު ކުދިންގެ ކިޔެވުން އަވަހަށް ފަށަން ނިންމީ ސިލަބަސް އަވަހަށް ނިންމައި، ފިލާވަޅުތައް މުތާލިއާ ކުރުމުގައި ދަރިވަރުންނަށް ގިނަ ވަގުތު ދިނުމަށް ކަމަށެވެ.
ތައުލީމީ މަރުކަޒުން ބުނިގޮތުގައި އޭ ލެވެލް އަށް ކިޔެވުމަށް މުޅިން އަލަށް ބައިވެރިވިކުދިންނަށް ހިންގާ އޮރިއެންޓޭޝަން ޕްރޮގްރާމް އޮންނާނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހު އެވެ.
ތައުލީމީ މަރުކަޒުން ބުނީ މިއަހަރު އެ ސްކޫލުގެ ގްރޭޑް 11 އަށް ވަދެވޭ ދަރިވަރުންގެ ލިސްޓް ސްކޫލުގެ ވެބްސައިޓްގައި އާއްމުކުރެވިފައިވާނެ ކަމަށެވެ. މި އަހަރު ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 11 އިން 58 ދަރިވަރުންނަށްވަނީ ޖާގަ ދީފައެވެ.

