ދަރަވަންދޫ ބަނދަރު ތަރައްގީ ކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

ބ . ދަރަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ސަރުކާރުން މިއަދު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް، އަލްފާޟިލާ ފާތުމަތު ޝާނާ ފާރޫގެވެ.

ދަރަވަންދޫގައި އޮތް ބަނދަރަކީ މިހާރު އެރަށުގައި ފުޅާވަމުން އަންނަ އިޤްތިޞާދުގެ ބޭނުންތައް ފުއްދުމަށް އެކަށީގެންވާ ވަރަށްވުރެ ކުޑަ ބަނދަރެކެވެ. ހަމައެހެންމެ، އެ ރަށު ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީވެސް ރަށުގެ ބަނދަރު އޮތް ހާލަތާއި، ބަނދަރުގެ ބޭނުންކުރުމުގައި އޮތް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑުވުމެވެ. އަދި، ރަށުގެ އިޤްތިޞާދު ކުރިއެރުވުމަށްވެސް ރަށަށް މިވަގުތު ބޭނުންވެފައިވާ އެންމެ މުޙިންމު އެއް ވަސީލަތަކީ ޖާގަ ތަނަވަސް، ފެންވަރު ރަނގަޅު ބަނދަރެއް އޮތުންކަމުގައި ދަރަވަންދޫ ރައްޔިތުން މިއަދު ދެކެއެވެ.

އެގޮތުން ދަރަވަންދޫ ބަނދަރަކީ ގިނަ ދުވަސްތަކެއްވެފައިވާ ބަނދަރެއްކަމުން ވަރަށް ބޮޑު މަރާމާތަކަށްވެސް ބޭނުންވެފައި އޮތް ބަނދަރެކަށްވާއިރު، ބަނދަރުގެ ބޭރު ހިލަ ތޮށިވަނީ ވަރަށް ބޮޑަށް ރޫޅި އެކި ދިމަދިމާލުން ފައިބައިގެން ގޮސްފައެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ސަބަބުން ރަށުގެ ބަނދަރުގެ ޖާގަ ތަނަވަސްވެ، ބޭރުތޮށި އައުވުމުގެ އިތުރުން ކޮންކްރީޓް ޖެޓީއަކާއިއެކު ނެރު ވެސް ބަދަލުކުރެވިގެން ދާނެ ކަމަށެވެ. އަދި ބަނދަރުގައި ރޭމްޕެއް ހެދުމާއެކު، ކޮޅުވެއްޓި ފަދަ އުޅަނދުތަކަށް ފަސޭހައިން ގާތްކޮށް މުދާ ބޭލުމާއި ލަފާފުރުމުގައި އެތަކެއް ލުއިފަސޭހަތަކެއް ލިބޭނެކަމުގައި އެ ކުންފުނިން ދެކެމެވެ.

އެގޮތުން ބަނދަރު ތަރައްޤީކުރެވި ފުރިހަމަވެގެންދިޔުމަކީ ލަފާފުރުމުގެ ފަސޭހަކަމުގެ އިތުރުން އިޤްތިސާދީގޮތުން ބެލިކަމުގައި ވިޔަސް މިކަމުގެ ފައިދާ ދަރަވަންދޫގެ ރައްޔިތުންނަށް އިންތިހާއަށް ލިބިގެންދާނެ މުހިއްމު މަޝްރޫއެއްގެ ގޮތުގައި އެ ކުންފުނިން ޤަބޫލުކުރަމެވެ.

މި މަޝްރޫރުގެ ދަށުން، 30،504 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަ ބޭސިން ފުންކުރުމާއި، 1،843 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 4126 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ރޭމްޕް ސަރަހައްދު ފުންކުރުމާއި، 2301 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމުގެ އިތުރުން 352 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލާނެ އެވެ. އަދި 83 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓެއް ޖެހުމާއި، 24 މީޓަރުގެ ސަރަޙައްދެއްގައި ގްރައިންސް ޖެހުމާއި، 248 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ޖެޓީއެއް ހެދުމާއި، 2،104 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި އަދި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސަސްމަންޓެއް ހެދުމަށް ފަހުއެވެ. މި މަޝްއަކީ 55.48 މިލިއަން ރުފިޔާއަށް 365 ދުވަސް ތެރޭ ނިންމުމަށް ހަވާލުކުރެވިފައިވާ މަޝްރޫއެކެވެ.

 ވޭތުވެދިޔަ 42 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްއުޢުތަކެއް ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.