
ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ 2023 ވަނަ އަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި ބ. އަތޮޅުގެ ހަތަރު ރަށަކުން ބައިވެރިވެއްޖެ އެވެ.
މުބާރާތުގައި ބ. އަތޮޅުން ވާދަކުރަނީ އޭދަފުށ، ފެހެންދޫ، ކެންދޫ އަދި ތުޅާދޫ އެވެ. 2015 ވަނަ އަހަރު ބޭއްވި ގޯލްޑެން ފުޓްސަލްގެ ފުރަތަމަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ހިތާދޫ މިއަހަރު ވާދައެއްނުކުރެ އެވެ.
މަޝްހޫރު ފުޓްސަލް ކުޅުންތެރިން ނިސްބަތްވާ ހިތާދޫ މިދިޔަ ތިން އަހަރު ވެސް މުބާރާތުގައި ވާދަކޮށް އަތޮޅު ޗެމްޕިއަންކަން ލިބޭގޮތެއްނުވި އެވެ. މިއަހަރުގެ މުބާރާތުގައި ހިތާދޫ ވާދަނުކުރާތީ އެރަށުގެ މަޝްހޫރު ބައެއް ކުޅުންތެރިން ރަޖިސްޓްރީ ބަދަލުކޮށް އެހެން ރަށްތަކަށް އަންނަނީ ކުޅެމުންނެވެ.
ބ. އަތޮޅު ބުރުގެ މެޗުތައް ފަށާނީ މި މަހުގެ 14 ވާ އަންގާރަ ދުވަހުގެ ރެ އެވެ. އަނެއް މެޗުތައް އޮންނާނީ މި މަހުގެ 20 ވަނަ ދުވަހާއި 22 ވަނަ ދުވަހު އެވެ. އަތޮޅު ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 ވަނަ ދުވަހު އެވެ.
ހަތަރު ރަށުން ބައިވެރިވެފައިވާތީ މުބާރާތް ކުރިއަށްދާނީ އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމު ފައިނަލުގައި ކުޅޭ ގޮތަށެވެ. އެހެން އަހަރުތަކުގައި ލީގު ބުރު ކުޅުމަށް ފަހު އެއްވަނަ ޓީމަށް އަތޮޅު ޗެމްޕިއަންކަން ލިބެ އެވެ. އެކަމަކު މިފަހަރުގެ މުބާރާތަށް ގެނައި ބަދަލާ އެކު ޗެމްޕިއަންކަން ކަނޑައަޅަށް ފައިނަލެއް ކުޅޭނެ އެވެ.
މި މުބާރާތުގައި ކެންދޫ އާއި ފެހެންދޫ ވާދަކުރާ މިއީ ފުރަތަމަ ފަހަރެވެ. ތުޅާދޫ އަކީ ގަވައިދުން މުބާރާތުގައި ވާދަކުރަމުން އަންނަ ރަށެކެވެ.
މިފަހަރު ވާދަކުރާ ހަތަރު ރަށުގެ ތެރެއިން އޭދަފުށި ވަނީ 2019 ވަނަ އަހަރުގެ ފައިނަލުގައި ވާދަކޮށް ތ. ތިމަރަފުށި އަތުން ބަލިވެފަ އެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުގައި އޭދަފުށި ކެޓީ ދ. ކުޑަހުވަދޫ އަތުންނެވެ.
ގޯލްޑެން ފުޓްސަލްގެ މެޗުތައް ފޯރިއާއެކު ކުރިއަށްދާއިރު މިފަހަރުގެ މުބާރާތުގައި 102 ޓީމު ބައިވެރިވި އެވެ. މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅޭނީ ހުޅުމާލޭ ރެހެންދި ފުޓްސަލް ޓާފްގަ އެވެ.
ބ. އަތޮޅު މެޗު ޝެޑިއުލް
14 ފެބްރުވަރީ
ފެހެންދޫ – އޭދަފުށި (20:00)
ކެންދޫ – ތުޅާދޫ (21:00)
20 ފެބްރުވަރީ
އޭދަފުށި – ކެންދޫ (20:00)
ތުޅާދޫ – ފެހެންދޫ (21:00)
22 ފެބްރުވަރީ
ފެހެންދޫ – ކެންދޫ (23:00)
އޭދަފުށި – ތުޅާދޫ (23:00)
25 ފެބްރުވަރީ 20:00 (ފައިނަލް)