އޭދަފުށި ފުޓްސަލް ޓީމުގެ ޖާޒީ ޕްރީ އޯޑަރަށް ހުޅުވާލައިފި

ގޯލްޑެން ފުޓްސަލް ޗެލެންޖުގައި ވާދަކުރާ އޭދަފުށީ ފުޓްސަލް ޓީމުގެ ހޯމް އަދި އަވޭ ޖާޒީ ޕްރީ އޯޑަރަށް ހުޅުވާލައިފި އެވެ.

އޭދަފުށި ފުޓްސަލް ޓީމު މިފަހަރުގެ މުބާރާތަށް ވެސް ނެރެނީ ޔުނައިޓެޑް ވީ އެވެ. މިދިޔަ ތިން މުބާރާތުގައި ވެސް ގޯލްޑެން ފުޓްސަލް ޗެލެންޖުގައި ޔުނައިޓެޑް ވީ އިން ވަނީ އޭދަފުށި ތަމްސީލުކޮށްފަ އެވެ.  

ޓީމުގެ ޖާޒީ ޕާޓްނަރަކީ މަޝްހޫރު ޖާޒިއާ އެވެ. ޖާޒީ ފަރުމާކުރީ އޭދަފުއްޓަށް އުފަން ޑިޒައިނަރު އިބްރާހީމް މުނައްވަރު (މުންކޮ) އެވެ. އެހެން ފަހަރުތަކާ ހިލާފަށް މިފަހަރުގެ ދެ ޖާޒީ ރަމްޒުކޮށްދޭނީ އޭދަފުށީގެ ތާރީހާއި އެކުވެރިކަމާއި އެއްބައިވަންތަކަމެވެ.

ހޯމް ޖާޒީ އިން ދައްކުވައިދެނީ އޭދަފުށީގެ މަގުތައް ގޮސް އެއް އަމާޒަކަށް ގުޅޭ ތަނެވެ. އަވޭ ޖާޒީ އިން ދައްކުވައިދެނީ، އެކަމަކުން އޭދަފުށި މުޅި ރާއްޖެ އަށް މަޝްހޫރި “ފޭލި” އެވެ. ފޭލި ވިޔުމަށް އެންމެ މަޝްހޫރު ރަށަކަށް އޭދަފުށި ވެގެންދިޔައިރު އަވޭ ޖާޒީގެ ބައްޓަށް ގެނެސްފައިވަނީ ފޭލީ ރަމްޒުކޮށްދޭ ގޮތަށެވެ.

ޔުނައިޓެޑް ވީ އިން ބުނީ މުޅި ރަށް ޝާމިލްވާހެން ޖާޒީ ފަރުމާކުރަން ނިންމީ، ޖާޒީ އިން ރަށުގެ ތާރީހާއި އެއްބައިވަންތަކަން ގެނެސްދިނުމަށް ކަމަށެވެ. އަދި، ސަޕޯޓަރުން މި ޖާޒީ ޕްރީ އޯޑަރ ކުރުމަށް ޔުނައިޓެޑް ވީ އިން އެދެ އެވެ.

“އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން ވީހާވެސް ގިނަ ސަޕޯޓަރުން އޭދަފުށީގެ ޖާޒީ ޕްރީ އޯޑާ ކުރުމަށް. އެއީ ޓީމަށް ވެސް ދެވޭނެ ވަރަށް ބޮޑު އެހީއެއް. އަނެއްކާ ކުޅުންތެރިންނަށް ވެސް ލިބޭނެ ހިތްވަރެއް” ޔުނައިޓެޑް ވީގެ އިސް އޮފިޝަލް ބުންޏެވެ.

އޭދަފުށި ފުޓްސަލް ޓީމުގެ އޮފިޝަލް ޖާޒީގެ މެއިން ސްޕޮންސަރަކީ އަވަސް ރައިޑް އެވެ. ކޯ ސްޕޮންސަރުންނަކީ މެޑްޓެކް މޯލްޑިވްސް އާއި އެއިޓީ ފޯ އެވެ.

ޔުނައިޓެޑް ވީ އިން ވަނީ ޓީމުގެ ޕްރެކްޓިސް ޖާޒީ ވެސް ލޯންޗްކޮށްފަ އެވެ. ޕްރެކްޓިސް ޖާޒީގެ ސްޕޮންސަރުންނަކީ އެއިޓީ ފޯ، ހޯރަ ޕެޓްސް، ހޭންގްއައުޓް ގެލާޓޯ އެންޑް ކެފޭ އަދި ފްރެންޑް މީ އެވެ.

ޖާޒީއާ ގުޅޭ އިތުރުން މައުލޫމާތު ޔުނައިޓެޑް ވީގެ ނަންބަރު (7571584) އަށް ގުޅުމުން ލިބޭނެ އެވެ.

ޔުނައިޓެޑް ވީ އިން ވަނީ ޖާޒީ ސްޕޮންސަރުންނަށް ހާއްސަ ޝުކުރެއް އަދާކޮށްފަ އެވެ. އަދި، މުބާރާތަށް ޓީމު ނެރުމުގައި އޭދަފުށީ ކައުންސިލުން ވެދޭ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް ފުޓްސަލް ޓީމުން ވަނީ ކައުންސިލަށް ޝުކުރުއަދާކޮށްފަ އެވެ.

މިފަހަރުގެ މުބާރާތުގައި ބ. އަތޮޅުން ވާދަކުރަނީ ހަތަރު ރަށެވެ. ފުރަތަމަ މެޗުގައި އަންނަ އަންގާރަ ދުވަހުގެ ރޭ އޭދަފުށި ނުކުންނާނީ ފެހެންދޫއާ ދެކޮޅަށެވެ. މި ދެ ރަށުގެ އިތުރުން މުބާރާތުގައި ވާދަކުރަނީ ތުޅާދޫ އާއި ކެންދޫ އެވެ. 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.