ރޯޔަލް ފިނޮޅުގައި ޕިކްނިކް އައިލެންޑެއް ތަރައްގީކުރަން ކުއްޔަށްދީފި

ބ. އަތޮޅު ރޯޔަލް އައިލެންޑް ރިސޯޓް ކައިރީގައި އޮންނަ ވިލިގިފަރު ފިނޮޅުގައި (ރޯޔަލް ފިނޮޅު) ޕިކްނިކް އައިލެންޑެއް ތަރައްގީކުރަން، 12 މިލިއަން ރުފިޔާ އަށް ދިހަ އަހަރު ދުވަހަށް އަމިއްލަ ފަރާތަކަށް ކުއްޔަށްދީފި އެވެ.

ބ. އަތޮޅު ކައުންސިލުން ބުނިގޮތުގައި އެ ކައުންސިލު އިދާރާގެ ބެލުމުގެ ދަށުގައި ހުރި ފިނޮޅުތައް ދިހަ އަހަރު ދުވަހަށް ކުއްޔަށްހިފަން ހުޅުވާލުމާ ގުޅިގެން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން، ވިލިގިލިފަރު ފިނޮޅަށް ހުށަހެޅި ޕްރޮޕޯސަލް ކާމިޔާބުކުރީ މާލެ، މއ. ފްރީޕާކް، މުހްދިން އާމިރެވެ.
މުހްދިން އާމިރު 10 އަހަރު ދުވަހަށް އެ ފިނޮޅު ކުއްޔަށް ނެގީ 12 މިލިއަން ރުފިޔާއަށެވެ.

ވިލިގިލިފަރު ފިނޮޅުގައި ޕިކްނިކް އައިލެންޑެއް ތަރައްޤީކޮށް ހިންގުމުގެ އެއްބަސްވުމުގައި މިދިޔަ ބުރާސްފަތި ދުވަހު ވަނީ ބ. އަތޮޅު ކައުންސިލާއި މުހްދިން އާމިރު އާއި ދެމެދު އެއްބަސްވުމުގައި ސޮއިކޮށް އެރަށް އެ ފަރާތާ ހަވާލުކޮށްފަ އެވެ.


މި އެއްބަސްވުމުގެ ދަށުން އެއް އަހަރު ދުވަހުގެ ތެރޭގައި ވިލިގިފަރު ފިނޮޅު ޕިކްނިކް އައިލެންޑެއް ކޮންސެޕްޓަށް ތަރައްގީކޮށް އާއްމުންނަށް ހުޅުވާލާނެ އެވެ.

އެހެންކަމުން މިހާރު ރޯޔަލް ފިނޮޅަށް އެރުމާއި ބޭނުންކުރަންވާނީ އެ ފަރާތުގެ ހުއްދަ (ގުޅޭނެ ނަންބަރު: 7778139) ހޯދުމަށްފަހުކަމަށް ބ.އަތޮޅު ކައުންސިލުން ވަނީ އަންގައިފައެވެ.

ބ. އަތޮޅުގެ ހަތަރު ފިނޮޅެއް ވަގުތީގޮތުން ބެލެހެއްޓުމަށް 2022 ވަނަ އަހަރު ވެސް ތިން ފަރާތަކަށް ކުއްޔަށްދިނެވެ. މި 4 ފިނޮޅު ކުއްޔަށް ދީގެން މިދިޔަ އަހަރު ކައުންސިލަށް 2.5 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ހޯދާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.