
މިދިޔަ 2021 ވަނަ އަހަރުގެ ލޯކަލް ކައުންސިލް ޕާފޯމަންސް އިންޑެކްސްގެ ނަތީޖާތަކަށް ބަލައި އެންމެ ރަނގަޅަށް މަސައްކަތްކުރި ކައުންސިލުތަކުގެ ތެރޭގައި ހިމެނިގެން ބ. ފެހެންދު ކައުންސިލުން ރަނަހަމާންތި ދަރަޖަ ހޯދައިފި އެވެ.
މި ދަރަޖަ ފެހެންދޫ ކައުންސިލުން ހޯދާފައިވަނީ ކައުންސިލްތަކުން ކުރާ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ލޯކަލް ގަވަމެންޓު އޮތޯރިޓީ (އެލްޖީއޭ) އިން ދޭ “ކަންގަތި” އެވޯޑުގެ ތެރެއިންނެވެ.
ކަންގަތި އެވޯޑް ދެނީ ކައުންސިލްތަކުގެ މަސައްކަތްތަކާ ބެހޭގޮތުން ކައުންސިލްތަކުން ހުށަހެޅި ހެކިތަކުގެ މައްޗަށް ބިނާކޮށެވެ. މި އެވޯޑް ދިނުމަށް ކައުންސިލްތައް ހަތަރު ބަޔަކަށް ރޭންކް ކޮށްފައިވެ އެވެ. އެއީ އަތޮޅު ކައުންސިލްތަކުގެ ނަތީޖާތަކަށް ބަލައި ދެވޭ ގަދަހަމާންތި ދަރަޖަ އާއި ރަށު ކައުންސިލްތަކުގެ ނަތީޖާތަކަށް ބަލައި ދެވޭ ރަނަހަމާންތި ދަރަޖަ އާއި ސަބް އިންޑެކްތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ރަށް އަދި އަތޮޅު ކައުންސިލަށްދޭ އމާރަދަ ހަނދާނީ ފިލާގެ އިތުރުން ފާއިތުވެދިޔަ އަހަރުގެ ނަތީޖާއާ އަޅާ ބަލާއިރު، އެންމެ ބޮޑު ކުރިއެރުން ހޯދި އަތޮޅު އަދި ރަށު ކައުންސިލަށްދޭ ކާންނަ ހަނދާނީ ފިލާ އެވެ.
2021 ވަނަ އަހަރު ގަދަހަމާންތި ދަރަޖަ ހޯދާފައިވާ އަތޮޅު ކައުންސިލްތަކަކީ:
1- ށ. އަތޮޅު ކައުންސިލް
2- ފ. އަތޮޅު ކައުންސިލް
3- ލ. އަތޮޅު ކައުންސިލް
ރަނަހަމާންތި ދަރަޖަ ހޯދާފައިވާ ރަށު ކައުންސިލްތަކަކީ:
1- ބޮޑުފުޅަދޫ ކައުންސިލް
2- ފެހެންދޫ ކައުންސިލް
3- ތުރާކުނު ކައުންސިލް
ފެހެންދޫ ކައުންސިލުގެ އިތުރުން މިއަތޮޅު ކަމަދޫ ކައުންސިލަށް ވަނީ ކުރީ އަހަރުގެ ނާތީޖާއާ އަޅާ ބަލާއިރު އެންމެ ބޮޑު ކުރިއެރުމެއް ހޯދައިގެން ލިބޭ ”ކާންނާ ހަނދާނީ ފިލާ“ ހާސިލު ކޮށްފައެވެ. މި ބައިން ހޮވިފައިވާ އަތޮޅު ކައުންސިލަކީ މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލެވެ.
އެ އެވޯޑު ލިބޭ ރަށްތަކާއި އަތޮޅު ކައުންސިލްތައް އިއުލާން ކޮށްފައިވާއިރު އެވޯޑް ދިނުމުގެ ހަފްލާ ބާއްވާނެ ދުވަހެއް ފަހުން އިއުލާން ކުރާނެ ކަމަށް އެލްޖީއޭން ބުންޏެވެ.